ކުރިން ކުރި އިއުލާން ބާތިލްކޮށް ގެވަޅު ދިނުމަށް އަލުން އިއުލާންކޮށްފި

10 އޮގަސްޓު 2016 1

ގިނަ ދުވަސްތަކަކަށްފަހު އިހަވަންދޫން ގޯތި ދޫކުރުމަށް 14 އޭޕްރިލް 2013 ގައިކުރި އިއުލާން ބާތިލްކޮށް، އިހަވަންދޫން ދިރިއުޅުމަށް ބަންޑަރަގޯތި ބޭނުންވާފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އަލުން އިއުލާންކޮށްފިއެވެ.

މިއަދު އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން، ގޯއްޗަށްއެދޭ ފޯމް ފުރައި އަންނަ ސެޕްޓެމްބަރ މަހުގެ 19 ވާހޯމަ ދުވަހުގެ 14:00ގެ ކުރިން އެއިދާރާއަށް ހުށައަޅަންޖެހެއެވެ.

އިހަވަންދޫ ކައުންސިލް އިދާރާއިން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުގައި ގޯއްޗަށް އެދޭ ފޯމް ލިބޭނީ، ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުއްވާ މީހަކު އެއިދާރާއަށް ދުރުވުމުން ކަމަށެވެ. އަދި  ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޯމާ ހަވާލުވުމަށް ފޮނުވާމީހާގެ ނަމާއި، އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އެނގޭނޭ ފަދަ ސިޓީއެއް ފޮނުއްވުމަށްވެސް އެއިޢުލާނުގައި ވެއެވެ. އަދި ގޯއްޗަށް އެދޭ ފޯމު ދޫކުރުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް އޮންނަ އިރު، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރުފަހު 12:00 ން 14:00 އަށެވެ.

ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ނޫރާނީ މަގުގެ ހުލަނގު ދެކުނުން (ބޮޑުމަގުގެ ދެކުނު) އޮންނަ ސަރަހައްދުންނެވެ. އެއީ ކައުންސިލުން އިމާރާތްކުރަމުންދާ ޕުރީސުކޫލުގެ ބިމުގެ ކުރިމަތިން އޮންނަ ވަލުތެރޭގެ ސަރަހައްދެވެ. މިފަހަރު ދޫކުރުމަށް ހަމަޖައްސާފައި ވަނީ 100 ގޯއްޗެވެ. މިފަހަރުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވާ ބޮޑުމިން ކަމަށްވާ 1600 އަކަފޫޓުގެ ގޯއްޗެވެ.

އިހަވަންދޫއިން ގެވަޅުނުދޭތާ މިހާރު 9 އަހަރުވެއްޖެއެވެ. މީގެ ތިންއަހަރުކުރިން، 10 ފެބުރުއަރީ 2013 ގައި އިހަވަންދޫއިން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވައިލިއެވެ. އެފަހަރު ހުޅުވައިލި ފުރުސަތުގައި 335 ފަރާތަކުން ގޯއްޗަށް އެދި ހުށަހެޅިއެވެ.

އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވަނީ މީގެ 9 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Varuseela

– 11 އޮގަސްޓު 2016 0