ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ

9 ޖުލައި 2016 0

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.  މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އެހެން ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ. ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ޢާއްމު ގޮތެއްގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި އެހެން ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަންދިނުމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބާރުއަޅުއްވައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ