"ގައިދީއެއް" ކަރާޗީގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

31 އޮގަސްޓު 2016 0

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ މޭޔަރުކަމަށް ބޮޑު އަގުލަބިއްޔަތަކުން ހޮވަފައިވާ  ގައިދީއެއް ކަމަށްވާ ވަސީމް އަޚްތަރު މޭޔަރުކަމުގެ ހުވާކުރައްވައިފިއެވެ. ކުރީގެ މިނިސްޓަރު އަދި މުއްތަހިދާ ގައުމީ މޫވްމަންޓް (އެމްކިޔޫއެމް) ޕާޓީގެ ފަރާތުން ކުރިން ޕާލަމެންޓުގައި ހިމެނުނު ވަސީމް އަޚްތަރު މޭޔަރުކަން ކާމިޔާބުކުރި އިރު އޭނާ ހުރީ ސަރުކާރާ ދެކޮޅު އަމަލެއް ހިންގުމާއި ޓެރަރިޒަމުގެ ތުހުމަތުގައި ޖުލައި މަހު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ.

ޖަލުގައިހުރި ވަސީމް އަޚްތަރުވަނީ ފުލުހުންގެ ބެލުމުގެދަށުގައި ، އިއްޔެއޮތް ހުވާކުރުމުގެ ދަރުބާރަށް ގެންގޮހެވެ. "އަހަރެމެންނަށް އެނގޭ ކަރާޗީއަށް އެތައްމައްސަލައެއް ދިމާވެފައިވާކަން، އެހުރިހާ މައްސަލައަކީވެސް އަހަރެމެންގެވެސް މައްސަލަ" މޭޔަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އަޚުތަރު ވިދާޅުވިއެވެ.

އަޚުތަރު ވިދާޅުވީ ކުށެއް ނެތްކަން ކޯޓުގައި ސާބިތުކޮށް ޖަލުން މިނިވަންވާން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާ ސަލާމަތް ނުވި ނަމަވެސް ކަރާޗީ ސިޓީ ހިންގާނީ ޖަލުގައި ހުރެގެން ކަމަށް ވިދާޅުވި އެވެ.

ޖަލަށްލާފައިވާ ސިޔާސީމީހުންނަށް ޖަލުގައި ތިބެގެން ސަރުކާރު ހިންގުމުގެ ފުރުސަތު ޕާކިސްތާނުގެ ޤާނޫނުގެ ދަށުން ލިބެއެވެ. ނަމަވެސް އަޚުތަރު ޖަލުގައިހުރެގެން ކަރާޗީ ހިންގާނެ ގޮތެއް ސާފެއްނުވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ