އިންތިހާބުތެރޭ ހަމަނުޖެހުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކޮށްފި

4 މެއި 2017 0

ހޮނިހިރު ދުވަހުން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ އިތުބާރުލިބިގެންވާ ކާމިޔާބު އިންތިޚާބަކަށް ހެދުމަށްޓަކައި މުޖުތަމަޢުގެ އަމާންކަން ދަމަހައްޓައި، ހަމަނުޖެހުމަކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން މިރޭ ނެރުނު ނޫސަބަޔާނެއްގައި ބުނެފައި ވަނީ ޤައުމުހިންގުމުގެ ނިޒާމުގައި ފަރުދީގޮތުން ބައިވެރިވެ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމާއި، އެމީހަކު އަމިއްލައަށް، ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމަކީ ކޮންމެ ފަރުދަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމަށެވެ.

އެހެން ކަމުން ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ޒިންމާދާރުކާމާއި، މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެތިބެ، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، އެންމެ ފުރިހަމަގޮތުގައި މި ޙައްޤުގެ ބޭނުންހިފުމަށް މި ކޮމިޝަނުން ގޮވާލާކަމަށެވެ.

އެޗްއާރްސީއެމުގެ ބަޔާނުގައި ބުނެފައިވަނީ، ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޤަރާރުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ޙައްޤު އެންމެ ފުރިހައަށް ލިބިދެވޭތޯ ކަށަވަރުކުރުމުގެގޮތުން މި އިންތިޚާބުގެ ކަންކަން އެ ކޮމިޝަނުން އޮބްޒާވްކުރަމުން ގެންދާނެކަމުގައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ