ސިވިލް ސާވަންޓުންނަށް އެލަވަންސެއް ތައާރަފްކޮށްފި
ސިވިލް ސާވިސް މުވައްޒަފުނަށް އައު 3 އެލަވަންސެއް ތައާރަފްކޮށްފިއެވެ. އަލަށް ތައާރަފްކުރި މި އެލަވަންސް މިމަހުން ފެށިގެން ދޭން ނިންމައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ރޭ ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރި އެ ސާކިއުލާގައި، އަލަށް ތައާރަފްކުރަން ނިންމާފައިވާ އެލަވަންސްގެ ތަފްސީލް ވަނީ ހިމަނައިފަ އެވެ.
އަލަށް ތައާރަފްކުރި 3 އެލަވެންސް ދިނުމަށް ސިވިލްސާވަންޓުން ގިންތިތަކަށް ވަނީ ބަހާލާފައެވެ. އަލަށް ތައާރަފްކުރި 3 އެލަވަންސަކީ "ޓެކްނިކަލް ކޯ އެލަވަންސް"، "ސަޕޯޓިންގ ކޯ އެލަވަންސް 1" އަދި "ސަޕޯޓިންގ ކޯ އެލަވަންސް 2" އެވެ.
ޓެކްނިކަލް ކޯ އެލަވަންސް ދޭން ހަމަޖައްސާފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ""ޓެކްނިކަލް ކޯ" ގެ މަޤާމްތަކަށް ކަނޑައެޅޭ މަޤާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށެވެ. އެގޮތުން އެފަދަ މުވައްޒަފުންނަށް، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ %28 އެވެ.
"ސަޕޯޓިންގ ކޯ އެލަވަންސް 1" ގެ ގޮތުގައި ދޭން ނިންމާފައިވަނީ -/1200ރ އެވެ. މިއިލަވެންސް ލިބޭނީ އެސް.އެސް ރޭންކްގެ މަޤާމްގައި ތިބި މުވައްޒަފުންނަށެވެ. އެސް.އެސް ރޭންކްގައި އާންމުކޮށް މަސައްކަތްކުރަނީ މަސައްކަތު މީހުންނާ، ޑްރައިވަރުން އަދި އެޓެންޑެންޓުންނެވެ. ވީމާ މިބަދަލާއިއެކު އެސް.އެސް 1 ގެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް، %29 ގެ ކުރިއެރުމެއް އަންނާނެއެވެ. އަދި އެސް.އެސް 2 ގެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނާނީ %26.8 ގެ ކުރިއެރުމެކެވެ.
"ސަޕޯޓިންގ ކޯ އެލަވަންސް 2" ލިބެނީ ޖީއެސް ރޭންކްއިން ފެށިގެން މަތީގެ ރޭންކްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ" ގެ މަޤާމްތައްކަމަށް ނުހިމެނޭ މަޤާމަތަކުގައިތިބި މުވައްޒަފުންނަށެވެ. އެގޮތުން މިއެލެވެންސް ވަނީ މުވައްޒަފުގެ ރޭންކާއި އަޅުވާ ގިންތިކޮށްފައެވެ. އެގޮތުން ޖީއެސް 1 އިން އެމްއެސް 1 އާއި ދެމެދު 700ރ ދޭން ނިންމާފައިވާއިރު، އެމްއެސް 2 އިން އެމްއެސް 4 އަށް ދޭންނިންމާފައިވަނީ 900ރ އެވެ. އަދި އީއެކް 1 އަދި 2 އަށް 1100ރ ދޭން ނިންމާފައިވާއިރު އީއެކްސް 4 އަދި 5 އަށް ދޭން ނިންމާފައިވަނީ 1300ރ އެވެ. މީގެއިތުރުން އީއެކްސް 5 އަދި 6 އަށް 1500ރ ދޭން ނިންމާފައިވެއެވެ.
ސިވިލްސާވިސް މުވައްޒަފުންގެ އަދަދު އެންމެގިނައީ ޖީއެސް 1 އިން އެމްއެސް 1 އާއި ދެމެދުގެ މުވައްޒަފުންނެވެ. އެމަޤާމްތަކުގެ މުސާރައަށް އަންނާނެ ބަދަލަށް ބަލާއިރު ޖީއެސް 1 އަށް %13.8، ޖީއެސް 2 އަށް %11.3، ޖީއެސް 4 އަށް %10.7 އަދި އެމްއެސް 1 އަށް %9.1 އިތުރުވާނެއެވެ.
މި އެލަވަންސް ތަކުން އިސްތިސްނާ ވާނެ ފަރާތްތަކެއްކަމަށް ސީއެސްސީއިން ނިންމާފައިވަނީ 2009 ވަނައަހަރުން ފެށިގެން ވަޒީފާގެ ހާއްސަ އޮނިގަނޑެއް އެކުލަވާލައި މުސާރައަށް ބަދަލުގެނެސްފައިވާ މުވައްޒަފުންނާ ކޮންޓްރެކްޓް މުވައްޒަފުންނާއި، zv7 ރޭންކްގައި ތިބި މުވައްޒަފުންނެވެ. ސިވިލްސާރވިސްގައި ގާތްގަނޑަކަށް 24،000 މުވައްޒަފުން ވަޒީފާ އަދާކުރަމުން ދާއިރު ސިވިލް ސާރވިސް މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓްގައި 234 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިދިޔައަހަރުގެ ނޮވެމްބަރުމަހު 17 ވަނަދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިވިލްސާވިސްގެ އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމުގައެވެ.
ޚިޔާލު ފައުޅުކުރުން