ގެވަޅު ދޫނުކޮށްގެން މަދަނީ ބަސްނޭހުމަކަށް ދަނީ


ޝާހިދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް

 

ގެވަޅު ދޫކުރުން ލަސްވަމުން ދާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިހަވަންދޫ ޒުވާނުންތަކެއް ރާވަމުން ދާކަން ހާމަވެއްޖެއެވެ.

މި ޙަރަކާތުގައި އިސްވެ އުޅުއްވާ ރަހުމާނިއްޔާ، އަޙްމަދު ޝާހިދު، ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައި ވަނީ "ހުރިހައި ގޮތަކުންވެސް ކުޅެވެނީ ދިރިހުރުމާ" ކަމަށާއި، "މަ ދަރިން ދިރިއުޅޭނެ ތަނެއް ހޯދަން" އެބަ ޖެހޭ ކަމަށާއި، ގެވަޅު ލިބޭނެ "ދުވަހެއް ހޯދަން" ދާން އެބަޖެހޭ ކަމަށެވެ.

އިތުރަށް ޝާހިދު ކުރި ޕޯސްޓްގައި ބުނެފައި ވަނީ ހަރަކާތް ބާއްވާ ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ.

އިހަވަންދޫން ގެވަޅު ދޫނުކުރާތީ އެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ ޒުވާނުން އަންނަނީ ފާޅުކުރަމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިހަވަންދޫގައި ފްލެޓް އެޅުމަށް ރާވައި އެކަމަށް ތައްޔާރީތަކެއް ވެފައި ވަނިކޮށް، ނަޝީދުގެ ވެރިކަން ވެއްޓުމާއެކު ފްލެޓް އެޅުމުގެ މަޝްރޫޢު ހުއްޓިގެން ދިއުމުން، އެ އިރު އޮތް ކައުންސިލުން އިހަވަންދޫން ގޯތި ދޫކުރުމަށް ނިންމައި އެކަން އިޢުލާނުކުރިއެވެ.

އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ސަމީރު މި ނޫހަށް ކުރިން ބުނެފައި ވަނީ އެ ފަހަރު ކުރިމަތިލި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހައި މީހުންނަށް ގެވަޅު ދޭނެކަމަށެވެ. ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވި އިރުވެސް ރަސްމީ އިދާރާތަކުން ލިބެން ޖެހޭ ހުއްދަތައް ލިބިފައި ނުވާތީ ގެވަޅު ދޫކޮށްފައި ނުވެއެވެ.

އޭގެ ފަހުން، އިހަވަންދޫން ގޯތި ދޫކުރާނެ ކަމުގެ ބޮޑު ވަޢުދަކާއެކު ކައުންސިލާ ޙަވާލުވި ޓީމަށް ވެސް މި ހިނދާ ހަމައަށް ވެސް އިހަވަންދޫން ގޯތި ލިބޭނެ ގޮތެއް ފަހިކޮށްދެވިފައި ނުވެއެވެ.

އިހަވަންދޫން ގޯތި ދޫކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި، އިހަވަންދޫ ކައުންސިލްގެ މެމްބަރ އަދި ސަރުކާރުގެ ނުފޫޒުގަދަ މެމްބަރެއް ކަމުގައިވާ އާސިމާމަންޒިލް، މުޙައްމަދު ރަޝީދު (މުންޒިރު މުހައްމަދު) ކުރިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ގެވަޅު ދޫކުރާނެ ކަމަށާއި، "ހަމަ ނޭވާ ލާނީ މިކަން ކޮށްފައި" ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވެ ދިޔަ އިރުވެސް ނަތީޖާ ފެނިފައި ނުވެއެވެ.

ކައުންސިލްގެ ދެ ދައުރު ފުރަމުންދާ ހަމައެކަނި މެމްބަރު ޢަލީ ރަމީޒް ތަކުރާރުކޮށް މީޑިއާގައި ހާމަކޮށްފައި ވަނީ ގެވަޅު ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ބަޔަކު ގަސްތުގައި އެކަން ނުކުރަން ތިބެނީ ކަމަށެވެ.

ގެވަޅު ދިނުން ލަސްވާތީ އެކަން ވެފައި އޮތް ގޮތެއް ސާފުކުރުމަށް މި އަހަރު ކުރީކޮޅު ހއ އަތޮޅު ކައުންސިލްގެ ޓީމެއް އިހަވަންދޫ ކައުންސިލަށް ޒިޔާރަތްކުރިކަމުގައި ވިޔަސް، އިހަވަންދޫ ކައުންސިލުން އެއްބާރުލުން ނުދިނުމުން އެ ޓީމަށް ވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

އޭގެ ފަހުން ކުއްލި ގޮތަކަށް އަޑު އިވިގެން ދިޔައީ ކުރިންކޮށްފައިވާ އިޢުލާނު ބާޠިލްކޮށް އަލުން ގޯތި ދިނުމަށް އިޢުލާނު ކުރާ ވާހަކައެވެ. މި ގޮތުން ގެވަޅު ކޮމިޓީއެއް އެކުލަވާލައި ބާރު ސްޕީޑްގައި ގެވަޅު ދީ ނިންމާލަފާނެހެން ހީވާހެން މި ފަހަކުން ކައުންސިލުން މަސައްކަތްކެއް ފެށިކަމުގައި ވިޔަސް، އަނެއްކާވެސް ގެވަޅު ދިނުން ވަޅުޖެހި، އެ ވާހަކައިގެ ވައި ވަނީ ހިނދިފައެވެ.

ގެވަޅު ދިނުން ވަޅުޖެހިފައި ވާތީ މިކަމާމެދު ކަންބޮޑުވެގެން ޒުވާނުންތަކެއް އިހުތިޖާޖަށް ނިކުންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ އިހަވަންދޫ ކައުންސިލުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށްބުނެ ގިނަބައެއްގެ ނުރުހުމާއި މަލާމާތް އެ ކައުންސިލަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

mauloomaathu libenee gevalhu committe ge masaikaiy nunimi lasvaathy gevalhu dhoo nukurevenee ey

– 8 ޖުލައި 2016 0

ތިފަދަ ލިޔުންތަކުގައި ޖެހޭ ފޮޓޯތަކަށް ސަމާލުކަމެއް ދިނުން އެދެން!

– 9 ޖުލައި 2016 0

ތިފަދަ ލިޔުންތަކުގައި ޖެހޭ ފޮޓޯތަކަށް ސަމާލުކަމެއް ދިނުން އެދެން!

– 9 ޖުލައި 2016 0