ކާޑުގެ ސަބްސިޑީ އާއި ގުޅޭ ގޮތުން ބަޔާން ނުނެރުމަށް އަންގަވައިފި

6 އޮކްޓޫބަރު 2016 0

ކާޑުގެ ބާވަތްތަކެއް ދޯންޏަކަށް އަރުވަނީ. ފޮޓޯ: ކުޅުދުއްފުށީލައިވް

ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅު ހެދުމާއި ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ބާރު ލިބޭ ކަމެއް ނޫން ކަމަށް ބުނެ ކާޑުގެ ސަބުސިޑީ އާއި ގުޅޭ ގޮތުން ކައުންސިލްތަކުން ބަޔާން ނުނެރުމަށް ލޯކަލް ގަވަމެންޓް އޮފް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލް ތަކަށް އަންގަވައިފިއެވެ.

 

އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އިބްރާހިމް ސޮއިކުރައްވައި ކައުންސިލްތަކަށް އިއްޔެ ސާކިއުލާ ފޮނުވާފައި ވަނީ ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކައުންސިލްތަކުން ބަހުސްކޮށް އެކަމާ ގުޅިގެން ނޫސްބަޔާން ނެރުމަށް ގޮތްތަކެއް ނިންމަން ކައުންސިލްގެ ބައްދަލުވުންތަކުގައި އެޖެންޑާކުރުމާ މެދު އެލްޖީއޭގެ ލަފައަށް އެދެމުންދާ ތީ ކަމަށް އެސާކިއުލާގައި ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވަނީ ޔުނިޓަރީ ދައުލަތުގެ ސިފަ ހިފެހެއްޓުމުގެ ބޭނުމަށްޓަކައި އަދި ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލަތަކެއްގެ ގޮތުގައި މަސައްކަތްކުރާ އިދާރާތަކަކަށް ވާއިރު، ދައުލަތުގެ އިގުތިސާދީ ހާލަތަށް ބަލައި ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތަކަށް ޖަދަލުކޮށް ނޫސްބަޔާން ނެރުމަށް ނިންމުމަށް ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކުރުމަކީ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމުގައި ދަންނަވަން،" ސާކިއުލާގައި ބުނެފައި ވެއެވެ.

ކާޑުގެ ސަބްސިޑީ އަށް ގެނައި ބަދަލާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއި ކައުންސިލްތަކުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ބައެއް ކައުންސިލްތަކުން ވަނީ ކާޑުގެ ސަބްސިޑީ އަށް ގެނައި ބަދަލާއި ދެކޮޅަށް ނޫސްބަޔާންތައް މީގެ ކުރިން ނެރެފައެވެ.

ސާކިއުލާގައި ބުނެފައި ވަނީ އެފަދަ އަމަލު ތަކަކީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖައިގެ ދެ ވަނައިގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކަމަށެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ