ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި

16 އޭޕުރީލު 2016 0

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޤުރުއާން މުބާރާތް މިއަދު ޏ. ފުވައްމުލަކުގައި ފަށައިފިއެވެ.

މިއަދު ފެށި މި މުބާރާތަކީ އިސްލާމްދީނުގައި ކޮރަޕްޝަންގެ ނުބައިކަން ބަޔާންކޮށް އަންގަވާފައިވާ އެންގެވުންތައް ހަނދާންކޮށް ނަޒާހަތްތެރިކަމުގެ ސިފަތައް، މީސްތަކުންގެ މެދުގައި އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން އޭސީސީން ކުރިއަށްގެންދާ މި މުބާރާތުގައި ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުން ބައިވެރިވެއެވެ.

 އޭސީސީން ބުނީ އެއް ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސްކޫލްގައި ކުރިއަށްގެންދާ މި މުބާރާތުގައި ބޭނުންކުރާނީ މުބާރާތަށް ޚާއްޞަކޮށް ޤުރުއާނުގެ އެކި ސޫރަތްތަކުން ހޮވާލެވިފައިވާ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނަ ކަމަށެވެ.

ވަކި އުމުރު ފުރައެއް ނެތި ކުރިއަށްގެންދާ މި މުބާރާތް ނިމިގެންދާއިރު، މުޅި މުބާރާތުގެ 1 އަދި 2 ވަނަ ސްކޫލާއި، މުޅި މުބާރާތުގެ 1 އާއި 2 އަދި 3 ވަނަ ދަރިވަރު ހޮވުމަށްވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އޭސީސީން ޏ. ފުވައްމުލަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު، ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކުއިޒް މުބާރާތެއްވެސް މިއަދު ވަނީ އެރަށުގައި ފަށައިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ