ގޯތި ދިނުން ހުއްޓުވައިފި، ކައުންސިލަށް ބޮޑު ސިހުމެއް


އިހަވަންދޫ ރަށު ކައުންސިލް މެމްބަރުންތަކެއް ރަށުގެ މަގުތަކަށް ވެލިއަޅައި އަޑިގުދަން ފިލުވުމުގެ ޢަމަލީ މަސައްކަތުގައި / ފޮޓޯ: އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް

 

އިހަވަންދޫން ގޯތި ދޫކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން އިހަވަންދޫ ކައުންސިލަށް އަންގައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދަށް ގުޅުމުން ވިދާޅުވީ "އެފަދަ އެންގުމެއް އެ އޮތޯރިޓީން މި މަހު 21 ވަނަ ދުވަހު އަންގާފައިވާ" ކަމަށެވެ.

ރަޝީދު ވިދާޅުވީ ގޯތިދިނުމަށް އަލުން އިޢުލާނުކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެ ނިމިފައިވާ ކަމަށާއި، ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ އެ އެންގުމާ ގުޅިގެން ކައުންސިލަށް ވަރަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފަދަ އެންގެވުމެއް އެ އޮތޯރިޓީން އަންގަވަން ޖެހުނު ސީދާ ސަބަބު އެނގިވަޑައިނުގަންނަވާށެވެ.

"ކޮންމެ ގޮތެއްވިޔަސް ސަރުކާރުގެ އެންގެވުންތަކަށް އަޅުގަނޑުމެން ފުރިހަމައަށް ތަބާވާނަން. މި ދިމާވިގޮތުން ގޯތިދިނުން އަނެއްކާވެސް ލަސްވެދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވޭ. ސަރުކާރުގައި ދަންނަވައިގެން ވީހައިވެސް އަވަހަކަށް ގޯތި ދޫކުރުމުގެ ހުއްދަ ހޯދުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން" ރަޝީދު އިތުރަށް ވިދާޅުވިއެވެ.

އިހަވަންދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ މީގެ 10 އަހަރުކުރިން 2008 ވަނަ އަހަރުގައިކަމަށް ވާއިރު، ގޯތި ދޫކޮށްދިނުން އެދި އެތައް ޒުވާނުންނެއް ދަނީ އާދޭސް ދަންނަވަމުންނެވެ.

ފައިބެދިޔަ ދެ ކައުންސިލުން ވެސް ގޯތި ދިނުމަށް އިޢުލާނުކޮށްފައި ވެއެވެ. މިގޮތުން މުޙައްމަދު ސަމީރު ރައީސްކަމުގައި، ގޯތި ދޫކުރުމަށް އިޢުލާނުކުރީ 10 ފެބްރުއަރީ 2013 ގައެވެ. މި އިޢުލާނާ ގުޅިގެން 335 ފަރާތަކުން ފޯމު ހުށަހެޅިއިރު، ޝަރުޠު ހަމަވެގެން ޝޯޓް ލިސްޓްކޮށްފައި ވަނީ 260 ފަރާތެކެވެ. އެ ފަހަރު ދޫކުރުމަށް ހުއްދަ ލިބިފައި ވަނީ 60 ގޯއްޗެވެ.

އޭގެ ފަހުން މުޙައްމަދު އާޞިފްގެ ރައީސްކަމުގައި، މި އިޢުލާނު ބާޠިލްކުރުމަށްފަހު، 10 އޮގަސްޓް 2016 ވަނަ ދުވަހު އަލުން ގޯތި ދިނުމަށް އިޢުލާނު ކުރިއެވެ. އެ ފަހަރު އިޢުލާނު ކުރީ ނޫރާނީމަގުގެ ހުޅަނދު ދެކުނު (ބޮޑުމަގު ދެކުނުން) އޮންނަ ސަރަހައްދުން 100 ގޯތި ދޫކުރުމަށެވެ. މި އިޢުލާނާ ގުޅިގެން 401 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ.

އޭގެ ފަހުން މިހާރު ހިނގަމުންދާ ކައުންސިލްގެ 2 ވަނަ ބައްދަލުވުމުގައި 13 ޖޫން 2017 ގައި ފާސްކޮށްފައި ވަނީ، ކުރީ ކައުންސިލުންކޮށްފައިވާ އިޢުލާނަށް އިޖާބަ ދީފައިވާ ފަރާތްތަކަށް އެ އިޢުލާނާއެކު އާންމުކޮށްފައިވާ އުޞޫލާ އެއްގޮތަށް ގިނަވެގެން 100 ދުވަސް ތެރޭ ގޯތި ދީ ނިންމުމަށެވެ.

ނަމަވެސް އޭގެ ފަހުން 25 އޮގަސްޓް 2017 ވަނަ ދުވަހުގެ ރޭ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ކައުންސިލަރުން ހާމަކޮށްފައި ވަނީ، އިހަވަންދޫން ގޯތި ދޫކުރުމަށް ކުރީ ކައުންސިލުން ތައްޔާރުކޮށް އާންމުކޮށްފައިވާ އުޞޫލުން ޕޮއިންޓް ދީފިނަމަ ބޮޑެތި ޚިލާފުތައް އުފެދި ގިނަބައެއްގެ ޙައްޤުތަކެއް ގެއްލިގެން ދާނެ ކަމަށާއި، އިންސާފުވެރިކަމާއެކު އެކަން ކުރުމަށްޓަކައި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށްގެން ނޫނީ ގޯތި ދޫކުރެވެން ނެތްކަމަށާއި، އުސޫލަށް ބަދަލު ގެންނަ ނަމަ އަލުން އިޢުލާން ކުރަން ޖެހޭ ކަމަށެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ގޯތި ދޫކުރުން ހުއްޓުވާފައި މި ވަނީ އެ އޮތޯރިޓީގައި ދަންނަވައިގެން ގޯތި ދޫކުރުމަށް އައު އުޞޫލެއް ތައްޔާރުކޮށް ނިމިފައި ވަނިކޮށެވެ.

ގޯތި ދޫކުރުން ހުއްޓުވުމާ ގުޅިގެން މީސްމީޑިއާގައި ބައެއް ޒުވާނުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

YAmeen isthiufaa

– 27 ޖެނުއަރީ 2018 0