ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް މިއަހަރު ހއ. ދިއްދޫގައި

17 އޭޕުރީލު 2016 0

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ހއ. ދިއްދޫގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސާފައިވަނީ ޤައުމީ ދިގުފެތުމުގެ މުބާރާތް މާލެ ނޫނީ މާލެ ހިމެނޭ ސަރަޙައްދުގައި ބޭއްވުމުގެ ބަދަލުގައި މިއަހަރުން ފެށިގެން ކޮންމެވެސް އެއް އަތޮޅެއްގައި ބޭއްވުމަށެވެ. މިގޮތުން މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖައްސާފައިވަނީ ހއ. ދިއްދޫގައެވެ.

ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ދިގު ރޭސްތައް ހިމެނޭ މި މުބާރާތް ހއ. ދިއްދޫގައި މިއަހަރުގެ މޭމަހުގެ 6 އަދި 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި މިހާރު ވަނީ އެކަން ހއ. ދިއްދޫ ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލަށް އަންގާފައެވެ.

ދިއްދޫގައި ބާއްވާ ޤައުމީ 13 ވަނަ ދިގުފެތުމުގެ މުބާރާތުގައި އޮންނާނީ 5 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހާއި 1 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހެވެ. އަންހެން ފެތުންތެރިންނާއި ފިރިހެން ފެތުންތެރިން ވަކިވަކިން ވާދަ ކުރާގޮތަށް ހަމަޖެހިފައިވާ މިރޭހުގައި 1 ކިލޯ މީޓަރުގެ ރޭސް ހާއްސަކޮށްފައި ވަނީ ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ޤައުމީ ދިގުފެތުމުގެ މުބާރާތުން އެކި ވަނަތަކަށްދާ ފެތުންތެރިންނަށް ފައިސާގެ އިނާމާއި މެޑެލް ދިނުމަށް ހަމަޖެހިފައި ވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 މޭމަހުގެ 1 ވަނަ ދުވަހުގެ 14:00 އެވެ.

މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ހއ. ދިއްދޫ ކައުންސިލް އިދާރާއިންވެސް މުބާރާތުގެ ޤަވާޢިދާއި ފޯމު ލިބެންހުންނާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

ހއ. ދިއްދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ