ޒިކާ ވައިރަސް އަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

31 އޮގަސްޓު 2016 0

އިހަވަންދޫގައި ޑެންގީ ހުން ފެތުރެމުން ދިޔަ ދުވަސްވަރު އިހަވަންދޫ ސިއްހީމަރުކަޒުން ރަށުތެރެއަށް ފޮގު ކުރަނީ.

ރާއްޖޭގެ ގިނަ ބަޔަކު ޒިޔާރަތްކުރާ ގައުމެއް ކަމަށްވާ ސިންގަޕޫރުން ޒިކާ ވައިރަސް ފެނުމާ ގުޅިގެން ދިވެހިން ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒިކާ ވައިރަސް އަކީ ޑެންގީ ވައިރަސްއާ އެއް އާއިލާއެއްގެ ވައިރަހެއްކަމަށެވެ. ޒިކާވެސް ފެތުރެނީ ޑެންގީ ޖައްސާ މަދިރީގެ ޒަރިއްޔާ އިން ކަމަށާއި ޑެންޑީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެންނަ ޒިކާ ސިންގަޕޫރުގައި ފެތުރެމުންދާކަން ކަށަވަރުވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ މަދިރި ކޮންޓްރޯލް ކުރުމަށް، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ރިޕެލެންޓު ބޭނުންކޮށް، ދޫކޮށް އަދި މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށް އެދިފަ އެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން ބައްޔާ މެދު އިތުރަށް ސަމާލުވާން އެދިފައިވެ އެވެ. ހަމައެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސްކޮށްފައިވާ ފަދައިން ޒިކާ ބަލި އުޅޭ ގައުމުތަކަށް ކޮންމެހެން ދަތުރުކުރަންހޭ ފަދަ ކަމެއްގައި މެނުވީ މާބަނޑު މީހުން ދަތުރު ނުކުރުމަށް  އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޒިކާ އަށް ޓެސްޓުކުރުމުގެ އިންތިޒާމު މިހާރު އައި.ޖީ.އެމް.އެޗް ގައި ވަނީ ގާއިމު ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ