އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތަވާ: ރައީސް

10 ޑިސެމްބަރު 2016 0

އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، ކީރިތި ރަސޫލާގެ ޢީދު މިލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިފަދަ މުނާސަބަތެއް އިޙްތިފާލު ކުރުމުގެ އެންމެބޮޑު ބޭނުމަކަށްވާންޖެހޭނީ، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައިވާ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި، އެކަލޭގެފާނުގެ ސީރަތުން ޢިބްރަތް ހާސިލުކުރުން ކަމަށް ވިދާޅުވިއެވެ.

އަދި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގައި އެންމެން ދެމިތިބުމުގެ ފިލާވަޅުކަމަށާ އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގެ ފިލާވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމަކީ، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް މަތިވެރި ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ