[HEADER BANNER]
[AD]

އެސިސްޓެންޓް ޑިރެކްޓަރު ހޯދަން ކުރި އިޢުލާނު ވެސް ގޯސް! އަބަދުވެސް ވަނީ މިހެން! ކީއްވެބާ!؟

4 އޮގަސްޓު 2016 3

ކައުންސިލްގެ ޒިންމާދާރު ވެރިޔާ ކައުންސިލްގެ ހަރަކާތެއްގައި މަސްއޫލުވެގެން

 

އިހަވަންދޫ ކައުންސިލަށް އެސިސްޓެންޓް ޑިރެކްޓަރަކު ހޯދުމަށް ކުރި އިޢުލާނުގައި ޝަރުތު ބަޔާންކޮށްފައި ވަނީ ނުބައިކޮށްކަން ހާމަވެއްޖެއެވެ.

އިހަވަންދޫ ކައުންސިލް އިދާރާއިން އިއްޔެ ކުރި އިޢުލާނުގައި އެސިސްޓެންޓް ޑިރެކްޓަރުގެ ޝަރުޠުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 5 ނުވަތަ 6 ވަނަ ދަރަޖައިގެ ސަނަދެއް އޮތް ނަމަ 6 އަހަރު ދުވަހުގެ ތަޖުރިބާ، 7 ނުވަތަ 8 ވަނަ ދަރަޖައިގެ ސަނަދެއް އޮތް ނަމަ 3 އަހަރު ދުވަހުގެ ތަޖުރިބާ އަދި އެއްވެސް ތަޖުރިބާއެއް ނެތަސް 9 ވަނަ ދަރައިގެ ސަނަދެއް އޮތުމެވެ.

ކައުންސިލުން ކުރި އިޢުލާނުން ވެސް އެނގެން އޮންނަ ފަދައިން، އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަގާމުގެ ރޭންކަކީ އެމް.އެސް 3 ކަމަށްވާއިރު، އެ އިޢުލާނުގައި ޝަރުޠު ބަޔާންކޮށްފައި ވަނީ މި ރޭންކްގެ މަގާމަކަށް ބޭނުންވާ އަސާސީ ޝަރުޠަށް ވުރެ މާ ވަރުގަދަ ޝަރުޠުތަކެކެވެ. މި ޝަރުޠުތަކަކީ މާ މަތީ ޝަރުޠުތަކެއްކަން ސަރުކާރު ގެޒެޓްގައި ޝާއިޢުކޮށްފައިވާ އެހެން ކައުންސިލްތަކުގެ އިޢުލާނުތަކުން ސާފުވެއެވެ.

އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް ގދ. ތިނަދޫ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި މިދިޔަ ހޯމަ ދުވަހު ޝާއިޢުކޮށްފައިވާ އިޢުލާނަށް ބަލާއިރު، އެސިސްޓެންޓް ޑިރެކްޓަރގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 4 ވަނަ ދަރަޖައިގެ ސަނަދެއް އޮތް ނަމަ 6 އަހަރު ދުވަހުގެ ތަޖުރިބާ، 5 ވަނަ ދަރަޖައިގެ ސަނަދެއް އޮތް ނަމަ 4 އަހަރު ދުވަހުގެ ތަޖުރިބާ، 6 ވަނަ ދަރަޖައިގެ ސަނަދެއް އޮތް ނަމަ 2 އަހަރު ދުވަހުގެ ތަޖުރިބާ އަދި އެއްވެސް ތަޖުރިބާއެއް ނެތަސް 7 ނުވަތަ 8 ވަނަ ދަރަޖައިގެ ސަނަދެއް އޮތުމެވެ.

އަދި އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު ކޮށްފައިވާ އިޢުލާނެއްގައި ވެސް މަޤާމުގެ އަސާސީ ޝަރުޠު ބަޔާންކޮށްފައި ވަނީ ހަމަ މި އުޞޫލުންނެވެ.

އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ހޯދަން ކުރި އިޢުލަނުން މައްސަލަތަކެއް ފާހަގަވެފައި މި ވަނީ، އިހަވަންދޫ ކައުންސިލް އިދާރާގެ ޑިރެކްޓަރކަމުގެ މަޤާމް ހުސްކޮށް އޮންނަތާ އަހަރުތަކެއް ވެފައިވާއިރު ވެސް އެ މަޤާމަށް މީހަކު ޢައްޔަނު ނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން ކައުންސަލަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އެކިފަހަރުމަތިން ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހަމަޖެއްސުމަށް އިޢުލާނުކޮށްފައި ވިޔަސް އެކިއެކި ސަބަބުތަކާހުރެ އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

މިގޮތުން، އެ މަގާމަށް މީހަކު ހޯދުމަށް މީގެ ހަތަރު އަހަރު ކުރިން ކުރި އިޢުލާނާ ގުޅިގެން އެ ފަހަރު މަޤާމަށް ކުރިމަތިލީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނެވި އުޑުވިލާގޭ މުޙައްމަދު އިބްރާހީމާއި، އިހަވަންދޫ މަދަރުސާގައި އެ ދުވަސްވަރު ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި ފެހިވިލާގޭ މުޙައްމަދު ޢަބްދުއްޞަމަދެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ ދެ ބޭފުޅުންނާ އިންޓަރވިއުކޮށް އިމްތިޙާން ކުރުމަށްފަހު، ޑިރެކްޓަރކަމުގެ މަޤާމަށް މުޙައްމަދު ޢަބްދުއްޞަމަދު ހޮވިފައިވާ ކަމަށް އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އެ ފަހަރު އަންގާފައިވެއެވެ. އަދި ކައުންސިލްގެ ރައީސް ސޮއިކުރައްވައި އެކަން މުޙައްމަދު ޢަބްދުއްޞަމަދަށްމެ އެންގުމުން، ވަޒީފާއަށް ނުކުތުމުގެ ރަސްމީ އިޖުރާޢަތުތައް ފުރިހަމަކުރުމަށްޓަކައި، ސްކޫލުން ހޯދަން ޖެހޭ ލިޔުން ހޯދައި އެ ސިޓީ ކައުންސިލަށްމެ ހުށަހަޅައި، މުޙައްމަދު ޢަބްދުއްޞަމަދުގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހައިކަމެއް ފުރިހަމަކުރި ކަމުގައި ވިޔަސް، އެ ފަހަރު ވަޒީފާ ހަމަނުޖެހުނީ، އެ މަޤާމަށް ހޮވިފައިވާ ފަރާތަށް ވަޒީފާ ހަމަޖައްސައިދިނުމަށް ކައުންސިލްގެ ޒިންމާދާރުވެރިޔާގެ ފަރާތުން ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވަން ޖެހޭ ލިޔުން ނުފޮނުވައި ހިފަހައްޓާފައި ވަނިކޮށް، ޑިރެކްޓަރުންގެ މަޤާމަށް މީހުން ހޮވުން ވަގުތީ ގޮތުން މަޑުޖައްސައިލުމަށް ސިވިލް ސާރވިސް ކޮމިޝަނުން ނިންމެވި ހިސާބުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސިވިލް ސާރވިސް ކޮމިޝަނުން މި ގޮތަށް ނިންމިފަހުން، ކައުންސިލްގެ ޒިންމާދާރު ވެރިޔާކަމުގެ މަޤާމުގައި ހުންނެވި ފަރާތް ރަށުން ބޭރަށް ދިޔަ ދަނޑިވަޅެއްގައި، ޒިންމާދާރު ވެރިޔާކަމުގެ މަޤާމާ ވަގުތީ ގޮތުން ހަވާލުވި ފަރާތުން ސޮއިކޮށް، މުހައްމަދު ޢަބްދުއްޞަމަދު ވަޒީފާއަށް ނެރުމަށް ފޮނުވަން ޖެހޭ ލިޔުން ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވާފައި ވެސް ވެއެވެ. ނަމަވެސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް ވަޒީފާ ދިނުމަށް ކޮމިޝަނުން ދެކޮޅު ހެދީއެވެ. މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ޑިރެކްޓަރކަމުގެ މަޤާމަށް މީހުން ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ކޮމިޝަނުން ނިންމުމުގެ ކުރިން ކޮށްފައިވާ އިޢުލާނުތަކުގެ ދަށުން ޑިރެކްޓަރކަމުގެ މަޤާމަށް ހޮވުނު ފަރާތްތަކަށް ކޮމިޝަނުގެ އެ ނިންމުމަށް ފަހު ވެސް ވަޒީފާ ހަމަޖައްސާދީފައިވެއެވެ. ކޮމިޝަނުން ވަޒީފާ ހަމަޖައްސައި ނުދިނީ އިހަވަންދޫ ކައުންސިލްގެ ޑިރެކްޓަރ ކަމުގެ މަޤާމަށް ހޮވުނު މުޙައްމަދު ޢަބްދުއްޞަމަދަށް އެކަންޏެވެ.

ސިވިލް ސާރވިސް ކޮމިޝަނުގެ މި ނިންމުމަށްފަހު ވެސް އެތައް ކައުންސިލަކަށް ޑިރެކްޓަރުން ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް މީހުން ޢައްޔަނު ކުރަމުން ދިޔަ ކަމުގައި ވިޔަސް، އިހަވަންދޫ ކައުންސިލްގެ ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނު ނުކޮށް އެތައް އަހަރެއް ފާއިތުވީ ފަހުން، ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހޯދުމަށް މި ފަހުން ވަނީ އިޢުލާނު ކޮށްފައެވެ. މި އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލީ ގިނިރާހިގޭ މުޙައްމަދު އަކްރަމް އެކަންޏެވެ.

އެ މަޤާމަށް އޭނާ ޝަރުޠު ހަމަވާކަމަށް ކަނޑައަޅައި އޭނާއާ އިންޓަރވިއު ކޮށް އިމްތިޙާން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގެ އެންގުމަށް އޭނާ މާލެވެސް ދިޔަފަހުން، އެ ކޮމިޝަނުން ވަނީ އިންޓަރވިއު ކުރުން ކެންސަލްކޮށްފައެވެ. އަދި ފަހުން އޭނާއަށް އަންގާފައި ވަނީ އިންޓަރވިއުކުރުން މަޑުޖައްސައިލީ އިހަވަންދޫ ކައުންސިލް އިދާރާގެ ވަޒީފާގެ އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރާ ކަމަށް އެ މިނިސްޓްރީން އަންގާފައި ވާތީ ކަމަށެވެ.

ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނާމެދު ގޮތެއް ނުނިމި އުޅެނިކޮށް، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކޮށްފައި މި ވަނީ، ފިނޭންސް މިނިސްޓްރީން އެ ކުރާ އޮޑިޓް ނިމިގެން ކަމެއް ވެސް ސާފެއް ނޫނެވެ. އެނގޭ ކަމަކީ ކުރި އިޢުލާނުގައި މައްސަލަތަކެއް ހުރި ކަމެވެ.

ޑިރެކްޓަރގެ މަޤާމަށް މީހުން ހޯދަން ކުރި އިޢުލާނުތަކާ ގުޅިގެން ކަން ހިނގާ ދިޔަ ގޮތް އިސްވެ ބަޔާންކޮށްފައި ވީހިނދު، ކައުންސިލް އިދާރާގެ އެހެން ބައެއް މަޤާމުތަކަށް މީހުން ހޯދުމަށް ކުރިން ކޮށްފައިވާ އިޢުލާތުތަކާ ގުޅިގެން ވެސް އެ މަޤާމްތަކަށް މީހުން ހޯދުމާއި ވަޒީފާއަށް އިޢުލާނު ކުރުމުގައި ވެސް ބޮޑެތި މައްސަލަތައް ޖެހިފައިވެއެވެ. މަޤާމަކަށް މީހަކު ޢައްޔަނު ކުރެވެނީ މަދު ފަހަރަކުއެވެ. މިގޮތުން އިކޮނޮމިކް އޮފިސަރ އެއް ހޯދުމަށް އިޢުލާނު ކުރި ފަހަރެއްގައި ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފައިވެއެވެ.

އިހަވަންދޫ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޯދަން އިޢުލާނުކުރުން، ވަކި ސަބަބެއް ނޭނގި ލަސްވުމާއި، އިޢުލާނު ކުރިޔަސް އެކިއެކި ބަހަނާތައް މަތިކޮށް އިޢުލާނު ބާޠިލް ކުރުމާއި، މަޤާމަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ނުދީ ހިފެހެއްޓުމާއި މި ބާވަތުގެ ކަންކަން ހިނގަމުންދާތީ ކައުންސިލްގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިޢުލާނުތަކަށް ރައްޔިތުންގެ ސަމާލުކަން އެހައި ބޮޑަކަށް ނުލިބެއެވެ.

އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހޯދަން މި ކުރި އިޢުލާނުވެސް އާޚިރުގައި ބާޠިލްވާނެ ކަމަށް ބައެއް މީހުން ބުނެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަތޭކައިގެ ލިޔުމެއް․ މިފަހަރުގެ އިއުލާނުވެސް އޭގެ ޒާތުން ބާތިލް ވާނެ․ އަނެއްހެން ބުނަނީނަމަ ކައުންސިލް އިދާރާއަށް ކޮންމެހެން އެސިސްޓެންޓް ޑިރެކްޓަރެއް ބޭނުމެއްވެސް ނުވޭ․ އެސިސްޓެންޓު ޑިރެކްޓަރަކާ ނުލާ ފުލް ގިޔަރުގަ އޭގެ ޒާތުގަ މިހާރުވެސް މަސައްކަތްތައް އެދަނީ ކުރިއަށް․

– 4 އޮގަސްޓު 2016 1

Varah salaam kokko muhammadhu ibraahim ah adhi kauncil raees ah

– 5 އޮގަސްޓު 2016 0

ބަލަ ކައުންސިލުތަކުގައި ތިބޭނީ ސިވިލްސަރވަންޓުން، ސިވިލް ސަރވިސް ގަވާއިދުގަ އޮންނާނެ މަޤާމުތަކުގެ ޝަރުތުތައް، ލާމަރުކަޒީ ޤާނޫނުގަ ވެސް ބުނާނެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސަރވިސްގެ ޤާނޫނާ ޤަވާއިދުތަކޭ․ އެހެންވީމަ ކައުންސިލަށް އަމިއްލަ އަމިއްލައަށް ޝަރުތުތަކެއް ނުހެދޭނެ․․ އޭ․އީ․ސީއަށް މި މައްސަލަ ލާނެ ބަޔަކު ނެތީތަ؟

– 7 އޮގަސްޓު 2016 0