ޤާރީ ދޫކޮށްލުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފި

10 ޖެނުއަރީ 2013 0

އިހަވަންދޫގެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރި ވަފާ ޤުރުއާން ކްލާހުގެ މުދައްރިސް އަލްޙާފިޡް އަލްޤާރީ ސައްޔިދު ޚަލީޤު ބަންދުން ދޫކޮށްލުމުން އެކަމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ޚަލީޤު ބަންދުން ދޫކޮށްލުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ޙުކުމް ކުރީ މިދިޔަ އަހަރު ޑިސެމްބަރ 20 ވަނަ ދުވަހު ހއ. ވަށަފަރު މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގެ ނިންމުމުގަ އެވެ.

ވަށަފަރު މެޖިސްޓްރޭޓް ކޯޓުން ޚަލީޤު ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުވެފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ ކޯޓަށް ޙާޒިރުކުރި އިރު ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު ފަހަނައަޅާފައި ވާތީ އެވެ.

ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނަނީ ހއ. ވަށަފަރު ކޯޓަށް މުއްދަތު އިތުރުކުރުމަށް ޚަލީޤު ގެންގޮސްފައި ވަނީ ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު ހަމަވެފައި ވަނިކޮށްކަން ސާބިތު ވާކަމަށާ އަދި އޭނާ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރުގައި ވެސް ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި އެ ސަބަބު ބަޔާންވެފައި އޮންނާތީ ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު ހަމަވި ވަގުތުން ފެށިގެން ޚަލީޤު ބަންދުން ވީއްލިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ޤާރީ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެ ފަހަރު ދައުލަތުން ކުރި އިސްތިޢުނާފާ ގުޅިގެން ހައިކޯޓުން ކަނޑައަޅާފައި ވަނީ އޭނާ ދޫކޮށްލަން ޢަމުރު ކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

 

ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ