ހއ. އަތޮޅުން ފެށިގެން ލ އަތޮޅަށް ޔެލޯ އެލާރޓު ނެރެފި

19 މެއި 2016 0

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައި ހއ. އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ބެލެވޭތީ ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާ އިން ބުނީ އެސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ.
މިރޭގެ 8:00 ން މާދަމާރޭގެ 8:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ބެލެވޭތީ މެޓުއޮފީހުން ވަނީ ހުރިހާ ފަރާތްތަކުން އަދި ޙާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފައެވެ.

އެ އޮފީހުން ބުނީ މި މަހު ނުވަ ވަނަ ދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑު އުތުރަށް ދަތުރުކޮށް ސްރީލަންކާ ފަހަނައަޅާ އިންޑިޔާގެ އިރުމަތީ އައްސޭރިފަށް ކައިރިން، ބަންގާޅުކަނޑަށް ގޮސްފައި ވާކަމަށެވެ.

 

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ