[HEADER BANNER]
[AD]

ޑެންގީ ޖެހޭކަމަށް ސިއްހީމަރުކަޒުން ބުނާ އަދަދާއި އެޗްޕީއޭއިން ބުނާއަދަދު ދިމައެއްނުވޭ!

3 އޮގަސްޓު 2016 0

މަދިރި ކޮންޓްރޯލްކުރުމަށް ހިންގުނު ހަރަކާތުގެ ތެރެއިން -- ފޮޓޯ:އިހަވަންދޫ.ކޮމް

އިހަވަންދޫއިން ޑެންގީހުން ޖެހޭކަމަށް އިހަވަންދޫ ސިއްޙީމަރުކަޒުން ހާމަކުރާ އަދަދާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ އަދަދު ދިމާނުވާކަން ފާހަގަކުރެވިއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިހަވަންދޫއިން ޑެންގީހުން ޖެހިފައިވާ މީހަކު އެންމެފަހުން ފެނިފައިވަނީ ޖުލައިމަހުގެ 18 ވަނަދުވަހުއެވެ. ނަމަވެސް އިހަވަންދޫ ސިއްޙިމަރުކަޒުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި 20 ވަނަދުވަހާއި 23 ވަނަދުވަހުވެސް ޑެންގީހުން ޖެހިފައިވާ މީހުން އިހަވަންދޫއިން ފެނިފައިވެއެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުލައި 28 ވަނަދުވަހުވެސް ޑެންގީހުން ޖެހިފައިވާ މީހަކު އިހަވަންދޫއިން ފެނިފައިވެއެވެ. ނަމަވެސް އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެދުވަހުވެސް އިހަވަންދޫއިން ޑޭންގީހުން ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ.

އިހަވަންދޫގައި ހަލުއިކަމާއި އެކު ފެތުރެމުންދިޔަ ޑެންގީ ހުން ފުތުރުން މިހާރުވަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަދުވަހުގެ ފަހުން އަދި މިމަހުގެ މިހާތަނަށް ޑެންގީހުން ޖެހިފައިވާ މީހަކު އިހަވަންދޫއިން ފެނިފައެއް ނުވެއެވެ.

އިހަވަންދޫން ޑެންގީހުން ކޮންޓުރޯލް ކުރެވިފައިވީ ނަމަވެސް މަދިރި މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިހަވަންދޫ ސިއްހީމަރުކަޒުން ވަނީ އިރުޝާދު ދީފައެވެ.

މިއަހަރުގެ އޭޕުރީލް މަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދޫން ޖުމުލަ 84 މީހަކު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާއިރު، ޑެންގީ ހުން ކޮންޓުރޯލް ކުރެވިފައި މިވަނީ މަދަނީ ޖަމިއްޔާތަށް އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ބޮޑު މަޝްރޫޢުތަކެއް ހިންގި ފަހުން ކަން ފާހަގަ ކުރެވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ