މައި ކަޕް 2019: ރަށުގައި ތަށި ބެހެއްޓާނެކަމުގެ ޔަޤީންކަން ދިނުން ކުޅިމަގަށް

17 ޑިސެމްބަރު 2019 0

މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނަ ކުޅިމަގު ޓީމަށް، މައި ކަޕްގައި ބޮޑު ކާމިޔާބީއެއް ހޯދިފައި އަދިނެތްކަމުގައިވިއަސް އެޓީމަށް މިރޭ ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ މިއަހަރުގެ މައި ކަޕް ތަށި އިހަވަންދޫގެ ފަސްގަނޑުގައި ހުންނާނެކަމުގެ ޔަޤީންކަން އިހަވަންދޫގެ ރައްޔިތުންނަށް ދިނުމެވެ.

ހީވެސް ނުވޭ ސްޕޯޓްސް ކުލަބީ މައި ކަޕަށް ވަރަށް ހަގު ޓީމެކެވެ. މިއީ އެޓީމުން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކުޅިމަގަކީ މައި ކަޕަށް ފަރިތަ ނަމެއް ނަމަވެސް، މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލަށްވުރެއް ދުރަށް އެޓީމަކަށް ދަތުރުކުރުވެފައެއް ނުވެއެވެ. މި އަހަރުގެ އިތުރުން ކުޅިމަގު ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ ޗެމްޕިއަންކަން ހޯދި ޖަންގަލްއާ ދެކޮޅަށް ސެމީ ފައިނަލްގައި ބައްދަލުކުރި މެޗުން 1-0 އިން ބަލިވެ ފައިނަލާމެދު ދެކެމުން އައި ހުވަފެން ނިމުނީއެވެ.

ނަމަވެސް މިއަހަރު ކުޅިމަގު ޓީމު ފެންނަނީ އާދަޔާ ހިލާފު ރޫހެއްގައެވެ. ކުޅުނު ހުރިހައި މެޗަކުން އިތުބާރާއެކު ފަސޭހަކަމާއެކު މޮޅުވެ ސެމީއާ ހަމައަށް އައިއިރު އެޓީމުންވަނީ 9 ގޯލު ޖަހައިފަ އެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ހަނިގޮތަކަށް ކުއާޓަރ ފައިނަލުން ޖާގަހޯދައި ފަސޭހަ ކަމާއެކު 4-1 އިން ސެންސިޓީ ބަލިކޮށް ސެމީން ޖާގަ ހޯދި ހީވެސް ނުވޭ ސްޕޯޓްސް ކުލަބަށް މުބާރާތުގައި 7 ގޯލު ޖެހިފައިވާއިރު އެޓީމުގެ ގޯލަށް 5 ލަނޑުވަނީ ވަދެފައެވެ.

އެހެންކަމުން ކަރުދާހުގައި ލިޔެފައިވާ އަދަދުތަކުން މިރޭގެ މެޗު ބޮޑަށް ބުރަވަނީ ކުޅިމަގު ކޮޅަށެވެ. ނަމަވެސް ފުޓްބޯޅައަކީ ހިސާބު ޖަހައިގެން ނަތީޖާ ނެރެވޭނެ ކުޅިވަރެއް ނޫނެވެ. މޮޅަށް ކުޅެ ލިބޭ ފުރުސަތުތަކުގެ ބޭނުންހިފާ ޓީމަކަށް ކާމިޔާބު ލިބޭނެއެވެ. ކުލަބު ޕޯލްސްޓަރ އިން 2012 ވަނަ މައި ކަޕް މުބާރާތް ބާއްވަން ފެށީންސުރެއް ކޮންމެ އަހަރަކު ރަށުން ބޭރު ޓީމެއް ފައިނަލުގައި ކުޅޭއިރު އެ ސިލްސިލާ ނިމުމަކަށް ގެނައުމުގެ ފުރިހަމަ ބާރު މި އަހަރު އަތީ ކުޅިމަގު ޓީމުގެ އަތްމަތީގަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ