ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ
އަންނަ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައާއި، ރިސޯޓުތަކާއި، ޞިނާޢީ މަރުކަޒުތަކާއި، އަދި ޖަލުތަކުގައި ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ. އެކޮމިޝަނުން އިއްޔަ ކޮށްފައިވާ އިއުލާނުގައިވަނީ އޮފިޝަލް ކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު، އެ ފަރާތެއްގެ ޕާސްޕޯޓްސައިޒުގެ ފޮޓޯ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީއަކާއެކު، 2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 16:00 ގެ ކުރިން،http://forms.elections.gov.mv މި ލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދޭކަމުގައެވެ.
އޮފިޝަލުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތައްކަމަށް އެކޮމިޝަނުން ކަނޑައަޅައިފާވަނީ އުމުރުން 18 އަހަރާ 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުމެވެ. އަދި މީގެ އިތުރުން އެމީހެއްގެ ކިބާގައި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުމާއި ޞިއްޙީގޮތުން އެފަދަ މަސައްކަތަކަށް ޤާބިލު މީހެއްކަމުގައިވުންވެސް އޮފިޝަލެއްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ވޯޓްލާ ދުވަހު -/1300ރ ލިބޭއިރު ވެރިޔާގެ އެހީތެރިޔާއަށް -/1000ރ ލިބިއެވެ. އަދި އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫން ފަރާތްތަކަށް -/800ރ ލިބޭއިރު ރިޒާވް އޮފިޝަލުންނަށް -/400ރ ލިބެއެބެ. އަދި މީގެއިތުރުން އެކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުން ވޯޓުލާދުވަހުގެ ކެއުމާއި ސަޔަށްވާ ފައިސާވެސް ދެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހުގެރޭ ދަންވަރު 12:00ގެ ފަހުން މަސައްކަތްކުރަން ޖެހޭނަމަ، ހޭދަވާ ކޮންމެ ގަޑިއިރަކަށް ވޯޓްލާ މަރުކަޒުގެ ވެރިޔާއަށް -/100ރ ދޭއިރު އެހީތެރިޔާއަށް –/75ރ ދެއެވެ. އެހެން އޮފިޝަލުންނަށް ދޭނީ -/50ރ އެވެ.
އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ވޯޓްލާ މަރުކަޒުތަކުގެ އޮފިޝަލުން 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. އެ ތަމްރީނުތައް އޮންނާނީ 2017 ޖަނަވަރީ 1 އިން 12 އާ ދެމެދުގެ ތާރީހެއްގައެވެ.
ޚިޔާލު ފައުޅުކުރުން