އިހަވަންދޫގެ ތަޢާވުން މިސްކިތާމެދު ސުވާލުތަކެއް؟
ތަޢާވުން މިސްކިތް ފޮޓޯ:އިހަވަންދޫ.ކޮމް
(ނޯޓް: މި ލިޔުމުގައި ހިމެނިފައިވާ އެންމެހައި މަޢުލޫމާތާއި ޚިޔާލުތަކާމެދު ޒިންމާ ވާނީ މި ލިޔުން ލިޔުނު ފަރާތުންނެވެ. އަދި މި ލިޔުމުގައި ހިމެނޭ މަޢުލޫމާތަކީ ތެދު ކަށަވަރު މަޢުލޫމާތު ކަމުގެ މައްޗަށް މި ނޫހުން ޔަޤީންކަމެއް ނުދެއެވެ.)
މިސްކިތަކީ އިސްލާމީ އުއްމަތުގެ ހައިބަތާއި ކަރާމާތް ހިފަހަށްޓާ އިސްލާމްކަމުގެ ގޮތުން ކުރެވޭ ބޭރުފުށުގެ ޢަމަލުތަކަށް ހިތްވަރުދެވޭ މަތިވެރި ގެކޮޅެވެ. މިގޮތުން ހއ. އިހަވަންދޫ އަކީ ޒަމާނީ ފެންވަރަށް މިސްކިތްތައް ބިނާކުރެވި، ދީނީ ކަންކަމަށް ފަރުވާ ބަހަށްޓާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމާމެދު ޝައްކުކުރާކަށް ނެތީމެވެ. ނަމަވެސް، މި ލިޔުމުގައި އަޅުގަނޑުގެ މި ނިކަމެތި ޚިޔާލު އަމާޒު ވަނީ އަޅުގަނޑަށް ވިސްނޭ ގޮތުގައި، އިހަވަންދޫގެ މުޖުތަމަޢުގައި އުފުދިފައިވާ މުހިއްމު މައްސަލައަކާމެދުއެވެ.
އިހަވަންދޫގެ ތަޢާވުން މިސްކިތުގެ ތާރީޚަށް ބަލާލުމުން އެނގެން އޮތް ހެތްކަކީ، އެ މިސްކިތް އެޅިފައި ވަނީ ޤަބުރުސްތާނެއްގައި ކަމެވެ. އަދި އެ މިސްކިތް އެޅި ޒީނަތްތެރި ކުރެވުނީ އަވަށު ވާދައިގެ ތެރެއިން ކަމެވެ. ތުންތުން މަތިން އަޑު އިވިފައިވާ ގޮތުގައި ސަރުކާރާއި ރައްޔިތުންނާއި ކުރިމަތިލައި ، މިސްކިތް އެ ތަނުގައި އެޅުމަށް ގަދަ ހިފުމަކަށް ދިޔައެވެ. ބައެއް ފަރާތްތައް ޖަލަށް ލެވި ހުކުމް ކުރެވި، ގޭގައި ބަންދުކުރެވުނެވެ. އަވަށު ވާދައިގައި ކަށިން ހިތްވަރު ނެރެގެން އެތަކެއް ޢާއިލާތަކެއް ގުރުބާން ކޮށްގެން އެ މިސްކިތް އެޅުމަށް މަސައްކަތްތަކެއް ކުރެވުނުކަން އަޅުގަނޑުވެސް ހަނދާނަށް އެބަ އާދެއެވެ. މިސްކިތެއް ރަށެއްގައި ބިނާކުރުމަށް އެ އިރު އޮތް ސަރުކާރުން ދެކޮޅު ހެދީ މައްސަލަތަކެއް ހުރީމަކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރަން އުދަނގޫ ވަނީތޯއެވެ؟ ނޫނީ ޤަބޫލުކުރަން ބޭނުން ނުވަނީ ތޯއެވެ؟
އެތަކެއް ވޭނާއި ހިތްދަތިކަމެއްގައި ތިބި، ގޮތްދޫ ނުކުރާނެ ރައްޔިތެއް ތިބުމުން، ރަށުގެ މަސްލަޙަތަށް ބަލައި، ޤަބުރުސްތާނު ކޮނެގެން ސާފުކޮށްގެން މިސްކިތް އެޅުމުގެ ހުއްދަ ސަރުކާރުން ދިން ކަމަށް ބެލެވެއެވެ. ބިން އޮތް ރަށެއްގައި، ޤަބުރުކޮނެ ނަގައި، ސާފުކޮށްގެން މިސްކިތް އަޅަންޖެހޭ ސަބަބެއް ނެތެވެ. ދުވަސްވީ މީހުން ބުނާގޮތުގައި، ތަޢާވުން މިސްކިތް އެޅިފައި އެ ހުރީ ބޮޑު ޤަބުރުސްތާނެއްގެ މަތީގައެވެ. މިސްކިތް އެޅުމަށް ތަން ސާފުކުރުމަށް ކޮނި ކޮނުމުން، އެކަށީގެންވާ މިންވަރަށް މިނިކަށި ފެނިފައިވެއެވެ. ބައެއް ދުވަސްވީ ފަރާތްތަކުން ބުނާ ގޮތުގައި މިސްކިތުގެ ފެންޑާގައި އަދި މިސްކިތާއި އިންވެގެން އޮތް ބޮޑު މަގުގައި ވެސް މަރުވެފައިވާ މީހުން ވަޅުލެވިފައި ވާނެއެވެ. ދެއްކުންތެރިކަމުގެ ގޮތުންނަމަވެސް ކުރިވިފައިވާ، މިފަދަ ދީނީ މައްސަލައެއްގައި މިއަދު ގޮތެއް ނިންމަން އުނދަގޫ ވަނީ ހާލަތު ބަދަލުވެފައިވާތީއެވެ.
ކުރިން ތަޢާވުން މިސްކިތުގައި ނަމާދުކުރަން އިންކާރުކުރި އެތަކެއް އިމާމުންނާއި ވެރިންނެއް މިއަދު އެ މިސްކިތުގައި ޚުތުބާ ހިއްޕަވައިގެން ހުކުރު ދުވަހު އަރާތީއެވެ. ރައްޔިތުންނަށް އެތަކެއް ސުވާލުތަކެއް ވިސްނުމަށް ދޫކޮށްލުމަށް ފަހުއެވެ. ޤާބޫލުކުރެވޭ ގޮތުގައި އިހަވަންދޫގެ ގިނަ އިމާމުންނާއި އަދި ރައްޔިތުންވެސް، ތަޢާވުން މިސްކިތުގައި ނަމާދުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލެއް ނުކުރެއެވެ. އަދި ބައެއް ފަރާތްތަކުން ތަޢާވުން މިސްކިތާއި އިންވެގެން ވާ ބޮޑު މަގުން ހިނގުމަށް ދެކޮޅު ހަދަނީ ޤަބުރުސްތާނެއްގެ މަތީގައި ހިނގުން އެއީ ރަނގަޅު ކަމެއްކަމުގައި ނުވާތީއެވެ. ތަޢާވުނު މިސްކިތަށް ގުގުރި ޖަހާ ވާހަކައާއި، ތަށި މުށި ހަރު ނުލައި ދުވާ ވާހަކައާއި، މިސްކިތުގެ އަޑުތަކާއި، އަދި ހިނގާ އަލިފާނުގެ ހާދިސާތަކުގެ ވާހަކަތައް ރަށުގެ ކަންކަން މަތީ ދައްކާ ވާހަކަ އަޅުގަނޑު އަޑުއެހީމެވެ.
އިންސާނާ ހެޔޮ ޢަމަލުތައް ކުރަނީ ދެއްކުންތެރިކަމުގެ ގޮތުންނެއް ނޫނެއެވެ. ރުއްސެވުމާއި ދިންނެވުން މާތް ﷲގެ ހަޟްރަތުގައި އެދިގެންނެވެ. ވުމާއެކު، ހިތް ނުތަނަވަސްކަމާއި، ޝައްކާއި ވަހުމު ތަކާއެކު އިންސާނާގެ މުޅި އުމުރު މިފަދަ މާހައުލެއްގައި ތަޢާވުން މިސްކިތުގައި އަޅުކަން ކުރުމުގައި ދުއްވާލަންވީ ފަހެ ކީއްވެތޯއެވެ؟ މިޚިޔާލުތަކާއި، ޝައްކުތަކަށް އަޅުގަނޑުމެންގެ މައުސޫމު ޖީލުތައް ވައްދަންވީ ފަހެ ކީއްވެތޯއެވެ؟
އިހަވަންދޫއަށް އުފަން ދެ ޝެއިޚުން މިއަދު އުދެފިފައިވާއިރު، އެ ދެ ބޭފުޅުންގެ ޚިޔާލު އަދި ރައުޔު މިކަމުގައި ހޯއްދަވައި އަވަސް ހައްލެއް ބޭނުމެވެ. ރީތި މިސްކިތްތައް ބިނާ ކުރާނެ ބޮޑެތި ބިން ތަކާއި، ވަގުތާއި އަދި ވަޞީލާތްތައް މާތް ﷲ އިރާދަފުޅާއި އެކު އަޅުގަނޑުމެންނަށް މެދުވެރި ކުރައްވާނެއެވެ. ބުއްދިވެރީންގެ ގޮތަކީ އަބަދުވެސް، ހެޔޮބަސް އަހައި، ހެޔޮބަސް ޤަބޫލުކޮށް ހެޔޮކަންކަމުގެ މަތީގައި ދެމިތިބުމެވެ. މި މައްސަލައަށް އަލިއަޅުއްވާ ލައްވައި ބަސްކޮޅެއް ވިދާޅުވުމަށް ޝެއިޚު ޝާފިއު އަދި ޝެއިޚު ޤާދިރ ގެ އަރިހުން އިޚްލާޞްތެރިކާއެމު އެދެމެވެ.
(އަހުރެން މި ލިޔުން ލިޔުމުގެ މަޤުޞަދަކީ ތަޢާވުން މިސްކިތާމެދު ރަށުތެރޭގައި ފެތުރިފައިވާ ވާހަކަތަކާއި އެ މިސްކިތަށް ނަމާދަށް އެރުމާމެދު އުފެދިފައިވާ ފަސާދައަށް ވީ އެންމެ އަވަހަށް ހައްލެއް ހޯދުމަށް ބާރު އެޅުމެވެ.)
ޚިޔާލު ފައުޅުކުރުން