ބޭރު ޤައުމުތަކުގެ ހިމާޔަތް ހޯދައިގެން ރާއްޖެ ނިކަމެތި ނުކުރުމަށް ރައީސް ގޮވާލައްވައިފި

ބޭރު ޤައުމެއްގެ ޙިމާޔަތް ހޯދައިގެން ތިބެ، ޤައުމު ނިކަމެތިކުރުމަށް މަސައްކަތް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށީގައި ޤާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށްޓަކައި، އެ ރަށު ބަނދަރު ސަރަޙައްދުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިނގިރޭސިވިލާތަގެ ޙިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ވިދާޅުނުވެ އެކަމަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ދުނިޔެއިން ރާއްޖެއަކީ ނުބައި ދައުލަތެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކުރަނީ ޤައުމަށް ގައްދާރުވާ ބަޔަކު ބޭރުޤައުމުތަކުގައި ތިއްބަވައިގެން ރާއްޖެއާ މެދު ހުތުރު ގޮތަކަށް ސިފަކުރަމުންދާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަކީ މައުސޫމް ބައެއްކަމަށެވެ. ރާއްޖެއަށް ހެޔޮއެދޭކަމުގައި ވާނަމަ ޤައުމު ނިކަމެތިކުރަން ވާހަކަދެއްކުމަކީ ބޭނުން ހުރިކަމެއް ނޫންކަމަށާއި އެކަމުން ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށްކަމަށެވެ.

ބޭރުޤައުމެއްގެ ޙިމާޔަތް ހޯދައިގެން ތިބިނަމަވެސް، ދިވެހިރައްޔިތުން މިޤައުމުގައި ދިރިއުޅެން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ރާއްޖެ ބަދުނާމުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށާއި ޤައުމުގެ ޙައްޤުގައި މަސައްކަތް ކުރައްވާ ކަމަށް ވަންޏާ، ޤައުމު ނޭވާލުމަށް ފުރުޞަތު ދެއްވަންވާނެ ކަމުގައި އެފަރާތްތަކަށް ގޮވާލައްވާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ