ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

5 އޮކްޓޫބަރު 2017 0

ހޯރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި. ފޮޓޯ: ޕޮލިސް މީޑިއާ

ހއ. ހޯރަފުށީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ 3 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ. ފުލުހުން ބުނެފައި ވަނީ މިހާރު މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން ދާކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ