އެމްޑީޕީގެ ޓިކެޓް ހޯދުމަށް 6 ފަރާތަކުން ކުރިމަތިލައިފި

21 އޮކްޓޫބަރު 2016 1

އިހަވަންދޫގައި އެމްޑީޕީން ބޭއްވި ސިޔާސީ ހަރަކާތެއްގެ ތެރެއިން

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބުގެގައި އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ކެނޑިޑޭޓުން ކުރިމަތި ލައިފިއެވެ. އެމް.ޑީ.ޕީގެ ޓިކެޓް ހޯދުމަށް އެދި ހުށަހަޅަންޖެހޭ މުއްދަތު އިއްޔަގެ 12:00 އަށް ހަމަވިއިރު ކެނޑިޑޭޓުން ކުރިމަތިލާފައިވަނީ އިންތިހާބުކުރަން ހަމަޖެހިފައިވާ ގޮނޑިތަކުގެ އަދަދަށް ކަމަށްވާތީ މިފަހަރު ޕްރައިމެރީ އޮންނާނެކަމަކަށް ނުބެލެވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަރުންގެ އަދަދަށް ގެނެވުނު ބަދަލާއިއެކު ކުރިން 2 ގޮނޑި އިންތިހާބުކުރާ، އިހަވަންދޫ ދާއިރާގެ އަތޮޅުކައުންސިލަށް މިފަހަރު އިންތިހާބުކުރާނީ އެއް ގޮނޑިއެވެ. އަދި އިހަވަންދޫ ރަށުކައުންސިލަށް މިދިޔަ އިންތިހާބުގައި 7 ގޮނޑިއަށް އިންތިހާބުކުރިނަމަވެސް މިފަހަރު އިންތިހާބުކުރާނީ 5 ގޮނޑިއެވެ.

އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ މިހާރުވެސް އެޕާޓީގެ ސްލޮޓެއްގައި އަތޮޅުކައުންސިލަރެއްގެ މަޤާމް ފުރަމުން ގެންދާ އަބުދުﷲ ހުސައިން / ހަޒާރުމާގެއެވެ.

މިހާރު ހއ. އަތޮޅުކައުންސިލްގެ ރައީސްގެ މަޤާމް ފުރަމުންގެންދާ މުހައްމަދު ރަޝީދު / ރާނާގެ، މިފަހަރު ކުރިމަތިލީ އިހަވަންދޫ ރަށު ކައުންސިލަށެވެ. އޭނާގެ އިތުރުން އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ މުހައްމަދު މަފާޒް/ މާވަޑިގެ، އަބުދުﷲ ހަލީލް/ ސަލްސަބީލުގެ، އާދަމް މުހައްމަދު / ކާމިނީގެ އަދި އަހުމަދު ރިޟްވާން / ހޯރަ އެވެ.

މިހާރުއޮތް އިހަވަންދޫ ކައުންސިލްގައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެފައި ތިއްބެވި 3 ކައުންސިލަރުންވެސް، މިފަހަރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ.

ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބަދަލާއކު މިފަހަރު ކައުންސިލް އިންތިޚާބުގައި އިންތިޚާބްކުރާ ކައުންސިލަރުންގެ އަދަދަކީ 655 އެވެ، ކައުންސިލް އިންތިޚާބް ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ތާރީޚަކީ 14 ޖެނުއަރީ 2017 އެވެ.

އެމްޑީޕީ އިހަވަންދޫ, އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް, ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ގޮނޑިގޮނޑިއަށް ކުރިމަތިލާ މީހުންނަކީ ފަސްވަގުތު ބަރާބަރަށް ގެފުޅާވީ ފަރާތަށް ކުރިމަތިލާ މީހުންތޯ ބަލާ އެމީހުންނަށް ވޯޓު ދިނުމަކީ ކޮށްމެހެންވެސް ބޭނުންތެރި ކަމެކެވެ․ މިނޫން ގޮތަކަށް ވޯޓު ދިނުމުން ލިބޭ ހިތި ތަޖްރިބާތައް އަހަރެމެން މިހާރު ތަހައްމަލް ކުރަމުން މިދަނީއެވެ․

– 21 އޮކްޓޫބަރު 2016 0