އެމްއެންޑީއެފްގެ ނިޔަމި ކަމުގެ ކޯސް ފަށައިފި

27 ޖެނުއަރީ 2017 0

އެމްއެންޑީއެފުން ހިންގާ ފުރަތަމަ ނިޔަމި ކަމުގެ ކޯސް، 120 ބައިވެރިންނާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ، ހއ. އިހަވަންދޫގައި މިއަދު ފަށައިފިއެވެ.

އެމްއެންޑީ އެފް އިން ބުނެފައިވާގޮތުގައި މި ކޯހަކީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ހއ. އިހަވަންދޫ އާއި ހއ. މޮޅަދޫގެ އިތުރުން ހއ. ދިއްދޫ އަދި ހއ. ހޯރަފުށިން، 120 މީހުން ބައިވެރި ވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.  މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ހިންގާ މި ކޯހުގައި 30 ގަޑިއިރުގެ ކުލާސްތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކޯހުގައި، މައިގަނޑު 4 ބައެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަން ހިމެނެއެވެ.

ކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނެގުމަކާ ނުލައި ހިންގާ މި ކޯހަށް ބައިވެރިން ހޮވާފައިވަނީ އެ ފަރާތްތަކަށް ދެވުނު ޓެސްޓުތަކަކަށް ފަހު އެވެ. މިކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.  މިކޯހުގެ ކިޔެވުން ކުރިއަށް ގެންދަނީ އިހަވަންދޫ މަދަރުސާގަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ