ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ރަޖިސްޓްރީކުރި މީހުން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް

15 މާރިޗު 2017 0

ވޯޓުފޮށި ނުބެހެއްޓުމަށް ނިންމެވި ތަންތަނަށް ރަޖިސްޓްރީކުރި މީހުން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި އިންޑިޔާގެ ޓްރިވެންޑްރަމްގައި ވޯޓުލުމަށްޓަކައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުވުމާއި ގުޅިގެން ނުބެހެއްޓުމަށް ނިންމާފައިވާ ވޯޓުފޮށިތަކަށް ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2017 މާރިޗު 16 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 100 މީހުންނަށްވުރެ މަދުއަދަދަކަށް މީހުން ރެޖިސްޓްރީ ވެފައިވާ ރިސޯޓުތަކުގައި ވެސް ވޯޓުފޮށި ނުބަހައްޓާ ގޮތަށެވެ. މިގޮތުން 14 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާގޮތަށް ނިއްމާފައިވާއިރު،  ހއ. ގެ ދެ ރިސޯރޓު ކަމުގައިވާ ޖޭއޭ މަނަފަރު ރިސޯޓާއި ދޮނަކުޅި ރިސޯޓު ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ރަޖިސްޓްރީވާންޖެހޭ އަދަދަށް މީހުން ރަޖިސްޓްރީ ނުވުމުން ވޯޓް ފޮށި ނުބެހެއްޓެވުމަށް ނިންމާފައިވަނީ ސިނާއީ މަސައްކަތްކުރާ ސަރަޙައްދުތަކުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސެވި ވޯޓު ފޮށިތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސެވި ވޯޓުފޮށްޓާއި، އިންޑިއާގެ ޓްރިވެންޑްރަމްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށީގެ އިތުރުން، ސާދަ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖެއްސެވި ވޯޓު ފޮށިތަކެވެ.

މި ތަންތަނަށް ރަޖިސްޓްރީވީ މީހުން އަލުން އެހެންތަނަކަށް ރަޖިސްޓްރީވުމަށް މާދަމާގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި ވާއިރު އެ މުއްދަތުގައި ރަޖިސްޓަރީ ބަދަލުނުކޮށްފިނަމަ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ތަންތަނުގައި ބަހައްޓަން އޭރު ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށްވެސް އިލެކްޝަންސް އިން ވިދާޅުވެއެވެ.

ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. ރާއްޖެއިންބޭރުގައިނަމަ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ