އަދާލަތު ޕާޓީން ކައުންސިލް އިންތިހާބު ބޮއިކަޓް ކޮށްފި

10 ޖެނުއަރީ 2017 0

މިއަހަރުގެ އޭޕްރިލް މަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަދާލަތު ޕާޓީން ބޮއިކަޓް ކޮށްފި އެވެ.

އަދާލަތު ޕާޓީ އިން ކައުންސިލް އިންތިޚާބު ބޮއިކޮޓް ކުރީ ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

 

އެޕާޓީން ނެރެފައިވާ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަކީ ނުހައްޤުން ފޭރިގެންފައިވާ އިންތިޚާބެއްގައި ޞައްޙަކަމުގެ ސިއްކަޖަހައިދިނުން ކަމުގައި ވާތީ އާއި  ދިވެހި ރައްޔިތުންގެ ކިބައިން ނުހައްގުން އިންތިޚާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައުލަތާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ، މި އެންމެހައި އަނިޔާވެރި، ގާނޫނާ ޚިލާފު، ބޭއިންސާފު ޖަރީމާތަކަށް އިންކާރުކޮށް، އިހްތިޖާޖުކޮށް ކުށްވެރިކުރާ ހާލު، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަނުކުރުމަށް ނިންމައިފީމު ކަމުގައެވެ.

 

މަޝްވަރާ މަޖިލީހުގެ ނިންމުން މިގޮތަށް ނިންމާފައިވަނީ  ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ޚަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަށް ލާބަހުރި ގޮތަށް މެނުވީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާތީއާއި އޭޕްރީލް 08 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާނުކޮށްފައި ވަނީ، ގާނޫނުއަސާސީގެ ދަށުން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ވަކިމީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމު ހަވާލުކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުން ކަމަށްވާތީއާއި ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން، ކައުންސިލްތަކުގެ އިންތިޚާބު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި އިހްމާލުވެ، އެ އިންތިޚާބު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާތީ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ