[HEADER BANNER]
[AD]

ސިޔާސީ ކުލަ މުޙިއްމުތަ؟

24 އޮކްޓޫބަރު 2016 6

ސިޔާސީޕާޓީތައް "ޑިމޮކްރަސީ" ރާއްޖޭގައި ކުރިއަރުވާތާ އެކަތެއް އަހަރުތަކެއް ވެއްޖެވެ. އެއީ ރައްޔިތުންނަށް އިހްޞާސްކުރަން އުދަނގޫ، އަތު ނުޖެހުނު ޑިމޮކުރަސީއެވެ.  އިޞްލާހީ މަސައްކަތްތައް ޕާޓީ ތަކުން ކުރެއެވެ. އިދިކޮޅު ޕާޓީ ސަރުކާރު ހިންގާ ޕާޓީ ޒިންމާދާރު ކުރުވާނެ ވާހަކަވެސް ބުނެއެވެ. އެންމެ ހަރު އަޑުން ބުނަނީ ހައްޤުވާ މިންވަރާއި ހައްޤުތައް ކަށަވަރު ކުރާނެ ވާހަކައެވެ. ހަމަހަމަ ކަމާއެކު ޢަދުލު އިންސާފު އެންމެ ރައްޔިތުންނަށް ޤާއިމު ކޮށްދޭނެ ވާހަކައެވެ. ރައްޔިތުންނަށް "ފުޅާ" ވަޢުދުތައް ވެއެވެ. މެނިފެސްޓޯ ލަވައިންނާއި، ޅެންބަހުރުވައިންނާއި، މީޑިއާތައް މެދުވެރިކޮށް ޕްރޮމޯޓުކޮށް ހަދައެވެ. ނަމަވެސް، އިންތިހާބެއް ބޯމަތި ވުމުންނެވެ. މިހުރިހާ މަސައްކަތްތަކުން ވެސް ރައްޔިތުން ނުލިބުނީ "ބޭނުންވާ ނަތީޖާ" އެވެ.

ކަންމިހެން ހުރި އިރު، ސިޔާސީ ޕާޓީތައް ދެކެ ރައްޔިތުން ފޫހިވެފައިވާ ކަން މިހާރު ފާހަގަ ކުރެވެއެވެ. ނަތީޖާއަކީ، ސިޔާސީ މަސައްކަތްތަކާއި، ސިޔާސީ މައްސަލަ ތަކަށް ރައްޔިތުން ދޭ ސަމާލުކަން އެތައް ތަނަކުން ކުޑަވުމެވެ. ސިޔާސަތަށް އަޅާލާ މިންވަރު ކުޑަވުމެވެ. މިކަމުގެ ފުރިހަމަ ނާޖާއިޒު ފައިދާ ސަރުކާރުން ނަގައެވެ. ސަރުކާރު ހިންގާ ޕާޓީ އަށް ފަހި ހުރިހާ ގޮތަށް، ދިވެހި ރައްޔިތުންތައް ގެއްލުން ލިބޭނެ ގޮތަށް ސިޔާސަތު ތައް އަތުރާލައިގެންނެވެ.

"ސިޔާސީ" ކުލަ ރައްޔިތުންނަށް ، ރަނގަޅު ގޮތް ވިސްނައިދޭއިރު، އެތެރޭގެ ޕްރޮޕެގެންޑާތައް ގެންގުޅެއެވެ. ވެރިކަމުގެ ބާރު ލިބިފައި އޮންނަ އިރު ދައްކާ ވާހަކަތައް، ވެރިކަން ގެއްލުމުން، ސީދާ އިދިކޮޅަށް ބަދަލުވެއެވެ. ވެރިކަން ހިންގާ ޕާޓީތަކުން، ކިތައްމެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައެޅިޔަސް، އިދިކޮޅު ސިޔާސީ ކުލައިން، އެއަށް ފާޑު ކިޔައި އެއީ ރަނގަޅު ނޫން ސިޔާސަތެއްކަން ބުނެ ދިނުމަށްފަހުވެސް، ވެރިކަން ލިބުމުން، އެ ސިޔާސަތުތައް ޕްރޮމޯޓުކޮށްވެސް ހަދައެވެ. ވެރިކަން ކުރި ހުރިހާ ފަރާތަކުންވެސް ވަނީ، ޤާނޫނީ ހަދާ ބާރާއި، އަދުލު އިންސާފުގެ ބާރު މިނިވަން ކޮން ބާއްވަން ބޭނުން ނޫންކަމަށް އެބައިމީހުންގެ ޢަމަލުތަކުން ރައްޔިތުންނަށް ބުނެދީފައެވެ. ޕާޓީތަކުގެ މަޖިލިސް މެމްބަރުންނަށް ދެވޭ ރިޝްވަތާއި މަޖިލީހުގައި ވޯޓު ނެގޭއިރު އެމީހުންގެ ޢަމަލުތަކުން މިކަން ހާމަވެއެވެ. ފަޑިޔާރުން ރައީސުލްޖުމުހޫރިއްޔާ އާއި ނުރަސްމީ ކޮށް ބައްދަލުކުރަމުން ރައްޔިތުންގެ ކުރިމަތީގައި ދިޔައެވެ. އެހެނިހެން ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެ، ސަރުކާރަށް ޅޮލުމެއް އަންނާނެ ފަދަ ކޮންމެ ދަޑިވަޅެއްގައި ސަލާމަތީބާރު ތަކަށް ހައްދެއްނެތި ޙަރަދުތައް ފުލެޓު ބަހައެވެ.

"ސިޔާސީ ކުލަ" ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ޕާޓީގެ ބޮޑުންނާއި، މަހުޖަނުންގެ މަސްލަހަތު ހިމާޔަތް ކުރަމުން ގެންދިޔަ ތަންވެސް އަޅުގަނޑުމެން ދުށީމެވެ. ރާއްޖޭގެ އިޤްތިޞާދު ފުޑާލަން ހުރިހާ ޕާޓީތަކުންވެސް މަސައްކަތް ކުރިއެވެ. ސިޔާސީ ހަލަބޮލިކަމާއި މަގުތަކުގެ ހަމަ ހިމޭންކަން ނަގާލިއެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި ބަލިމީހުންނަށް ސިހުން ލިބޭ ފަދަ "ބާރު ސިޔާސީ ހަރަކާތް" ތައް ހިންގިއެވެ. ސިޔާސީ ކުލަތައް، ފައިސާއަށް ނޫނީ ވޯޓު ނުލުމަށް ރައްޔިތުމީހާ ފަރިތަކުރުވައި، ރިޝްވަތުގެ ހަޑި މުޑުދާރު ޢަމަލުގައި ޖެއްސުވިއެވެ. ސިޔާސީ ކުލަތައް މައުސޫލު އެތަކެއް ފަރާތްތަކަކަށް ޖަލުން އަދަބުދީ، ހުކުމް ތައް އަވަސް ކަމާއިއެކު ކުރިއެވެ. ރައްޔިތުމީހާ، މުއްސަނދިވެ، ހަމަ އިސްކޮޅަށް ތެދުވާ މަންޒަރު ބެލުންވީ، ސިޔާސީ ކުލަތަކަށް އުދނގޫ ކަމަކަށެވެ.

ސިޔާސީ ކުލަތައް ވާންވީ، ރައްޔިތުންގެ އިހްސާސްދަންނަ، އަދުލުއިންސާފަށް ލޯބިކުރާ، އިންސާނީ ކަރާމާތާއި ހަމަ ޤަބޫލުރާ ފަރާތްތަކަކަށެވެ. ބިނާކުރަނިވި ފާޑުކިޔުމާއި، ރަނގަޅުގޮތް ބަލައިގަތުމާއި، ނަމުން ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި، ކަމުން ސަރުކާރު ޒިންމާ ދާރު ކުރާ ފަރާތްތަކަށެވެ. އެކި ސިޔާސީ ޕާޓީތަކުން ވެރިކަން ކުރަން ރައްޔިތުން ފުރުޞަތު ހޯދައި ދިނެވެ. އަދި ވެރިކަން ކުރުމަށް އެކަށީގެންވާ މުއްދަތު ދިނެވެ. ނަތީޖާ އާއި މެދު ވިސްނަވާށެވެ؟ ކުލަ ތަފާތެއް ދެއްކި ތޯއެވެ؟ ރައްޔިތުންގެ މައްސަލަތަކަށްވުރެން، ކުލަތަކަށް އަބަދުވެސް ޖެހުނީ އެތެރޭގެ ކޯޅުމާއި، މަޖްލިސް މެމްބަރުން ރުއްސުމާއި ގުޅުން ހުރި މައްސަލަތަކަށް ފޯކަސް ކުރާށެވެ. މިއީ، ރައްޔިތުމީހާ "ސިޔާސީ ކުލަ" މުހިއްމުތޯ ސުވާލު އުފައްދައި ދެން އޮތް ގޮތަށް ސިޔާސީ ވެށި ބައްޓަން ކުރާންވީ ވަގުތުތައް ކަމަށް ދެކެމެވެ. ތަފާތެއް އިހްސާސް ވޭ ތޯއެވެ. 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫގައިވެސް ކުލަ ނެތެނީތަ؟

– 24 އޮކްޓޫބަރު 2016 1

ރަނގަޅު․ ސިޔާސީ ކުލަ މުހިއްމެއް ނޫން!

– 24 އޮކްޓޫބަރު 2016 0

ޅަދުން ބޯހަލާކު

– 25 އޮކްޓޫބަރު 2016 0

ކޮން ޕާޓީއެއްތަ؟ ގައުމު ހަލާކުވަނީ ސިޔާސީ މީހުންނާ ހެދި

– 24 އޮކްޓޫބަރު 2016 0

ދެން އޮތް ގޮތަކީ ކޮބ؟

– 25 އޮކްޓޫބަރު 2016 0

ޓީމު އެެކެއް އެއީ ކޮންބައެއް

– 26 އޮކްޓޫބަރު 2016 0