[HEADER BANNER]
[AD]

އަފްޒަލް (ފުރަތަމަ ބައި)

މަގުމަތީގައިވާ ޗަކަ ފެންގަނޑުތަކުން ގިރާކުރަމުން، ދެ ކޯރުގެ ދެމެދުގައިވާ ހުސް ޖާގަތަކަށް ފަރުވާތެރިވަމުން ސަވީތާ މިސްރާބު ހުރީ ގެއާ ދިމާއަށެވެ. އުދާސްތަކުން ބަރުހެލިވެފައިވާ ސިކުނޑީގެ އަސަރުތައް މޫނުމަތިން ހާމަވަމުން ދިޔައީ އުޑުގައި ގަޓަރިޖަހާލާފައިވާ ވިލާތައް ފަދައިންނެވެ. ވިލާގަނޑުގެ ބަރަކަށްވެ ބަރުހެލިވެފައިވާ ވާރޭ ފެންތައް ހިފެހެއްޓިފައިވާ ފަދައިން އޭނާގެ އެސްފިޔަދަށުގައި ކަރުނަތައް ވަނީ ގަތާލެވިފަ އެވެ. އެއް އަތުން ފޮތްތައް ހިފަހައްޓަމުން އަނެއް އަތުން ހަރުވާޅާއެކު ޔުނީފޯމުގެ ފަސްބައިގައި ހިފާ ހިއްލަމުން އަވަސް ހިނގުމެއްގައި ދިޔައީ ބިރަކުން ސަލާމަތްވާންދާ މީހަކު ފަދައިންނެވެ. ވިއްސާރަ ދުވަހެއްކަމުން މުޅި މަގުމަތީގައި ރަސްކަން ކުރަމުން ދިޔައީ ފެންކޯރުތަކެވެ. މީހެއްގެ ހިލަމެއް ހުވަމެއް ނެތެވެ. މަގުތައް ވަނީ އަމާންކަންމަތީ ނިދާފަ އެވެ. މަގުގެ ދެފާރާތުން ގޭގޭ އިންފާރުން ބޭރަށް ލެނބިވާ ގަސްގަހުގެ ގޮފިތަކުގެ ކުލަ ވަނީ ސާފުވެ ތާޒާވެފަ އެވެ. ގަސްތައް ހިނިތުންވެ އުފާވެރި މޫނެއް ދައްކަމުން ދިޔައިރު ވެސް ސަވީތާގެ މޫނުމަތިން އެ ތާޒާކަމެއް ނުފެނެ އެވެ. އެ އިޙްސާސެއް ފެންނާކަށް ނެތެވެ.

ކުއްލިއަކަށް ސަވީތާ ސިއްސައިގެންގޮސް ހުއްޓުން އެރި އެވެ. ދެލޯ ބޮޑުވި އެވެ. މީހާ ގަބުވެ ތަންމިނަށް އަނގަހުޅުވުނެވެ. ބިރުންގޮސް މީހާ ތުރުތުރު އަޅަން ފެށި އެވެ. އަތުގައިވާ ފޮތްތަކުގައި ބާރަށް ބައްދާލެވުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތިން ހާމަވާން ފެށި އެވެ. ޖެހިގެން ހުރި ގޭގެ ފާރުމަތިން އަފްރާޙް ފުންމާލުމުންނެވެ.

"ނޫން ނޫން... އަހަރެން... އަހަރެން" ސަވީތާ ބޭއިޚްތިޔާރުގައި ގިސްލެވެން ފެށުނެވެ.

"މި ފަހަރު ސަލާމަތެއް ނުވާނެ! އެހެން ނޫނީ...! ކަލޭ... ކަލޭ އެއްބަސްވޭ...! ހަމަ މިހާރު އެއްބަސްވޭ...!" އަފްރާޙްގެ ބަދަލުވަމުންދިޔަ މޫނުމަތީގެ ކުލަވަރާއެކު އޭނާގެ ހަރަކާތްތައް އަވަސްވާން ފެށި އެވެ. ސަވީތާ އާ ގާތްވަމުން ދިޔަ އެވެ.

"ކަލޭ ހީކުރީ..! ކަލޭ ހީކުރީ މަށާ ސިއްރުން ތިހެން ފިލޭނެ ކަމަށްތަ؟ މިފަހަރު އެއްބަސް ނުވެއްޖެ ނަމަ...! މިފަހަރު އެއްބަސް ނުވެއްޖެނަމަ ކަލޭގެ ތަނަކީމީ...!" ފޫޓެއްހާ ކައިރީއޮތް ޗަކަ ފެންގަނޑަށް ރުޅިވެރިކަމާއެކު އަފްރާޙް އިޝާރާތްކޮށްލި އެވެ.  

ސަވީތާ މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔަ އެވެ. އަފްރާޙްގެ ކިބައިން ސަލާމަތްވާނެ ގޮތެއް ފެނޭތޯ އޭނާ ލޮލުގެ ކަޅި ދެފަރާތަށް ހިންގާލަމުންނެވެ. ޙިކުމަތްތެރި ރޭވުމެއް ރާވާލަމުންނެވެ. އަފްރާޙް ވެސް ސަވީތާއާ އެއްވަރަށް އޭނާއާ ގާތްވަމުން ދިޔަ އެވެ.

"އާދޭ... އާދޭ އަހަރެން ގާތަށް އާދޭ! ސަވީ.... އަހަންނަށް ސަވީއާ ނުލާ... ސަވީ ޕްލީޒް އާދޭ..! މީ ސަވީގެ އަފުރޭއޭ...! ޕްލީޒް...! އަހަރެން ސަވީދެކެ ކިހާ ލޯތްބެއް މިވަނީ... ސަވީ ފެނޭތޯ އަހަރެން ތެމި ފޯވެގެން އެތާ، ގޭޓްކައިރީ ހުންނަތާ ކިހާއިރެއް؟ ސަވީ ނިކަން ވިސްނާލަބަލަ..! ސަވީއަށްޓަކައި އަހަރެން މަރުވެދާނެ!" އަފްރާޙްގެ ރާގު ބަދަލުވެ މީހާ މުޅިން ބަދަލު ވަމުން ދިޔަ އެވެ. މަޑުމައިތިރިވަމުން ގިސްލެވެމުން ދިޔަ އެވެ. ދެއަތް ހުޅުވާލާ ސަވީތާއަށް އިޝާރާތްކުރަމުންނެވެ. ސަވީތާ ފަހަތަށް ޖެހެމުން ޖެހެމުންގޮސް ޖެހިގެން ހުރި ގޭގެ އިންފާރުގައި ލައްވި އެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ލޯމަރާލެވުނެވެ. ލޮލުން ފޭދެމުން ދިޔަ ކަރުނަ ތިކިތަކުން އޭނާގެ އޮމާން މޫނު ތެންމަމުން ދިޔަ އެވެ. އޭނާ ބޭނުން ނުވާ ހަރަކާތެއް ގެނައުމަށް އޭނާގެ ސިކުނޑި މަޖުބޫރު ކުރުވާތީ އެވެ.

އަފްރާޙް ސަވީތާގެ ކުރިމަތީ ހުއްޓި އޭނާގެ މޫނު ސަވީތާގެ މޫނާ ކައިރިކޮށްލި އެވެ. އާވާރާވެފައިވާ ޕަރުވާނާއެއް ފަދައިންނެވެ. ސަވީތާ އަފްރާޙަށް ނަޒަރު ހުއްޓާލި އެވެ. ހޭވިފައިވާ ދިގު އިސްތަށިގަނޑެކެވެ. އެހެންޏާ ސާފުކޮށް އޮމާންކޮށްފައި ހުންނަ ތުނބުޅި ހުރީ ހަތަރު ހަފުތާ ވަރުވެފަ އެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ގޮޅިޖެހި އަތްދިގު ގަމީސްވަނީ ވެލިން ތަތްތެޅިފަ އެވެ. ގަމީސްވަނީ ގައިގާ ތަތްވެފަ އެވެ. ލައިގެން ހުރި މަޑުނޫ ކުލައިގެ ޖީންސްވަނީ ފައިދަށުވެ ކަޅުވެފަ އެވެ. ފައިގާ ފައިވާނެއް ބޫޓެއް ނެތެވެ. އެ މޫނުމަތިން އޭނާއަށް ފެންނަމުން ދިޔައީ މައުސޫމު ކަމެވެ. ރަޙްމާއި ހަމްދަރުދީއަށް ބޭނުންވެފައިވާ ކަމެވެ. އޯގާތެރި ފިރުމުންތަކެއްގެ ހިޔާވަހިކަމަށް ފެން ބޮވައިގެންފައިވާކަމެވެ. ސަވީތާގެ ކަނާއަތުން އަފްރާޙްގެ ނިތްމައްޗަށް ވެއްޓި ތަރުތީބުގެއްލިފައިވާ އިސްތަށިގަނޑުން މޫނު ހާމަކޮށްލަދިނެވެ. ކުރިން ޖަންބުކުލަ އަރަ އަރާހުންނަ އަފްރާޙްގެ ކޯތާފަތްވަނީ ހިނދި އަޑިއަށްވަދެފަ އެވެ. އެއް އިރެއްގައި ރީތިކަމަށް ޒުވާން ޖިންސުންލަތީފުން މަޝްހޫރުކުރަމުން އައި އެ ރީތި ދެލޯ ވަނީ ވަޅު ވަދެފަ އެވެ. ލޯކައިރި ވަނީ ކަޅުވެފަ އެވެ.  ސަވީތާ މަޑުމަޑުން އަފްރާޙްގެ ކޯތާފަތުގައި ފިރުމާލި އެވެ. އަފުރާޙް ސަވީތާއާ ގާތްވާން މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެނަސް އެދަނޑިވަޅަށް ސަވީތާ ހުރީ ފާރަވެރިވެ އެވެ. އެކަމަށް އޭނާ ހުރީ ހުޝިޔާރުވެގެންނެވެ. އަފްރާޙްގެ ހޫނު ނޭވާ ސަވީތާގެ މޫނަށް އަމާޒުވާން ފެށި އެވެ. އެ ނޭވާގެ ހޫނު ސަވީތާއަށް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ. އަފްރާޙްގެ ތުންފަތް ހަރަކާތްތެރިވެލި އެވެ. ސަވީތާ ފުރުޞަތުގެ ބޭނުން ހިފީ ޙިކުމަތްތެރި ކަމާއެކުގަ އެވެ. އޭނާ އަފްރާޙްގެ ކިބައިން ސަލާމަތްވި އެވެ. އަފްރާޙް އާއި ފާރާ ދޭތެރެއިން ދެމި ގަނެގެންނެވެ. އަފްރާޙްގެ މޫނު ޖެހުނީ ފާރުގަ އެވެ. ސަވީތާ ބާރުބާރަށް ދުއްވައިގަތެވެ. އަފްރާޙްގެ ކިބައިން ސަލާމަތްވުމަށް އަވަސް އަވަހަށް ޖެހިގެން އޮތް ގޯޅި އެޅި އެވެ.

************************

ފުންޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ސަވީތާ ސިއްސައިގެން ދިޔަ އެވެ. އޭނާގެ ލޯމަތީގައި މީހަކު އަތްއެޅުމުންނެވެ. އޭނާ މަޑުމަޑުން އެ ދެއަތުގައި ހިފާލަމުން އަތް ކާއްތާލި އެވެ. އަދި ހަމަޖެހިލި އެވެ.

"އައްދޭ! މަށަށް އެނގޭ ތީ ހައްޖަކަން"

"ހާދަ މޮޅޭދޯ! ކީއްވެ އަފޫ އޭ ނުބުނީ" ސަވީތާގެ މޫނުމަތިން އަތްނަގަމުން ހައްޖަ ބުނެލި އެވެ.

"އަންހެން އަތަކާ ފިރިހެން އަތަކާ ހާސް ތަފާތުވާނެ! ހައްޖައަކަށް އެކަމެއް ނޭނގޭތަ؟ މަ ހީކުރީ ފަޔާ...!" ސަވީތާ ބޭނުންވީ ސަމާސާކޮށްލާށެވެ. މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލާށެވެ.

"ތިއެއް ނޫނޭ...! ކީއްކުރަނީ މިތާ؟ ނުވެސް އަންގާލަމެއްނު ލައިބްރަރީއަށް އަންނަމުން؟" ކައިރީހުރި ގޮނޑީގައި އިށީންނަމުން ހައްޖަ ހަމަޖެހިލި އެވެ.

"ބަޔޯ ގަޑި އޮތީމަ ނާދެވޭނެތީ... ކުޑަކޮށް ވާހަކަ ކިޔާލަން މި އައީ...! އަމާނީ ބުނި ފަހުން ގެނަ ފޮތްތަކުގަ ވަރަށް ސަޅި ވާހަކަތަކެއް ހުއްޓޭ!"

"އެހެންތަ! ކޮބާ މަށަށްވެސް ނޭނގެ އަދި...!"

"ލައިބްރަރިއަން ބުނީ އަންނަ ވީކްގަ އޯ ނަގަނީ ސިސްޓަމްގަ މައްސަލަ އެއް ޖެހިގެން ނުނަގަމޭ"

"ދެން މިތާ ހަމަ އިނީތަ؟" ސަވީތާގެ މޭޒުމަތީގައި އެއްވެސް އިތުރުފޮތެއް ނެތުމުން ހައްޖަ ސުވާލުކޮށްލި އެވެ.

"ހޫނ...! ކުޑަކޮށް ފިނިކޮށްލާ ހަމަޖެހިލަން މަޑުކޮށްލީ! ބޭރު ވަރަށް ހޫނެއްނު!"

"އެހެންކަމެއް ނެތް؟" ސަވީތާގެ މޫޑުބަދަލުވަމުންދާ ކަން ހައްޖަ ދެނެގަތެވެ.

މާޔޫސީ ރާގަކަށް ސަވީތާ ހޫނ އަޅުވާލަމުން އިސްޖަހާލި އެވެ.

"ސަވީ ދޮގު ނަހަދާ! ކޮންމެވެސް ކަމެއްވެއްޖެ! ބުނެބަ!" ސަވީތާގެ އަތުގައި ހިފާ ފިރުމާލަމުން ހައްޖަ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަނެއްކާ...! އަފޫއާ މައްސަލަ ޖެހުނީތަ؟ ނޫން ދޯ...! އޭނަ އެބަ އުޅޭ މާދަމާރޭ އޮތް ސެރެމަނީއަށް ރެޑީވާން ކުދިންނާ މީޓްކުރަން މީޓިންގ ރޫމުގަ...! ކަމެއް ދިމާވި ނަމަ ބުނާނެ ޔަޤީން" ހައްޖަ ވާހަކަ ހުއްޓާލީ ސަވީތާ އޭނާ ދިމާއަށް ބަލާލުމުންނެވެ. އެބަލާލުމުގައި އެތަކެއް މާނަތަކެއް ފޮރުވިފައިވެ އެވެ. އެތަކެއް ކަމެއް ހާމަކޮށްދޭން ބޭނުންވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ސަވީތާގެ ތުންފަތް ހަރަކާތްކުރި ނަމަވެސް އެ ދެތުންފަތުގެ އެހީގައި އަޑެއް ބޭރެއް ނުވި އެވެ. އޭނާއަށް ފުން އަސަރުތަކެއް ކޮށްފައިވާކަން ހައްޖަ ދެނެގަތެވެ. ސަވީތާގެ ދެ ލޮލުން ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ފައިބަން ފެށި އެވެ. ހައްޖަ ވެސް ފެންކަޅިވި އެވެ. އޭނާ ބަސްހުއްޓިފައި ބަލަން އިނދެވުނީ ސަވީތާއަށް ކޮށްފައިވާ އަސަރު ހާމަވުމުންނެވެ.

"ކީއްވީތަ؟ ބުނެ ބަ! އަހަރެން...! އަހަރެން އެހީ...!" ހައްޖަގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް ހިނދުނެވެ.

"މިގަޑިއަކު ނޫން...! ހަވީރު" ސަވީތާ ބޭނުންވީ ރޯލާށެވެ. އޭނާ މޭޒުމަތީގައި ބޯ އެޅީ އެހެންވެ އެވެ. 

"ސަވީ ތެދުވޭ! ނިޔާމެން އެބަ އާދޭ އެމީހުންނަށް ފެނިއްޖެއްޔާ ދިމާ ކުރާނެ...!" ލައިބްރަރީ ތެރެއަށް ވަދެގެން އަންނަ އެކުލާހުގެ ހަތަރު ކުދިން ފެނުމުން ހައްޖަ ކަންބޮޑުވި އެވެ.

"މި ތިބީނު...! ސަރ އެބަ ހޯދާ ސަވީ...! އަހަރުން ބުނީ ގެއަށް ހިނގައްޖޭ ކެމް ގަޑި ނިންމާފަ" ހައްޖަމެން ތިބި ތަންފެނުމުން ޒަރީރު މެސެޖު ފޯރުކޮށްދިނެވެ.

"ސަވީ ކިހިނެއްވީ؟ ރޮނީތަ؟" މޭޒުމަތީގައި ބޯއަޅައިގެން އޮތް ސަވީތާއަށް ނިޔާޒް ސަމާލުވެލި އެވެ.

"ސަވީ ބޮލުގަ ރިއްސާތީއޯ...! އޭނާ އަށް ރެސްޓެއް ދޭން އެ އޮތީ ބާއްވާފަ!" ސަވީތާގެ ބޮލުގައި އަތްފިރުމާލަމުން ހައްޖަ، ސަވީތާގެ ބުރުގާ ރަނގަޅު ކޮށްލަދިނެވެ.

"ހެލްތް ރޫމަށް ދާންވީނު... ނުދެވެންޏާ އަހަރުން ގޮސް ބުނަންތަ؟" ފަޔާޒް ގުދުވެލަމުން ސަވީތާއަށް ބުނެލި އެވެ.

ޖަވާބުގައި ސަވީތާ ބޯ ތަޅުވާލި އެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ސަރ ހޯދަނީ ކީއްކުރަންކަން އެނގޭތަ...! ތި މީހުން އިހަށްދޭ...! ސަވީ އޯކޭވީމަ އަހަރުން ދާނަން... ސަރ ގާތު ނުބުނާތި މި ވާހަކަ" ހައްޖަ ބޭނުންވީ އެ ގުރޫޕް އެތަނުން ފޮނުވާލާށެވެ.

"ނޭނގެ އަފޫއަށް އެނގޭނެ... ހީވަނީ މާސްޓަރ އޮފް ސެރަމަނީ އޮތީ އަފޫއާ ސަވީއަށްހެން... އެކަހަލަ އެއްޗެއް ބުނީ" ނިޔާޒު ޖަވާބުދިނެވެ.

"މިރޭ ނޯ އެކްސްޓްރާ ކްލާސް އިނގޭ...! އެކަމު ޓޫގަ ޓިޔުޝަން އޮންނާނޭ ސަރ ވިދާޅުވީ...! އަފޫ ހޯދާފިއްޔާ ބުނޭ އަހުރުމެންވީ ނަމާދު ރޫމްގައޭ... އޯކޭ" ޒަރީރު ހައްޖައަށް ބަލާލަމުން ހިނިތުންވެލި އެވެ.

"ކޭ" ހައްޖަ ހިނިތުންވެލީ ކައިރީ ހުރި ފަޔާޒަށެވެ. ފަޔާޒު ހައްޖައަށް އެއް ލޯމަރާލި އެވެ. ބަދަލުގައި ހައްޖަ ނިތްއަރުވާލަމުން އިޝާރާތުން ވާހަކައެއް ބުނެލި އެވެ. އެންމެން ފަސްއެނބުރުމުން ހައްޖަ، ފަޔާޒަށް ތުންފަތުން މެސެޖެއް ފޮނުވާލި އެވެ.

"މާވަރަކަށް މެސެޖް ކުރަނީ ކާކަށް...! މިހުރީ ތިޔަ ނުފެނިގެން އުޅޭ ސޮރު ގެނެސް...! ދެންވެސް ހިނގާ ތިބުނާ ސަޔެއް ދެވޭތޯ އުޅެން" ފޯނުން މެސެޖް ލިޔަން ޖޯލިފަތީގައި އޮށޯވެ އޮތް ހައްޖައަށް އިޝާރާތްކޮށް އަފްޒަލް ވާހަކަ ދެއްކި އެވެ. ހިނިތުންވެ ހުރެގެންނެވެ.

"މަ ދެން މެސެޖް ކުރަންޖެހެނީ ފަޔާއަށް އެކަނިތަ؟ މިއުޅެނީ ހަމަ އަފޫގެ ކަމެއްގަ އެއްނު...! އަދިވެސް މަ ދޯ ސައި ދޭން ޖެހެނީ...!" ހައްޖަ ޖޯލިން ތެދުވެ އެމީހުންނަށް ތަންދެމުން ވާހަކަ ކުރިއަށް ގެންދީ ފޯނަން ސަމާލުވެހުރެގެންނެވެ.

"އަނެއްކާ ކިހިނެއްވީ؟" ފަޔާޒުގެ ސުވާލު އަމާޒު ކުރީ ހައްޖައަށެވެ.

"މިއުޅެނީ ސަވީ... އަދިވެސް" ހައްޖަ ހުއްޓާލި އެވެ.

"ރަނގަޅު ނުވަނީތަ؟" ހައްޖަ ވާހަކަ ނުނިމެނީސް ފަޔާޒު ސުވާލުކުރި އެވެ.

"ސަވީ ބަލިވީތަ؟ ކޮން އިރަކު؟ މިއަދު ކުލާހުގަ އިނެއްނު...! ކިހިނެއްވީ؟ ނުވެސް ބުނެ!" އަފްޒަލް ހައިރާންކަމާއެކު ސުވާލުތައް އަމުނާލި އެވެ.

"ހޫނ! މިއަދު ލައިބްގަ އިންދާ ދޯ، މާ ބޮޑަށް ބޮލުގަ ރިއްސާތީ ވަރަށް ރުއި ދޯ ފަޔާ" ކަންވީގޮތް  އަފްޒަލަށް ހައްޖަ ސާފުކޮށްދިނެވެ.

"ހޫނ... މަ ހީ ކުރީ އަފޫއަށް އެނގޭ ކަމަށް! އެހެންވެ ނުބުނީ... އަނެއްކާ ޓިޔުޝަން ގަޑިއަށް ވެސް ދިޔަ...! އެހެންވީމަ އެވަރަށް ސަމާލު ނުވެވުނީ" ފަޔާޒު ހިނިތުންވެ އިނދެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ހައްޖަމެންގެ ސަރ ވަރަށް ފައްކާދޯ...! މިހާރު ސްކޫލުގަ ޓިޔުޝަން ވެސް ދެނީދޯ...!" އަފްޒަލް އަށް ސަމާލުވެވުނީ އެހެންކަމަކަށެވެ. ހައްޖައާއި ފަޔާޒުގެ މޫނުމަތިން ސީރިއަސްކަމެއް ފެންނަން ނެތުމުން އޭނާ ކަމެއް ޔަޤީންކޮށްލަން ބޭނުންވީމަ އެވެ.

"ހޫނ... އަސްލުދޯ! ސަރ ވަރަށް ބެސްޓް އޭލެވެލް އަށް ކިޔަވާއިރު ޖެހޭނެ މިވަރަށް ގޭނެން... އެހެން ނޫނީ ރަނގަޅު އެއްޗެއް ނުނިކުންނާނެދޯ...! ސަރ ވެސް ކިހާ ބިޒީވާނެ...! ގަޑި ނަގާދީފަ ހަފްތާއަކު ދެ ރޭ އެކްސްޓްރާ ނަގާދީފަ އަނެއްކާ ދައްކުދިންނަށް ޕްރައިވެޓްކޮށް ސްކޫލުގަ ހިލޭ ޓިޔުޝަން އެދެނީ...! އަސްލު ކެމްއަށް މިރަށު ކުދިން މޮޅުވަނީ ސަރގެ ހިތްވަރުންދޯ ފަޔާ!" ހައްޖަ އެއްނޭވާއިން އަމުނާލި އެވެ.

"މަވެސް ވަރަށް ފޫހިވި އޯލެވެލްގަ އުޅުނު އިރު. ކެމް އިން ނަސީބު ފާސްވިކަންވެސް...! އެކަމަކު މިރަށަށް އައިފަހުން ސަރ އެވަރުން އުޅޭތީ ވަރަށް އިންޓަރެސްޓް ވެއްޖެ މިހާރު...! ބިޒްނަސް ކުދިން ހާދަ ކަޑައޭ...! އެކްސްޓްރާއަށް ވެސް ނާދޭ...! އަފޫ ނިކަން އެކަން ރަނގަޅުކޮށްބަލަ...! ބަލަ އަހަރުން އަފޫ ކައްޕިއަކަށް ހޮވީ ކަމަކުއޭދޯ ހައްޖޫ" ފަޔާޒް ދިމާކުރަން ފެށީ އަފުޒަލާ އެވެ.

"ތީގަ މަ ކީއްކުރާނީ ފަޔާ...! އެ އުޅޭ ގުރޫޕަށް ވިސްނައިދިނަސް އަޑު އެހިއްޔާތާ...! އިއްޔެވެސް ދިވެހި ސަރ ވެސް، އިސްލާމް ސަރ ވެސް ހިތްހަމަނުޖެހުނީ ޕްރޮޖެކްޓް ހަވާލުނުކޮށްގެން...! ކިތައް ދުވަސް އެ ހަދަންދީފަ ވެސް...! އެކުދިންނަށް ހީވަނީ އޭލެވެލްއަށް ކިޔެވުމަކީ އޯލެވެލްހާ ފަސޭހަ ކަމެކޭ...!" އަފްޒަލް ހުއްޓާލީ ހައްޖަ ފެށުމުންނެވެ.

"ތި މަބުނާ ތަންކޮޅަކީދޯ، ބައެއް ކުދިންނަށް ހީވަނީދޯ، ކިޔަވާ މާއްދާތައް މަދުވީމަ ފްރީވީ އޭ...! އަސްލު އޭ ލެވެލް ދޯ މި ކިޔެވުމަށް ފެށޭ ހިސާބަކީ...! ޔުނިވަރސިޓީ ތައުލީމުގެ ބިންގަލަކީ މީ ދޯ...! އެކަމަކު ވެސް...! ކީކޭ ބުނާނީ...! އެންމެންގެ ވިސްނުން އެއްގޮތެއް ނުވާނެދޯ....! އަދި ވިސްނޭނެ އެ ކުދިންނަށް ވެސް"

"ހޫނ އެއްކަލަ ދޯ ދޯ ކަމަނާގެ ދޯ ދޯ... މި ދޯ ދޯ ލަވައެއް ކިޔަނީތަ!" ފަޔާޒް ޖޯކުޖަހާލީ ހައްޖަ ވާހަކަ ދެއްކުމުގައި މާގިނައިން ދޯ ބޭނުންކުރާތީ އެކަމާ އެވެ. އެއާއެކު އެންމެން އެކުގައި ހޭންފެށި އެވެ. ހައްޖައަށް އިނގިލި ދިމާކުރަމުން އަފުޒަލާއި ފަޔާޒް ބާރުބާރަށް ހެމުން ދިޔަ އެވެ.

"ހެވޭ ތިހެން ކިޔަސް!" ހައްޖަ ދެރަ ނުވާކަން ދައްކާލި އެވެ.

"މިހާރު މަށަށް އެނގިއްޖެ ތި މީހުން ރޭވުމަކުން ހަދާލި ވާހަކައެއްކަން އެއީ!" އަފްޒަލް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.

"ކޮން؟" ހައިރާންކަމާއެކު ފަޔާޒް ސުވާލު އަމާޒުކުރީ އަފްޒަލަށެވެ.

"ސަވީ ބައްޔޭ ކިޔައިގެން...!"

"އައްދޭ...! އަހަރުން ނޫޅެން ހައްދާކަށް ހަމަ ސަވީ ބަލިވީމަ އެވާހަކަ ބުނީ...! އޭނަ އެބައާދޭ މިހާރު...! މަށަކަށް ނޭނގެ މިހާރުގެ ގޮތެއް! ސަވީ އައީމަ ސަޔަށް ވަންނަންވީ...! އެބައަންނަން ރެޑީކޮށްލާފަ އިނގޭ!" ހައްޖަ ބަދިގެއާ ވީފަރާތަށް އެނބުރިލި އެވެ.

"އަހަންނަށް ފާހަގަވާ ކަމެއް އެބައޮތް!" ފަޔާޒު ވާހަކަ ފެށީ ހައްޖަ ދިޔަކަން ޔަޤީންކޮށްފަ އެވެ.

"އަނެއްކާ ކޮންކަމެއް؟"

"މިހާރަކަށް އައިސް ސަވީ އިންނަނީ ކޮންމެވެސް ކަމަކާ ޤަބަރާވެ، ކަންބޮޑުވެފަ...! ކުލާހުގަވެސް ވާހަކަ ދައްކަނީ ވަރަށް މަދުން...! ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ކުރާހެން...! އަފޫ އާ ޝެއަރ ނުކުރޭތަ؟"

"އާނ..! ތިކަހަލަ އެއްޗެއް މަށަށްވެސް ހީވޭ...! މެސެޖެއް ނުކުރާތާނގައި ގުޅީމަ ވާހަކަ ދައްކަނީވެސް ވަރަށް ފާޑަކަށް! ދެން ގޭތެރޭގަ ކަންތައް ހުންނަގޮތުންނާ ސްކޫލުގަ ކަންތައް ހުންނަ ގޮތުން މިކަހަލަ ގަޑިއަކު ނޫނީ މީޓްވެސް ކޮށްނުލެވޭ...! އަސްލު މިކަމުގަ ފަޔާމެން ތި ދޭ ހެލްޕަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ"

"މި ދެން ހެލްޕެއް ނޫންދޯ! އަފޫ ތީ މަގޭ އެންމެ ގާތް އެކުވެރިޔާ....! އެހެންނޫނަސް ހައްޖަގެ ކަންތައްވެސް އެއީ ސަވީ އާ އަފޫގެ ހިތްވަރުން މަށަށްވީ ކަމެއްނު...! އެހެންވީމަ ޝުކުރު އަދާކުރަން ފުރަތަމަ ޖެހޭނީ މަށަށް ކަންނޭގެ"

"ހާދަ ޝުކުރު ގިނަކޮށްލައިގެން! މިއާދެވުނީ ޖަލްސާ ނިމޭ ހިސާބަށްތަ؟" ދޮރޯށިން އެތެރެއަށް ވަންނަމުން ސަވީތާ ފަޔާޒަށް ދިމާކޮށްލި އެވެ.

"މީހުން ދައްކާ ސިއްރުވާހަކަ ވެސް މިހާރު އަހަން ފެށީތަ؟" އަފުޒަލް ދިމާކުރުމުގެ ރާގުގައި ސަވީތާއަށް ޖޯކު ޖަހާލި އެވެ.

"އާނ އެއީ އެއްނު އަންހެނުންގެ ސިފަ އަކީދޯ ފަޔާ...! އެހެންނޫނީ އަންހެނަކަށް ނުވާނެ" ހެމުން ހެމުން ސަވީތާ ޖޯލިފަތީގެ ހުސްކޮށް ހުރި ޖޯލީގައި އަފުޒަލުގެ މަގަތުގައި އިށީނެވެ.

"ކޮބާ ހައްޖު؟"

"ސައި ހަދަނީނު" ފަޔާޒު ސަވީތާއަށް ބަލާލަމުން ބުނެލި އެވެ.

"އަސްލު މި ކޮން ސަޔެއްތަ؟ އަނެއްކާވެސް މަންތެއް ފުރުނީތަ؟ ނޫނީ ފަޔާގެ ބައްޕައަށް އިތުރު ރިސޯޓެއް ލިބުނީތަ؟" ސަވީތާގެ ސުވާލު އަމާޒުކުރީ ސީދާ ފަޔާޒަށެވެ.

"ނޫނޭ ތީން އެއްވެސް ކަމެއް ނޫން...! މީ އަހަރެންގެ ބޭބެ، އަފޫއަށް ޖަޕާނުގައި އޮތް އެކްސްޗޭންޖު ޕްރޮގްރާމަކަށްދާން ޗާންސްލިބިގެން އެކަމުގެ އުފަލުގައި ހައްޖު ދޭ ސަޔެއް" ފަޔާޒު ހިނިތުންވެލި އެވެ.

"އަސްލުވެސް...! ބަލާބަ ނުވެސް ބުނެ...! ވަރަށް ދެރަ ވެއްޖެ! ވަރަށް ވަރަށް ދެރަ!" ސަވީތާ މޫނު ކުނިކޮށްލަމުން ތުން އަނބުރާލި އެވެ.

"ސަޕްރައި...ޒް" އަފްޒަލް ހިނިތުންވެލަމުން ސަވީތާގެ ނޭފަތުގައި ހިފާލި އެވެ.

"އާދޭ އެންމެން... މިހާރު ރެޑީވެއްޖެ... ސަވީ އާދޭ...!" އެމީހުން ފެންނަހިސާބުގައި ދުރުގައި ހުރެ ހައްޖަ ގޮވާލި އެވެ.

"ސަވީ މިއޮތީ ބޮޑާވެފަ... މިފަހަރު ޖެހޭނީ ނަރުކެނޑިއަކާ ތުންދިގެއް ހޯދައިގެން މި ތުންގަނޑު ކުޑަކުރަން...! މިއޮތީ ދެ ބުމަ ގޮށްޖަހައިގެން...! ހައްޖު އާދެބަ، ބުމަ ހަދާ އެއްޗެއް ހިފައިގެން މި ބުމަގަނޑު ބާލަން އޭރުން ގޮށެއް ނުޖެހޭނެއްނު!" އަފްޒަލް ބޭނުންވީ ސަވީތާ ހެއްވާލާށެވެ.

"އެއްވެސް މަޖައެއް ނޫން...!" ސަވީތާ އުޅުނީ ގޮތް ދައްކާށެވެ.

"މަޑުކުރޭ އެބައަންނަން ފާޚާނާ ސާފުކުރާ ބުރުސް ހިފައިގެން... މޫނު މަތި ސާފުކޮށްލަން!" ފަޔާޒު ވެސް އަފުޒަލާ ބައިވެރިވި އެވެ.

"ނިމުނީ... ސީދާ... ފަޔާ... ދެން... އޫނ... އޫނ" ސަވީތާ ތުއިވެލަމުން ޖޯލިން ތެދުވި އެވެ. ހައްޖަ އެތަނަށް އައުމުން ސަވީތާ ގޮސް ހައްޖަގެ ގައިގާ އޮޅުލައިގަތެވެ.

"އައްދޭ ބޭބީ ގަނޑު" ފަޔާޒު ދިމާކުރަމުން ބަދިގެއާ ވީފަރާތަށް މިސްރާބު ޖެހި އެވެ.

"ބޭ...ބީ އާދޭ... އާދޭ... އާދޭ...! އަފްރޭ ކައިރިއަށް އާދޭ... ދެން އާދޭ ބޭބީ...!" އަފްރާޙް އިނީ މަގުމަތީގައިވާ ޗަކަ ފެންކޯރެއްގައި އިށީނދެ ނާއްޓެއް ހިފައިގެން ފެން މިނާށެވެ. ހެނދުނު ވިއްސާރަވެހުމުގެ ސަބަބުން މެންދުރަށް އެޅިއިރު މުޅިދުވަސް ހީވަނީ އިރުވައި މޫސުމުގެ ހޫނު ގަދަ ދުވަހެއް ހެންނެވެ. ދުވަހުގެ ހޫނުގަދަކަން އަފުރާޙަށް އިޙްސާސް ކުރާހެން ހިއެއް ނުވެ އެވެ. މުޅި ގައިގާވަނީ ޗަކަ ފެނެވެ. ވެއްޔާ ޗަކަފެނާ އެކުވެފައިވާ ކިސަޑެވެ. މޫނުމަތީގައި ވެސް ހުރީ ޗަކަ ފެނެވެ. މަގުމެދުގައިވާ ކޯރުގެ މެދުގައި ދެފައި ވަށްކޮށްގެން އިނދެ ކޯރުން ފެންނަގަމުން ބޮލަށް ފުރަނީ އެވެ. ނާށީގެ ފުލުގައިވާ ލޯވަޅުން ފެނާއެކު ފައިބަމުން ދިޔަ ވެލިތައް އޭނާގެ މޫނަށް އެޅެމުން ދިޔަ އެވެ. އިރުއިރު ކޮޅުން ދެފައިން ކޯރުގައި ބަކަތަޅާލަ އެވެ. ބަކަތަޅަމުން ފެން މިނަމުން އެ ގޮވާ ގޮވެލި ފަތި ގޮވަމުން ދެ އެވެ. އަފްރާޙްގެ އަތުގައިވާ ނާށި އެއްލާލި އެވެ. އޭނާ ދެފައި ދަމާލަމުން ކޯރުގެ މެދުގައި އޮށޯވެލި އެވެ. ފެންގަނޑު ބޮޑުކަމުން ހިސާބަކަށް އޭނާގެ  އަނަރޫފަވެފައިވާ ހަށިގަނޑު ފޮރުވެ އެވެ. ހީވަނީ ފަތާފެންގަނޑެއްގައި ފަތަން ތައްޔާރުވެ އޮތް މީހެއް ހެންނެވެ. ބަންޑުން އޮވެ ފަތަން ފެށި އެވެ. ދެފަރާތަށް އަތްހޫރަމުން ބަކަތަޅަމުން ދިޔަ އެވެ. ކޯރުގެ ފެންތައް ދެފަރާތަށް ބުރަމުން ދިޔަ އެވެ. ބަކަތެޅުން ބާރުވާ ވަރަކަށް ފެންތައް އިންވެގެން ހުރި ގޭގެ އިންފާރަށް އަރަމުންދިޔަ އެވެ. ކޯރުގެ ފެންގަނޑުން ކުދިކުދި ބާނިތައް އުފެދެމުންނެވެ.

"އަންނި ހަދާދިން ސްވިމިންޕޫލް... ބާޣީ އަޅައިދިން ނަރުދަމާ... މައުމޫނު ދިން ބަނދަރު... ނާސިރު ޖެހި ބައްޑާ... ފެނުބައްޑާ... އޭތް އޯތް މި އޮށް ޖަހަނީ ފެނު ބައްޑާ.... މަރަނީ.... ބައްޑާ މަރަނީ... މީސްތަކުންނޭ.... މަރަނީ!" ބޯހިއްލައިގެން އޮވެ އަތާއި ފައިން ފެންކޯރުގައި ބަކަތަޅަމުން އަފުރާޙް ހަޅޭލަވަމުން ތަކުރާރުކޮށް ގޮވެލިފަތި ގޮވަމުން ދިޔަ އެވެ. އެއަޑަށް އަވަށްޓެރިން ކުޅިބަލަން ނިކުންނަމުން ދިޔަ އެވެ. ކުޑަކުދިންނާއި އަންހެންވެރިން ކޯޅި ކޯޅިއަށް އެ ތަނަށް ޖަމާވަމުން ދިޔަ އެވެ. ހެމުން ޖޯކު ޖަހަމުން ކުދި ކިޔަމުންނެވެ. ކުޑަކުދިންނާއި އަންހެންވެރިންނަށް އެކަންވީ މަޖާ ކަމަކަށެވެ. ލާނެތް ފުރައިގެ ފިރިހެން ކުދިންތައް ފޯނުން ފޮޓޯ ނަގާ ވީޑިއޯ ކުރަމުން ދިޔަ އެވެ.

"އޭތް ޒަބީރާ އާދެބަ މޫދަށް... މޫދުގަ ފަތާލަން އާދެބަ... މޫދު ވަރަށް ފިންޏޭ..." މީހުން އެއްވަން ފެށުމުން އަފްރާޙް ތެދުވެ އެއްފައި މައްޗަށް އަނެއްފައި ލަމުން ހަމަޖެހިލަމުން ރަނޑުގޮތަކަށް ގޮވަމުން ދިޔަ އެވެ.

"ޒަބީ... އަޅޭ... ބަލަން ހުރީތަ... ނިކަން އާދެބަ... މިތާ ބައިވަރު ފިޝް ވެސް އުޅެއޭ... އާދެބަ މަޖާކޮށްލަން.... ކީއްވެތަ ތި ބަލަނީ...؟" ރާގުލާފައި އަފްރާޙް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އޭނާ އިޝާރާތްކުރަމުންދާ ޒަބީރާ ހިނިތުންވެ ހަމަޖެހިލައިގެން ގުރޫޕުގެ މެދުގައި ކުޅިބަލަން ހުއްޓެވެ. ކައިރީ ތިބި އެންމެން ޕަކަޕަކަލާފައި ހެމުން ދިޔަ އެވެ.

"ލޯބީ ޒަބީ... އަޅޭ... ހައްވާދީ ވެސް.... ހުރީތަ...! އާދެބަ ނޫޑްލިސް ކައްކައިގެން މޫދަށް އެރެން... މިއޮތީ ބާޣީ ދިން މޫދެކޭ... ގޭ ދޮރުމައްޗަށް ގެނެސްދީފަ.... ހައްވީ އާދެބަ... އަޅޭ ހައްވީ ލޯބީ.... ކޮބައިތަ ޖަންނަ...! ޖަންނަ...! ޖަންނަ މަޖާ ހަދަނީދޯ...! ބުނޭ އަފްރޭ އެބައިނޭ ލަސްވެފަ..! އަންނާށޭ މޫދަށް އެރެން" އަފްރާޙް ފަހަތަށް އެނބުރިލަމުން އެތަނަށް އެއްވެ ތިބި ދެވަން ފުރައިގެ އަންހެން ގުރޫޕަށް ގޮވާލަމުން ވާހަކަ ދެއްކި އެވެ.

ހިނދުކޮޅެއް ތެރޭގައި ކުޅިބަލަން ތަންގަނޑު އެންމެ ޖަމާވި އެވެ. އެއްވެފައިވާ މީހުންތައް ދުރުކުރަމުން މީހުންތަކުގެ ތެރެއިން ނެއްޓެމުން އަފްޒަލްއާއި ފަޔާޒް އެތެރެއަށް ދެމިގަތެވެ. ކޯރުގައި އިން އަފްރާޙް ފެނުމުން އަފްޒަލް އަވަސްވި އެވެ. އަފްރާޙްގެ ކައިރިއަށް ގުދުވެލަމުން ގޮވާލި އެވެ.

"ބޭބޭ ހިނގާ ގެއަށްދާންދޯ"

"އަފްރޭ ހިނގާ އަވަހަށް ދާން... އެންމެން އެ ބަލަނީ އަފްރޭއަށް އަވަހަށް ތެދުވޭ!" ފަޔާޒް ވެސް އަފްޒަލާ ބައިވެރިވަމުން އަފްރާޙްގެ އަތުގައި ހިފާލި އެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ގޮތަކަށެވެ.

"އަފުއްކޯ އާދޭ މޫދަށް... މިއޮތީ ބާޣީ މޫދެކޭ...! ފަޔާ އާދޭ ޖަންނަ ގޮވައިގެން މޫދަށް އެރެން..." އަފްރާޙް ތެދުވި ނަމަވެސް ހުއްޓައެއް ނުލަ އެވެ.

"ބޭބޭ ތީ މޫދެއް ނޫނޭ... އިހަށް ހަމަޖެހިބަލަ... ބޭބެ ތިއޮށް ހަމަ ޖެހޭ މީހާ...!" އަފްޒަލް ފެންކަޅިވި އެވެ. ނަމަވެސް ހިތްވަރުކޮށްފައި އަފްރާޙް އެތަނުން ގެންދެވޭތޯ އުޅުނެވެ.

"އެކަމު އެމީހުން ބުނީ އަފްރޭ އަކީ މޮޔައެކޭ...! އެމީހުން މަލާމަތްކުރަނީ ބަލާބަ ޒަބީވެސް ހެނީނު...!" ތުންދިގު ކޮށްލަމުން އަފްރާޙް ކުޑަކުއްޖެއް ފަދައިން ޝަކުވާކުރި އެވެ.

"އެމީހުން ނުބުނޭ ބޭބެ ތީ މޮޔައެކޭ... އެމީހުން އެއުޅެނީ ބޭބެ މި ތަނުގަ އިންދާ ދުއްވާ އެއްޗަކުން ޖެހިދާނެތީ  ކަންބޮޑުވެގެން..." އަފްޒަލް އޯގާތެރިކަމާއެކު އަފްރާޙް ނަގާ އަތުލަފިކޮށްލި އެވެ.

"އެމީހުން ކިހާ ލޯބިވޭ އަފްރޭ ދެކެ. އެހެންވެ އެމީހުން މިތަނަށް އަފްރޭ ކައިރިއަށް އެއްވެ އެތިބީ" ފަޔާޒު ވެސް ބޭނުންކުރަމުންދިޔައީ އަފުޒަލް ބޭނުންކުރަމުންދިޔަ އުޞޫލުތަކެވެ. އަފްރާޙް މައިތިރި ކުރެވޭނީ އެގޮތަށް ކަންކުރުމުންކަން އެ މީހުން ދަނެ އެވެ. އަފްރާޙް ހަމައިން ނައްޓާފައި އިންދާ ކިރިޔާވެސް ހަމައަކަށް އެޅުވޭ ތިބީ އެ ދެމީހުންނެވެ. އެ މީހުން އެކަން ކުރަން ދަނެ އެވެ. އަފްރާޙް ހަމައިން ނެއްޓޭ ކޮންމެ ދަނޑިވަޅެއްގައި ހަމައަކަށް އަޅުވަން އޭނާގެ އާއިލާއިން ބޭނުންކުރާ ޑޮކްޓަރުންނަކީ ފަޔާޒާއި އަފުޒަލެވެ. އަފުޒަލާއި ފަޔާޒް އަފްރާޙް ގޮވައިގެން ދާން ފެށުމުން އެއްވެ ތިބި އެއްމެން އެކި ދިމަދިމާއަށް ދާންފެށި އެވެ. ފާޑުފާޑުގެ ވާހަކަ ދައްކަމުންނެވެ. އަފްރާޙް އިޝާރާތްކުރި ޒަބީރާ ކައިރީ ތިބި މީހުންނަށް އިޝާރާތްކޮށް ބުނެލި އެވެ.

"ފަންޑިތަ ހަދައިގެން ވެގެން އުޅޭ ކަމެކޯ... ކިހާ މޮޅަށް ކިޔަވަމުން އައި ކުއްޖެއް އެހުރީ ހަލާކުވެފަ! މިރަށުގަ ނޫޅޭނެ އެހާ އަޙްލާޤް ރަނގަޅު ކުދިންތަކެއް ވެސް... ކީކޭ ބުނާނީދޯ!"

"ކާތީބުމެންގޭ މުޙައްމަދު ކިޔާތީ އެހިން އެ ސޮރު ކިޔެވުން ހަލާކު ކޮށްލީ ސްކޫލުންނޭ...! ޓީޗަރުން އެއްޗެހި ކިޔާ ކިޔާ ގޮސް މޮޔަވީ އޭ...!" ކައިރީ ހުރި ބާޤިރާ ޒަބީރާއާ ބައިވެރިވެލި އެވެ.

"ކީއްވެ ތިހެންވާންވީ...! އެ އަފްޒަލް އެ މޮޅުވަނީ ހަމަ އެޓީޗަރުން ކިޔަވައިދީގެން ނޫންތަ...! ޓީޗަރުން އަގުވައްޓާލަން މުޙައްމަދުމެން ފަތުރާ ވާހަކައެއްތީ...! ކޮންމެ ކަމަކަށް ވެސް އޮންނާނީ ސިޔާސީ ވައްދާފަ...! އެ އެމީހުންގެ ވައްތަރު... ބުނާނެ ހަޖަމު ނުވަނީ އަހަރުމެންނަށޭ...! މަދަރުސާތަކުގަ އުޅޭ ޓީޗަރުންނެއް ނޫންތަ މިޤައުމުގެ ދަރިން މޮޅުކޮށްދީ އެހަދަނީ...! ނިކަން ދެކިބަލަ މިރަށު ސްކޫލުގެ ޓީޗަރުންގެ ހިތްވަރުން ނޫންތަ ސްކޫލު ކުރިއަރާ މިދަނީ...!" ޒަބީރާގެ ވާހަކަ ގޯނީގެ ތުން މޮހާލި އެވެ.

"ތިވެސް ދޮގެނއް ނޫން! ތިބުނާ ސިޔާސީ މީހުން ކޮށްދިނީ ކޮންކަމެއް؟ ސްކޫލޭ ކިޔެވުމޭ ކިޔައިގެން އަނގަތެޅުން ނޫންކަމެއް ނެތް...!" ބާޤިރާ ވެސް ޒަބީރާއާ އެއްބަސްވެލި އެވެ.

"އެ އަފްޒަލަށޯ ލިބުނީ ޖަޕާނު ދަތުރު މި އަތޮޅުން... އެ ނިކަން ހީވާގި ކެރޭ ކުއްޖެއް...!" ދެބައި ޢުމުރުގެ އާމިނާފުޅު މައުލޫޢު ބަދަލުކޮށްލި އެވެ.

"އަންހެން ދަރިޔަކު ބޮޑުވެފަ ހުރި ނަމަ ހެޔޮހިތުން އަފުޒަލަށް ވެދުން ކުރީމު" ޒަބީރާ ހިތުގައި އަފުޒަލާ މެދު އުފެދިފައިވާ ޝުޢޫރުތައް ބޭރުކޮށްލި އެވެ.

"ނެތީމަ ތިހެން ތިބުނަނީ ހުރި ނަމަކާ ނުބުނާނެ! ޔަޤީން!" ބާޤިރާ ލާނެތް ފާޑަކަށް ހީލަމުން ބުނެލި އެވެ.

"ބަންގި ގޮވަން އެފެށީ... މެންދުރަށް ނުކައްކާ މިހެން ތިބެވިދާނެ... ދަނީ" ޒަބީރާ ދޮރޯށިން އެތެރެއަށް ދެމިގަތީ ބަންގި ގޮވަން ފެށުމުންނެވެ. އެއާއެކު ގުރޫޕު ހަދާލައިގެން އެތަނުގައި ތިބި ތިން އަންހެނުން އެކިތަނަށް ގޮސް ހުސްވި އެވެ. މަގު އެއްކޮށް އަމާންވި އެވެ.

********* ********* *********

"މާ ބޮޑަށްވެސް އަމާންވާނެ...! ރާއްޖެއާ އަޅާބަލާފަ އެތަންތަން މާ އަމާންވާނެ... މާލެހެން ކުށްވެރިން ކުށްކުރަން ޗާންސެއް ނުދޭނެ އެ ޤައުމަކު... ސަވީ ހާސްނުވޭ... އިރާދަ ކުރެއްވިއްޔާ އަހަރެން ސަލާމަތުން އަންނާނަށް... ކޯންޗެއް ގެންނަންވީ؟" އަފްޒަލް ވާހަކަދައްކަމުން ދިޔައީ ސަވީތާގެ އުނގުގައި ބޯއަޅައިގެން އޮވެ އެވެ. ރަށުގެ ތުނޑީގައި އެކަހެރިވެލައިގެން ތިބެ އެވެ. ދިހަވަރަކަށް ފޫޓު ދުރުގައި ހުރި މަގޫގަހުގެ ނިވަލުގައި ފަޔާޒާއި ހައްޖަ މާފޮޅުވަން ތިއްބެވެ. ހަވީރުގެ ވަގުތު ކަމުން އިރު އޮއްސެމުންދާ މަންޒަރު ސާފުކަމާއެކު އެމީހުންނަށް ފެންނަމުން ދިޔަ އެވެ.

އަފުޒަލްގެ މޫނުގައި އޯގާތެރިކަމާ އެކު ފިރުމަމުން އެ މޫނަށް ނަޒަރު ހުއްޓާލައިގެން ސަވީތާ އިނީ ބަސްހުއްޓިފައި އިންނަ ބީދައިންނެވެ. ސަވީތާ އެއްޗެއް ނުބުނުމުން އަފްޒަލް އަތުގައި އޮތް ހޯޅި ކޮޅުން ސަވީތާގެ ނޭފަތުގައި ކޮއްޓާލި އެވެ. ސަވީތާ ސިއްސައިގެން ދިޔަ އެވެ.

"ހޫނ .. ކީކޭ؟"

"މިހާރަކަށް އައިސް ކޮން ޑްރީމެއް ތި ކުރަނީ... އަބަދު އިންނަނީ ހުއްޓިފަ... ގެއްލިފަ... އަނެއްކާ ކަމެއްވީތަ؟" އަފްޒަލް ހިތުގައި އުތުރި އަރަމުންދިޔަ ސުވާލުތައް ހާމަކޮށްލި އެވެ.

"ނޫނޭ... އަފޫ ފުރާތީ އެކަމާ ކަންބޮޑުވެފަ... ދެރަވެފަ!"

"އުފަލެއް ނުވޭތަ އަހަންނަށް މި ޗާންސް ލިބުނީމަ... ސަވީ ބޭނުން ނުވަންޏާ ކެންސަލް ކޮށްލަފާނަން!"

"ނޫނޭ ތިހެން ނުހަދާތި... އޭރުން މާ ދެރަވާނެ... އަހަރެން އަބަދުވެސް ބޭނުމީ އަފޫ މޮޅު މީހަކަށްވާތަން ދެކެން... އަހަރެންގެ އަބަދުމެ ދުޢާއަކީ އެއީ"

"ދެން... އަނެއްކާ ސަވީ މަންމަމެނަށް މިކަން އެނގުނީތަ؟ ހިތްހަމަ ނުޖެހުނީތަ؟"

"މަންމައަށް އެނގޭ... ނޭނގެ ބައްޕައަށް އެނގޭކަމެއް... މަންމަ ބުނީ ވަރަށް ރަނގަޅުކަމެކޭ... އަފޫ ތީ މަންމަގެ ފޭވަރިޓެކޭ... ވަރަށް ތަޢުރީފުވެސް ކުރި... އަދި ބުނި ބޭރުތެރޭގަ ބައްދަލު ނުކޮށް ގެއަށް އައިސް ބައްދަލު ކުރާށޭ!"

"ދެން ސަވީ ކީކޭ ބުނީ؟"

"އަހަރެން ބުނީ ބައްދަލު ވަރަށް ނުކުރަމޭ... ކިޔެވުން ނިންމާލާފައޭ ބައްދަލުކުރާނީ... އެކަމު މިތަނަށް ހަވީރު އަންނަމޭ... އެއީ ކުޑަކޮށް ފްރެޝްވެލާށޭ..."

"ވަރަށް އަންޑަސްޓޭންޑިން ދޯ މަންމަ"

"ހޫނ... މަންމަ އެއީ މަގޭ ނަސީބު" ސަވީތާ ހިނިތުންވެލަމުން މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ގެނުވާލި އެވެ.

"އަހަރެން ވެސް ވަރަށް ކަންބޮޑުވޭ ފުރަން ޖެހޭތީ..."

"އެއީ؟" ސަވީތާ ހައިރާންކަމާއެކު ސުވާލު ކޮށްލި އެވެ.

"ބޭބެ! ބޭބެ މިދުވަސްކޮޅު އަނެއްކާ ސަކަރާތްވެފަ ހުރީ... ކުރިން ދުވަހުވެސް ކޯރުތެރޭ ބަކަތަޅަނިކޮށް ދެވުނީ... ކިރިޔާ ގެއަށް ގެންދެވުނީ ވެސް... މަންމައަކަށް ބައްޕައަކަށް ވެސް މިހާރަކު ނުގުޑާ... މާ ބޮޑަށް އޯވަރ ވެފަ ހުންނަނީ... އަނެއްކާ މިހާރު ގޮވަނީ މުޅިން ސިޔާސީ ވާހަކަތައް... މީހުން ހީކުރާނެ އަހަރުމެން ބުނެގެން ގޮވާ އެއްޗެއްސޭ އެއީ... ބާޣީ އޭ ކިޔައިގެން..." އަފްޒަލްގެ މޫނުމަތީގެ ކުލަވަރު ފަނޑުވަމުން މާޔޫސްވަމުން ދިޔަ އެވެ. އަތުގައި އޮތް ހޯޅި ކޮޅު ބިންދަމުން ކުދި ކުރަމުން ދުރަށް އުކަމުންނެވެ.

= ނުނިމޭ =

[BOTTOM CONTENT BANNER]
އަފްޒަލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ