އަމިއްލައަށް މަރުވުމުގެ މައްސަލަތައް ގެނެސްދިނުމުގައި ސަމާލުވޭ

4 މެއި 2017 0

އަމިއްލައަށް މަރުވުމުގެ މައްސަލަތަކއި އަމިއްލަ ނަފްސަށް ގެއްލުންދޭ މައްސަލަތައް، އާންމުކޮށް ޝާއިޢުކުރެއްވުމުގައި މީޑިއާތަކުން އިތުރަށް ސަމާލުވެ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން އިލްތިމާސްކޮށްފި އެވެ.

އަމިއްލަ މަރުވުމާއި ނަފުސަށް ގެއްލުން ދިނުން އިތުރުވަމުންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މިނިސްޓްރީން  މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމިއްލައަށް މީހުން މަރުވާ ހަބަރުތައް އެކިއެކި ނޫސްތަކާއި މީޑިއާތަކުގައި ވަރަށް ތަފުސީލްކޮށް ގެނެސްދޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި އެފަދަ ކަމެއް ހިނގި ނަމަވެސް އެކަމެއްގެ ހަބަރުތައް ވަރަށް ތަފުސީލްކޮށް ގެނެސްދޭތީ އާއްމުން ވަރަށް ޝައުގުވެރިކަމާއެކު އެ ހަބަރުތައް ކިޔާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ހަބަރުތަކުގެ ތަފްސީލް ގެނެސްދިނުމުން އެކަމުން ހިތްވަރު ލިބި، ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން ނުވަތަ ކުރިމަތިވާ ހާލަތްތަކުގައި މާޔޫސްވުމާއި ނާއުންމީދުވުން ފަދަ ކަންކަމުގެ ސަބަބުން އެފަދަ ކަންކަން ތަޖުރިބާކޮށްލުމަކީ ވެސް ބައެއް ފަރާތްތަކުން މަދުން ނަމަވެސް ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމްމިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"ނަމަވެސް މިފަދައިން ނާއުއްމީދުވާ ނުވަތަ މާޔޫސްވާ އެއްވެސް ހާލަތެއްގެ ހައްލަކީ އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނުވަތަ އަމިއްލައަށް މަރުވުމެއް ވެސް ނޫނެވެ. އަދި އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ކަނޑައެޅިގެން މަނާކުރެވިފައިވާ ކަންކަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެފަދަ ހަބަރުތައް އެހާ ތަފުސީލްކޮށް ގެނެސްދިނުމުން ރާއްޖެ ފަދަ ގައުމެއްގައި "ރަމަތަ" ނުކުރެވޭ ފަދަ އިޖުތިމާއީ، ނަފުސާނީ އަދި ޖަޒުބާތީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކަށް ޖާގަ ނުދީ އާއްމުން ހޭލުންތެރިކޮށް، ނަފުސަށް ގެއްލުން ދިނުމުގެ ބަދަލުގައި ދީނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބެންހުރި ފަރުވާ ހޯދުމަށް ބާރުއެޅުމަށް އެ މިނިސްޓްރީން ގޮވާލާފައިވެ އެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ