ރޮހިންގާ ފަންޑަށް އިހަވަންދޫއިން 61000 ހާހަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

25 ސެޕްޓެމްބަރު 2017 0

އިހަވަންދޫ ރަށު ކައުންސިލުން އިސްނަގައިގެން، މިޔަންމާގައި އެޤައުމުގެ އަސްކަރިއްޔާއިންނާއި، ބުޑިސްޓުންގެ ފަރާތުން ލާއިންސާނީ އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތަށް 61309.48 (ފަސްދޮޅަސް އެއްހާސް ތިންސަތޭކަ ނުވަރުފިޔަ ސާޅިސް އަށްލާރި) ލިބިއްޖެއެވެ. ރޮހިންގާ މުސްލިމުންނަށް މާލީގޮތުން އެހީތެރިކަން ހޯދުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މިހަރަކާތުގެ ދަށުން އިހަވަންދޫގެ އެކި ސަރަހައްދުތަކުގައި 11 ފަންޑްފޮށްޓެއް ބަހައްޓާފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާސިލް މުހައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ،  11 ފަންޑުފޮށްޓަށް 58337.10 ރ ލިބުނުއިރު ސިލްސިލާ ފިހާރައިގެ މިމަހުގެ 15 އަދި 16 ވަނަދުވަހު ސޭލްސްއިން 35% ގެ ގޮތުގައި 2972.38 ރ ހަދިޔާކޮށްފައި ވާކަމުގައެވެ. މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިކަންދަށް ދުވަސްވަރެއްގައި، ރައްޔިތުންގެ ފަރާތުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިވާތީ އެކަމަށް ޝުކުރުވެރިވާކަމުގައެވެ. އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި ފަންޑަށް ލިބުނުފައިސާ ހއ އަތޮޅު ކައުންސިލް މެދުވެރިކޮށް ދިވެހި ރެޑްކޮރޮސެންޓާއި ހަވާލުކުރުމުގެ މަސައްކަތްދަނީ ކުރިޔަށެވެ.

ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއާއި ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް މުޅި ރާއްޖޭގައި ދަނީ އަޑުއުފުލަމުންނެވެ. އަދި ގިނަ ރަށްރަށުގައި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި އަންނައުނު އެއްކުރުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

އިހަވަންދޫ ކައުންސިލް, މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ