ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ހާމަކުރަން އިލެކްޝަނުން ދެކޮޅުހަދައިފި

5 ޑިސެމްބަރު 2016 0

ކުރިޔަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ހާމަކުރަން އިލެކްޝަން ކޮމިޝަނުން ދެކޮޅުހަދައިފިއެވެ. މިނޫހުގެ ފަރާތުން، އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް އަދި ރަށު ކައުންސިލަށް ކުރިމަތިލާފައިވަނީ ކޮން ފަރާތްތަކެއްތޯ ސާފުކުރުމަށް އިލެކްޝަންކޮމިޝަނުގައި އެދުމުން، އެކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރ އަޒުވާ ރިޒާ ވިދާޅުވީ އެމައުލޫމާތު ހާމަކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ނުވާކަމުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ޑިސެމްބަރު މަހުގެ 1 ގެ ނިޔަލަށްވަނީ ހަމަވެފައެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް އެ އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުވަނީ އަމުރުކޮށްފައެވެ.  ސިވިލްކޯޓުން އެގޮތަށް އަމުރުކުރީ އެ އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރަން ޕީޕީއެމުން ހުށަހެޅުމުންނެވެ. އެ މައްސަލަ އިސްތިއުނާފްކުރަން އިލެކްޝަނުން މިހާރުވަނި ހުށަހަޅާފައެވެ. ކޯޓް އަމުރަކާއި އެކު އިލެކްޝަނުންވަނީ ރިރެޖިސްޓްރީވުމުގެ މުއްދަތު، ވަކިމުއްދަތެއް ނެތްގޮތަށް އިތުރުކޮށްފައެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައެއްނުވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ. އިލެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަން, ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ