އއ. ތޮއްޑޫގެ ކުއްލި ދަތުރު (ދެވަނަ ބައި)
ހަޤީޤަތުގައިވެސް ބިޔަބޮޑެތި ދަނޑުތަކުގައި މިހާރު ވެހޭ ހިމަފޮދު ވާރޭތެރޭގައި، އަދި ކުރީދުވަހު ދޭނެ ގަދަ އަވީގައި ގަދަ އަޅާ މަސައްކަތްކުރަނީ ދިވެހިވަންތަ އަންހެނުންނާއި ފިރިހެނުންނެވެ. އާންމުދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެ ދަނޑުތައް އެބައިމީހުންގެ ލޯފަދައެވެ. އެބައިމީހުންގެ ބުރަ މަސައްކަތްތަކަށް އަޅުގަނޑުގެ ޝުކުރާއި ތަޢުރީފެވެ.
މިހާރު ގަޑިން ހެދުނު 930 ވީއެވެ. ވަރަށް ގިނައިން ހިނގިއްޖެއެވެ. ރަހުމަތްތެރިޔާ ކޮބާ ގެއާދިމާލަށް ދާކަށްނުވޭހޭ ބުނުމުން، ގެއާއި ދިމާލަށް މިސްރާބު ބަދަލުކޮށްލީމެވެ. ބޮޑެތި ޗަކަ މަގުތަކުގައި ހިނގުމަށް އުދަނގޫ ނަމަވެސް، ތަންތަން ބަލާލަން ބޭނުންވެފަ ހުރި މިންވަރުން، އެކަން އަޅުގަނޑަށް އިހްޞާސް ނުވާކަހަލައެވެ. ފައިކުރި ހިއްލަމުން ، މަގުގައި ހެދިފައި ހުރި ފެންކޯރުތަކުން ފުންމަމަން، އަޅުގަނޑާ ހަމަކުރުމަށް ރަހުމަތްތެރިޔާ އަޅުގަނޑު ފަހަތުން ހިގައެވެ.
ގެއަށް ވަދެ، ބިޔަ ބޮޑު އެނދުގައި ނިދާލުމުގެ ބޭނުމަށް ދެމީހުން އޮށޯވެލާފީމެވެ. މުލި މާހައުލު އަދިރި ކޮށްލުމަށް ފަހުއެވެ. އަދި އަޅުގަނޑު ލެޕްޓޮޕް ނަގައި "އއ. ތޮއްޑޫގެ ކުއްލި ދަތުރު (ފުރަތަމަ ބައި) ސުރުޙީ އަޅައިލައިފީމެވެ. ލިޔާނެ އެއްޗެއް ނޭގުނެވެ. ސިފަވަނީ ބޮޑެތި ކަރާ ދަނޑު ތަކެވެ. ދޮންވެ ފައްކާވަމުން އަންނަ އެކި ސައިޒު ތަކުގެ ފަޅޯތަކެވެ.
ފޯނު ރިންގުވާއަޑަށް ނިދެމުން ދިޔަ ރަހުމަތްތެރިޔާ، ހޭލައި ފޯނު ނެގުމަށްފަހު އާ މިދަނީ އޭ ބުނެލިއެވެ. އެ އިރު އަޅުގަނޑު އޮތީ މި ލިޔާ ލިޔުމުގެ ފުރަތަމަ ދެތިން ޕެރެގްރާފު ލިޔެލިޔެއެވެ. ދިވެހިން ކައިއުޅޭ ރަސްލީ ސުޕާރިއެއް އަނގަތެރެއަށް ލައިގެންނެވެ. ހަފަ ހަފާއެވެ. ތޮއްޑޫގެ ޞިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ، ކުއްލި ކަމަކަށް އެޓެންޑު ކުރަންޖެހޭ ވާހަކަ ބުނެ ހިނގައި ގަތުމުގެ ކުރިން، އަޅުގަނޑުވެސް ދާން ބޭނުންވާ ވާހަކަ ބުނެލުމާއެކު އެ ހުއްދަ ވަގުތުން ލިބިއްޖެއެވެ. މިނިޓެކަށް ވުރެން އަވަހަށް މި ގެއިން ސިއްޙީ މަރުކަޒަށް ވަދެވެއެވެ. މަރުކަޒަށް ވަދެ ބަލިމީހާއަށް ފަރުވާދިނުމަށް އިތުރު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ރަހުމަތްތެރިޔާ އުޅޭ އަޑާއި މަންޒަރު ފެންނަ ހިސާބުގައި ބައެއް ވަގުތު ކޮޅަށް އަދި އަނެއް ބައި ވަގުތު އިށީދެ އިނީމެވެ.
ބަލައި ކިޔުމަށް އާދަވެފަވުމުން، މަޑުމަޑުން ތެދުވެ ނޯޓިސް ބޯޑުގައި ހުރި ބައެއް އިއުލާނު ތަކާއި މައުލޫމާތު ކިޔައިލީމެވެ. އެއް އިއުލާނުގައިވަނީ ނީލަން ކިޔުމާއި ބެހޭގޮތުންނެވެ. އެ އިއުލާނުގައި ސޮއިކޮށްފައިވަނީވެސް އަޅުގަނޑުގެ ރަހުމަތްތެރިޔާއެވެ. ނަމަވެސް، ކުރިން ކުރާ ސޮއި އަށް ބުރެ ބޮޑުވެފައި ބަރުދަން އިތުރެވެ. އެހެންކަމުން، އަމިއްލަ އަށް ހިނި އާދެވުނެވެ. ނޯޓިސް ބޯޑުގައިވާ ޗާޓަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު ތޮއްޑޫގެ އާބާދީއަކީ 1889 މީހުން ނެވެ. 997 ފިރިހެނުންނާއި 912 އަންހެނުންނެވެ. ޑޮކުޓަރަކީ މުސްކުޅި، ހިކި ހަށިގަޑެއްގެ ވެރިއެއް ނަމަވެސް، ބޯ ތަލަވެފައިވާ މުސްލިމު ޕާކިސްތާނު ޑޮކުޓަރެކެވެ. އޭނާ ބުނާ ގޮތުގައި ދިވެހި ރާއްޖެއަށް އޭނާ ވަރަށް ފަރިތައެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަން ލިބުމަކީ ބޮޑު ތަޖުރިބާ އެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.
ގަޑިން 1100 ޖަހަނީއެވެ. ހުކުރު ޖަމާޢަތަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ބޮޑު ހިނައިގަތުން އޮތްކަން ރަނގަޅަށް ހަނދާންވެއެވެ. އެހެންކަމުން، ޑަކްޓަރަށް ވެދުން ދަންނަވައި ގެއަށް ހިގައިގަތީމެވެ. ގެއަށް ވަދެވުމާއެކު އަވަސްވެގަތީ، ލިޔުން ފުރިހަމަ ކޮށްލައި ޖައްވަށް ފަޒާއަށް އިންޓަރނެޓުގެ ޒަރީއާއިން އަވަހަށް ފޮނުވާލުމަށެވެ. އަނދެގެން ހުރި ތުވާލިއާއެކު، ގަޔަށް އެއްޗެއް ނުލައި ހުރެ އަވަސް އަވަހަށް ލިޔުން ލިޔެލައި އެންމެ ފަހު ޕުލުސް ޓޮޕް ޖެހުމާއެކު މެންދުރު ބަންގި ގޮވާފިއެވެ. އެހެންކަމުން، ނަލަވެގެން ހުކުރުގެ ޖަމާޢަތުގެ ލިބުމަށް ނިޔަތްގަނެ ގެއިން ދުންޖަހައިފައި ހިގައިގަތީ ނަމަވެސް އެންމެ ދުރު ބޮޑު މިސްކިތާ ދިމާލަށެވެ. އެ މިސްކިތަކީ އެލިއާ އަބުދުﷲ ގެ ހެޔޮއެދުން ތަކާއެކު އަޅާފައިވާ މިސްކިތެއްކަމަށް ރަހުމަތްތެރިޔާ ކިޔާދިނެވެ. އިސްލާމީވަންތަ މުންނާރަކާއެކު، އާސާރީ ސިފަގެނެސް ދޭގޮތުން ޒަމާނީގެ ބައެއް ލަކުޑީގެ ބާވަތްތަކުން ޒީނަތްތެރި ކުރެވިފައިވާ މި މިސްކިތަކީ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު މިސްކިތެކެވެ. ފަހު ހުތުބާ އެއްކޮށް އަޑުއަހާލުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ.
ހުކުރުގެ ޖަމާޢަތް ނިމިގެން ގެއަށް އައުމުގެ ކުރީގައި މިސްކިތުގެ ފޮޓޯގަޑުތަކެއް ދަތުރުގެ ހަނދާނަށްޓަކައި ނެގީމެވެ. ދެން ދިމާވީ ދަތުރުގައި ވަރަށް މުހިއްމު ޝަހުޝިއްޔަތަކާއެވެ. އެއީ ހަމަ އިއްތިފާޤެކެވެ. މެންދުރު ކެއެމަށް ކަވާބު ކަޑައަށް ނުގޮސް އުޅެނިކޮށް ރަހުމަތްތެރިޔާއަށް އެގުޅީ މަޝްހޫރު ބޭސް ހަދާ ދޮން ހުސައިންބޭ އެވެ. އެ ގެއިން މެންދުރުގެ ފަރިއްކޮޅު ލިބުނީތާއެވެ. އަޅުގަނޑުމެން ދެމީހުންނަށް ބޮޑުވެގެންވާ ދަޢުވަތެކެވެ.
ހުރިނަމަ ހުރި ސެންޓަކާއި ސުޕްރޭތައް ޖަހާ ބުރުވައި އެއްވަސް ކޮށް ދޮން ހުސައިންބޭ ގެއާ ދިމާލަށް ދަތުރު ފަށާފީމެވެ. ގައިންދާ ހިއްލާވަރަށް ހަމަ ގައިމުވެސް ހިގާކަށް ނުޖެހުނެވެ. މޫސުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ރަހުމަތްތެރިޔާ ބޮޑު ދޮރާއްޓެއްގައި ޓަކި ދީފިއެވެ. ދޮން ހުސައިންބޭ ނަމަށް ކީ ނަމަވެސް، ކަޅު ރޫފަ ރަނގަޅު ފިރިހެނެއް ޓަކީގެ ޖަވާބުގައި ވައިލަކުމުއްސަލާމުގެ ރައްދު ދިނެވެ. އާއެކެވެ. ކަޅަކަސް، ކުރަކަސް އެއީ ހަމަ ބޭސް ހަދާ ދޮން ހުސައިން ބެއެވެ.
---ނުނިމޭ----
ޚިޔާލު ފައުޅުކުރުން