ކޯޓުން އަމުރުކުރުމުން ރީ ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު އިލެކްޝަނުން އިތުރުކޮށްފި

20 ނޮވެމްބަރު 2016 0

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރުނު ވަގުތީ އަމުރާއި ގުޅިގެން، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ކުރިން ކަނޑައަޅާފައިވާ 21 ނޮވެމްބަރ 2016 ވަނަ ދުވަހަށް ފަހުވެސް މެދުކެނޑުމެއް ނެތި ރީ-ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ. އަދި ރީ-ރަޖިސްޓަރީ ކުރުން ނިންމާލާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ފަހުން އިޢުލާނުކުރާނެއެވެ.

ސިވިލް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމް ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ޕާޓީގައި ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެއަމުރުގައި ވެއެވެ.

އެ ހާލަތަށް ރިއާޔަތްކުރާއިރު "ހާލަތު ޟުރޫރަތެއް" ކުރިމަތިވެފައިވާ ކަމަށް އަމުރުގައިވެ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ކައުންސިލް އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ދެ މަސް ދުވަހަށް އިންތިހާބު ފަސްކުރުމަށް އަންގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއްނެރެދިނުމަށް ކޯޓްގައި އެދިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު, އިލެކްޝަން ކޮމިޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ