[HEADER BANNER]
[AD]

އޮޅުވާލައިގެން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ އަތުލައިފި

29 ޖެނުއަރީ 2018 0

އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި، އޮޅުވާލައިގެން މަކަރާއި ހީލަތުން، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި 117225 (އެއްލައްކަ ސަތާރަހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) އަތުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

 

އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ، އެކަމާ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ރައްކައުތެރިވާން ޖެހޭކަން ފާހަގަ ކުރައްވާ، ފުލުހުންގެ ވެބުސައިޓުގައި މިއަދު އާއްމުކޮށްފައިވާ ރިޕޯޓުގައި ވާގުތުގައި ވޭތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި، މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސްގެ ގޮތުގައި 26,600 އަށް ވުރެ ގިނަ ރުފިޔާއާއި  އެކައުންޓް ޓްރާންސްފަރގެ ގޮތުގައި 90,625 ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަން ފާހަގަކުރެވިފައި ވާކަމަށެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، މީސްމީހުންނަށް ފޯނުން ގުޅައި ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތި ކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް، ކޮންމެވެސް  ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށާއި އެއްވެސް މީހެއްގާތުގައި ނުބުނުމަށާއި ފޯންކޯލްގައި ހުރެގެން ފައިސާ ޖަމާކޮށްދިނުމަށް މިފަދަ ފޯންކޯލްތަކުގައި އެދެމުންދާކަންވެސް ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މަކަރާއި ހީލަތުން ރީލޯޑް ނުވަތަ ރާސްޓަސް ހޯދުމުގެ މައްސަލަތަކުގެ އިތުރުންވެސް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުންކޮށްގެންނާއި ފޯނުން ގުޅައިގެން ކްރެޑިޓް ކާރޑް ނުވަތަ ޑެބިޓް ކާރޑްގެ މަޢުލޫމާތު ހިއްސާކޮށްދޭން އެދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިގޮތުން ކާރޑް ނަމްބަރާއި  ސެކިއުރިޓީ ކޯޑް ފަދަ މުހިންމު މަޢުލޫމާތު ހޯދުމަށް އެދިފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.

މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުންފުންޏަކުން ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ ފޯނު ކޯލެއް އަތުވެއްޖެ ނަމަ އެއީ ސައްހަ ނަމްބަރެއްތޯ ޔަގީން ކުރުމަށާއި ޝައްކުވާ ނަމަ، އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފުލުހުން އެދެ އެވެ.

 

"ހަމަ އެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި އަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބަހައްޓާށެވެ." ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ