ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒު ހއ.މޮޅަދޫގައި ބާއްވައިފި

21 އޭޕުރީލު 2018 0

ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ޢާއިލާއަށް އެމްއެންޑީއެފުން ފިލައެއް އަރުވަނީ. ފޮޓޯ: އެމްއެންޑީއެފް

126 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒު، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ އުފަން ރަށް ހއ. މޮޅަދޫގައި ބާއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން މޮޅަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތާފުޅު އަލްފާޟިލާ ފާއިޒާ އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ސާބިތުކޮށްދެއްވި ކެރުމާއި ހިތްވަރުގަދަ ޤައުމީ ޖިހާދުގެ ޝަރަފަށްޓަކައި ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ޢާއިލާއަށް އެމްއެންޑީއެފުންވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަނދާނީ ފިލާ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ޢާއިލާ އާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. އަދި ޢާއިލާގެ ފަރާތުން ފިލަ އާ ހަވާލުވެލެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތާފުޅު އަލްފާޟިލާ ފާއިޒާ އިބްރާހީމެވެ.

މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް ހިމެނެއެވެ. ސިފައިންގެ 21 ވަނަ ފޮޓޯ މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މިއަދު 16:00 ން 18:00 އަށެވެ.

126  ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ކުރިއަށްދިޔަ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި މޮޅަދޫ ރަށު ކައުންސިލްގެ މެންބަރުންނާއި އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ފޮޓޯ މައުރަޒު ބޭއްވުމުގައި ހއ.މޮޅަދޫ ކައުންސިލްގެ މެމްބަރުންނާއި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ