އައިހެވަންގެ ތަފްސީލީ ކުރެހުންތައް އޭޕްރީލް މަހަށް ނިމޭނެ: ރައީސް ޔާމީން

6 ފެބުރުއަރީ 2017 2

އިހަވަންދިއްޕޮޅުގައި ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން މަޝްރޫޢުގެ މާސްޓާ ޕްލޭންގެ ތަފްސީލްތައް އަންނަ އޭޕްރީލް މަހަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމިން މިހެން ވިދާޅުވީ މިއަދު ހެނދުނު ދަރުވާރުގޭގައި އޮތް، ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަދުވަހު، ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ހަވާލުކޮށްފަ އެވެ. އައިހަވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ.

އައިހަވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާ ކޮށްފައެވެ. އެފަރާތުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅުމަށް އެސަރަޙައްދު ބަލާ ދިރާސާތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވެއެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާ ހަދާފައިވެއެވެ.

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

އައިހެވަން މަސްރޫއާއި ބެހޭގޮތުން ބައެއްބޭފުޅުން ދައްކަވާފައިވާ ފާހަގަކޮށްލެވޭ ވާހަކަތައް:

  • 12 ޖޫން 2015 - "އައިހެވަން  މަޝްރޫ މިއަހަރު ފަށާނެ" ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު
  • 30 ނޮވެމްބަރ 2015 – "އައިހެވަން މަޝްރޫއު ސައުދީ އިންވެސްޓްމަންޓް ފަންޑުން ނަގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް" އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު.
  • 10 ޑިސެމްބަރ 2015 – "އައިހެވަން އަށް އިންވެސްޓްކުރަން ސައުދީ ފަންޑް ތައްޔާރު" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
  • 12 އޭޕްރިލް 2016 – "އައިހެވަންގައި ބައިވެރިވުމަށް އިންޑިއާ އޮތީ ތައްޔާރަށް" އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
  • 23 މެއި 2016 - އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔައަހަރު ފަށާނެ ކަމަށް، ހއ ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި.
  • 24 ޖެނުއަރީ 2017 - "އައިހެވަން އަށް މިހާތަނަށް ހުށަހެޅުމެއް ނާދޭ: ޝައިނީ" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކީއްވެތަ މިހާރު ކޮންމެންޓްތައް ނުޖަހަނީ؟ ބަލަ މިއީ އައިހުވަފެނަކަށ ްވެއްޖެ މިހާރު․․ ސައީދު ވިދާޅުވީ 15 ހަފްތާއިން ނިމޭނޭ މާސްތަރ ޕްލޭން އެއީ ފެބުރުއަރީ 13․․ ރައީސް މިބުނަނީ އޭޕްރީލަށޭ ވާނުވާއެއް ނޭނގޭ އަނެއްކާ ކިޔާއެއްޗެއް ދިމާވާގޮތަށް ވާހަކަ ދައްކަންވެސް ނޭނގެނީއެ މި މީހުންނަށް

– 9 ފެބުރުއަރީ 2017 0

ކޮބާ ފެބުރުއަރީ 13 އަށް ނިންމަން ބުނި މާސްޓަރ ޕްލޭން؟؟ 1 ނޮވެންބަރ 2016ގައި ސޮއިކޮށްފަް ބުނީ ސޮއިކުރާތާ 15 ހަފްތާގެ ތެރޭގަ ނިމޭނޭ․․․ މި ނޫހުން އަޅެ އެކަން ނިކަން ސާފުކޮށްލަބަލަ މިނިސްޓްރީއަށް ގުޅައިގެން

– 14 ފެބުރުއަރީ 2017 0