މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ފައިނަލަށް

18 ޑިސެމްބަރު 2019 0

މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް މެޗުން ވާދަވެރި އެންވީކޭ 5-3 އިން ބަލިކުރުމަށްފަހު ޔުނައިޓެޑް ޔޫތުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވީކޭގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކުރި ޔުނައިޓެޑް ޔޫތުގެ ޑިފެންޑަރ އާދަމް ނަސީމެވެ.

މެޗުގެ ދެވަނަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔުނައިޓެޑް ޔޫތުގެ ފާރިސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވައިލުމުން އެޓީމުން ކުޅެމުންއައީ އެކަކު މަދުކޮށެވެ.

އިއްޔެގެ މެޗުން ބަލިވި އެންވީކޭ ޓީމުގެ ކޯޗު ހަމްޒާ އިބްރާހީމް ބުނީ މުބާރާތުގައި ދައްކަމުން އައި ކުޅުން އެންމެ ފުރިހަމައަށް އިއްޔެގެ މެޗުގައި ނުދެއްކޭ ކަމަށެވެ. "ނުކުޅެވިގެން ބަލިވީ. ކުރީގެ މެޗުތަކުގައި ފެނުނު ކުޅުން ދެއްކުނުނަމަ މެނަލްޓީއާ ހަމައަކަށް ނުދޭނެ" ހަމްޒާ ބުންޏެވެ.

ހުނަރުގެ ގޮތުން މޮޅެތި ކުޅުންތެރިންނާއެކު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ނަތީޖާ ނެރެމުންއައި އެންވީކޭގެ މައްޗަށް ކުރިހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރަމުން ޔުނައިޓެޑް ޔޫތު ޓީމުގެ ކޯޗު ޙުސައިން ފަޔާޒުވަނީ މެޗުން މޮޅުވުމަށް ޓީމުގެ ހުރިހައި ކުޅުންތެރިން ކުރިހިތްވަރާއި ދެއްކި ކުޅުމަށް ތަޢުރީފުކޮށްފައެވެ. އަދި އިއްޔެގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޔުނައިޓެޑް ޔޫތު ޓީމުގެ ގޯލް ކީޕަރަށް ހަވާލު ކުރި މަސައްކަތް ފުރިހަމަ ކޮށްފިކަމަށްބުނެ ކީޕަރަ އައްފާނު ދެއްކި ކުޅުމަށް ކޯޗް ފަޔާޒުވަނީ ތަޢުރީފްކޮށްފައެވެ.

އިއްޔެގެ މޮޅާއެކު ޔުނައިޓެޑް ޔޫތުގެ ކޯޗު ޙުސައިން ފަޔާޒުވަނީ ޖެހިޖެހިގެން 3 ފައިނަލް ކުޅުނު ކޯޗުގެ ގޮތުގައި މާރަންދޫގެ މުޙައްމަދު މޫސާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފައެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ޔުނައިޓެޑް ޔޫތު ނިކުންނާނީ ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ