މައި ކަޕް 2019: ޔުނައިޓެޑް ޔޫތުން މުބާރާތް ކާމިޔާބުކޮށްފި

21 ޑިސެމްބަރު 2019 1

އިއްޔެ ހަވީރު ކުޅުނު މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ދިއްދޫގެ ހީވެސް ނުވޭ ސްޕޯޓްސް ކުލަބު 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތުން ހޯދައިފިއެވެ.

އިއްޔެގެ މެޗުގެ ހަމައެކަނި ގޯލު، މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ޔުނައިޓެޑް ޔޫތަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮަޅުކުންތެރިއަކަށް ހޮވުނު ހާމިދު ނަޝީދެވެ.

އިއްޔެގެ މެޗަށްފަހު މުބާރާތުގެ އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކުރުން އޮތެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހެޅިފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހީވެސްނުވޭ ސްޕޯޓްސް ކުލަބު ފައިނަލަށް ގެންގޮސް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެޓީމުގެ ހައިޝަމް ރަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންވީކޭ ޓީމަށް 2 ގޯލު ޖަހައިދިން ހުސައިން ނާޝިދެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ އެޓީމުގެ އިބްރާހީމް ހާމިދެވެ.

މުބާރާތުގައި ކާމިޔާބުކުރި 7 ގޯލާއެކު ރަންބޫޓް ލިބިފައިވަނީ އެންމެ މޮޅު ފޯވާޑް ކުޅުންތެރިއާއަށް ހޮވުނު ޔުނައިޓެޑް ޔޫތުގެ މުޙައްމަދު ފާރިސް އިބްރާހީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ޔުނައިޓެޑް ޔޫތުގެ ދިއްދޫ ކުޅުންތެރިޔާ އާދަމް ނަސީމް ހޮވުނުއިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެޓީމުގެ މުޙައްމަދު އައްފާނެވެ. އައްފާނުވަނީ މުބާރާތުގެ ކުއާޓަރ އަދި ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖެހިއިރު އިދިކޮޅު ޓީމުން ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް ޓީމު ފައިނަލަށް ގެންދިއުމިގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ކުޅިމަގު ޓީމުގައި މޮޅު ކުޅުމެއްދެއްކި ޢަބްދުﷲ އިހްވާން ހޮވުނުއިރު ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ އެންވީކޭ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔުނައިޓެޑް ޔޫތަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ޙުސައިން ފަޔާޒެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Thee united youth hagu vanaye

– 21 ޑިސެމްބަރު 2019 0