ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ ޖުލައި މަހުގެ މުސާރައަށް އެކަނި ތިރީސް ތިން ހާހަށް ވުރެ ގިނަ ރުފިޔާ
އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އުޑުވިލާގޭ މުޙައްމަދު އިބްރާހީމަށް، ޖުލައި މަހުގެ މުސާރައިގެ ގޮތުގައި ތިރީސް ތިން ހާހަށް ވުރެ ގިނަ ރުފިޔާ ދީފިކަން ހާމަވެއްޖެއެވެ.
މި ނޫހަށް ކޮޕީ ލިބިފައިވާ އިހަވަންދޫ ކައުންސިލް އިދާރާގެ މި އަހަރުގެ ޖުލައި މަހުގެ މުވައްޒަފުންގެ މުސާރަ ޝީޓަށް ބަލާއިރު، މުޙައްމަދު އިބްރާހީމްގެ މުސާރަ އަށް 33,562.68 ރުފިޔާ ދީފައިވާކަން ހާމަވެއެވެ. ޖުލައި މަހު މުސާރަ ދީފައި ވަނީ 31 ދުވަހަށެވެ.
މުޙައްމަދު އިބްރާހީމަކީ އިހަވަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމަށްވެފައި، އޭނާގެ އަސާސީ މުސާރައަކީ 8,635 ރުފިޔާ ކަމަށް ވާއިރު، ޖުލައި މަހުގެ އިތުރު ގަޑި އާއި ބަންދު ދުވަހުގެ ފައިސާގެ ގޮތުގައި 17,733.23 ރުފިޔާ އޭނާ އަށް ލިބެން ޖެހޭ ކަމަށް މުސާރަ ޝީޓްގައި ލިޔެފައިވެއެވެ.
ހަމައެހެންމެ، އަސާސީ މުސާރައަށް 7,895 ރުފިޔާ ލިބޭ ސިތާރާގޭ ޢަބްދުﷲ ސަމީރު އާއި އިރަމާގޭ ޢަބްދުލްޚާލިޤު މޫސާގެ ތެރެއިން ޢަބްދުﷲ ސަމީރަށް ޖުލައި މަހުގެ މުސާރައިގެ ގޮތުގައި 19,222.59 ރުފިޔާ ދީފައިވާއިރު، ޢަބްދުލްޚާލިޤު މޫސާއަށް ޖުލައި މަހުގެ މުސާރައިގެ ގޮތުގައި 19,463.83 ރުފިޔާ ދީފައިވާކަން ވެސް މުސާރަ ޝީޓުން ހާމަވެއެވެ. އެހެނީ އިތުރު ގަޑީއާއި ބަންދު ދުވަހުގެ ފައިސާގެ ގޮތުގައި ޢަބްދުﷲ ސަމީރަށް 8,774.94 ރުފިޔާ ދީފައިވާއިރު، ޢަބްދުލްޚާލިޤު މޫސާ އަށް 9,016.18 ރުފިޔާ ދީފައިވެއެވެ.
އަދި ހަމައެހެންމެ، އަސާސީ މުސާރައަށް 5,000 ރުފިޔާ ލިބޭ ނޫތަރިގޭ އަޙްމަދު ޢަބްދުއްޞަމަދަށް އިތުރު ގަޑި އާއި ބަންދު ދުވަހުގެ ފައިސާގެ ގޮތުގައި 9,855.60 ރުފިޔާ ދީފައިވާއިރު، ޖުމްލަ 16,705.60 ރުފިޔާ ޖުލައި މަހުގެ މުސާރަ އަށް އޭނާ އަށް ދީފައިވެއެވެ.
ކައުންސިލްގެ އިސް މުވައްޒަފުންނަށް، ޚާއްޞަކޮށް ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް އާދަޔާ ޚިލާފް ޢަދަދުތަކުން މުސާރަ ދެމުންދާކަން ހާމަވެފައިވާއިރު، ކައުންސިލުގެ ޤާނޫނީ ޒިންމާތައް އަދާ ނުކުރުމާއި ދޯދިޔާކޮށް އެތައް ކަމެއް ހިނގަމުންދާތީ ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ވަނީ އިންތިހާއަށް އަމާޒު ވެފައެވެ.
މި ގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން މި އަހަރު ނެރުނު ކައުންސިލްތަކުގެ ޕާފޯރމަންސް އިންޑެކްސްގައި ހއ އަތޮޅުން އެންމެ ފުލުން މާކްސް ލިބުނު ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނުނެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކައުންސިލް ހިންގި ގޮތުގެ ރިޕޯޓް، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް ނުފޮނުވާ 71 ކައުންސިލްގެ ތެރޭގައި ވެސް އިހަވަންދޫ ކައުންސިލް ހިމެނުނެވެ.
ދާދިފަހުން އިހަވަންދޫގައި ޑެންގީ ހުން ފެތުރި އާންމުވެގެން ދިޔަހިނދުވެސް، އިހަވަންދޫ ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮށްފައި ނުވާކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުންގެ މެދުގައި އޮތެވެ. އެ މަސައްކަތަށް އިސްނަގައި އިސްވެ ނިކުތީ މަދަނީ ޖަމާޢަތްތަކެވެ.
ޚިޔާލު ފައުޅުކުރުން