މައި ކަޕް 2019: ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ ފުރަތަމަ އަހަރު ފައިނަލަށް

18 ޑިސެމްބަރު 2019 0

ފަހަތުން އަރައި މެޗު އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 7-8 އިން ކުޅިމަގު ބަލިކުރުމަށްފަހު، މުބާރާތުގެ ބައިވެރިވި ފުރަތަމަ އަހަރު ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބުން ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

ރޭ ކުޅެވުނު މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ކުޅިމަގުގެ މުޙައްމަދު ޝިފާއު ލަނޑެއްޖަހައި އެޓީމަށް ލީޑު ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 30 ވަނަ މިނެޓްގައި ކުޅިމަގު ޓީމުގެ ޢަލީ ފަވާޒު އިތުރު ގޯލެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދިނުމުން ކުޅިމަގު މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ފައިނަލުން ޖާގައެއް ހޯދާނެކަމަށް ބެލެވުނެވެ.

ނަމަވެސް ދެވަނަ ހާފުގައި ހީވެސްނުވޭ ސްޕޯޓްސް ކުލަބުން ދެގޯލު ކާމިޔާބުކުރުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ. ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ ފުރަތަމަ ގޯލު މެޗުގެ 49 ވަނަ މިނެޓުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ހައިޝަމް ރަޝީދެވެ. އަދި އެޓީމުގެ ދެވަނަގޯލު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަތުޙުﷲ ޖަމީލެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ހީވެސްނުވޭ ސްޕޯޓްސް ކުލަބު ބައްދަލުކުރާނީ އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް މެޗުން އެންވީކޭ ބަލިކުރުމަށްފަހު ފައިނަލުން ޖާގަހޯދި ޔުނައިޓެޑް ޔޫތާއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ