2018 ވަނަ އަހަރުގެ ބަޖެޓްގައި އައި-ހެވަން ޕްރޮޖެކްޓަށް 0 ރުފިޔާ!
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އައިހެވަން މަޝްރޫއުއަށް، 2018 ވަނަ އަހަރު އެއްވެސް ރުފިޔާއެއް ހަރަދު ނުކުރުމަށް ބަޖެޓް ކޮށް، 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް އިއްޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ސައުދީ ފަންޑުގެ ލޯން އެހީގައި ތަރައްޤީ ކުރަން ނިންމާފައިވާ އައި-ހެވަން ޕްރޮޖެކްޓަށް 2018 ވަނަ އަހަރު އެއްވެސް ހަރަދެއް ކުރުމަށް ނިންމާފައި ނުވާއިރު 2019 ވަނަ އަހަރު 122.4 މިލިއަން އަދި 2020 ވަނައަހަރު 244.9 މިލިއަން ރުފިޔާ އައި-ހެވަން ޕްރޮޖެކްޓަށް ހަރަދު ވާނެކަމަށް ލަފާކޮށްފައިވެއެވެ.
2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުން 2018 އަންނަ އަހަރު އައި-ހެވަން ޕްރޮޖެކްޓަށް ހަރަދުކުރުމަށް ނިންމާފައި ނުވިނަމަވެސް، 2017 ވަނައަހަރު ހަރަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި އައި-ހެވަން ޕްރޮޖެކްޓަށް 2018 ވަނަ އަހަރު 104.4 މިލިއަން އަދި 2019 ވަނަ އަހަރު 169 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ 2017 ވަނައަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި މިއަހަރު އައި-ހެވަން ޕްރޮޖެކްޓަށް 33.8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ.
މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ، އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް އިންޑިއާ އަދި ސައުދީ ފަންޑުން އިންވެސްޓް ކުރަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
އައިހެވަން މަސްރޫއާއި ބެހޭގޮތުން ބައެއްބޭފުޅުން ދައްކަވާފައިވާ ފާހަގަކޮށްލެވޭ ވާހަކަތައް:
- 12 ޖޫން 2015 - "އައިހެވަން މަޝްރޫ މިއަހަރު ފަށާނެ" ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު
- 30 ނޮވެމްބަރ 2015 – "އައިހެވަން މަޝްރޫއު ސައުދީ އިންވެސްޓްމަންޓް ފަންޑުން ނަގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް" އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު.
- 10 ޑިސެމްބަރ 2015 – "އައިހެވަން އަށް އިންވެސްޓްކުރަން ސައުދީ ފަންޑް ތައްޔާރު" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
- 12 އޭޕްރިލް 2016 – "އައިހެވަންގައި ބައިވެރިވުމަށް އިންޑިއާ އޮތީ ތައްޔާރަށް" އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
- 23 މެއި 2016 - އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔައަހަރު ފަށާނެ ކަމަށް، ހއ ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި.
- 24 ޖެނުއަރީ 2017 - "އައިހެވަން އަށް މިހާތަނަށް ހުށަހެޅުމެއް ނާދޭ: ޝައިނީ" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
- "އައިހެވަންގެ ތަފްސީލީ ކުރެހުންތައް އޭޕްރީލް މަހަށް ނިމޭނެ": ރައީސް ޔާމީން
ޚިޔާލު ފައުޅުކުރުން