ހޯރަފުށީ ސިއްހީމަރުކަޒަށް ހާއްސަ ދެ ޑޮކްޓަރުން ހޯދަނީ

4 ނޮވެމްބަރު 2017 0

ހއ. ހޯރަފުށީ ސިއްހީމަރުކަޒު

ހއ. ހޯރަފުށީ ސިއްހީމަރުކަޒަށް ސްޕެޝަލިސްޓު 2 ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތްކުރުމަށް 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް މިމަހު 2 ވަނަ ދުވަހު އިއުލާނުކޮށްފައި ވާއިރު، ހޯރަފުށީ ސިއްހީމަރުކަޒަށް ހޯދުމަށް އިޢުލާނު ކޮށްފައި ވަނީ ކުޑަދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ.

މިނިސްޓްރީން ވަނީ 13 ދާއިރާއަކަށް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ  ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ އަދި ޕީޑިއެޓްރިކްސްއެވެ. އޭގެ އިތުރުން ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ އަދި އޮފްތަލްމޮލޮޖިސްޓް އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއީ ދާއިމީ ވަޒީފާތަކެއް ކަމަށެވެ. މުސާރައިގެ ގޮތުގައި 30990 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 10200 ރުފިޔާ އަދި އިތުރު އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.

ހއ. ހޯރަފުށީ ސިއްހީމަރުކަޒުގައި ކުރިންވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް މަސައްކަތް ކުރައްވާފައި ވާއިރު، މިވަގުތު އެމަރުކަޒުގައި ހިދުމަތް ދެއްވަމުން ގެންދަވަނީ 2 މެޑިކަލް އޮފިސަރުން ނެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ