ކުރީގެ އިއުލާން ބާތިލްކޮށް ގެވަޅުދިނުމަށް އަލުން އިއުލާންކުރަނީ
އިހަވަންދޫއިން ގެވަޅުދިނުމަށް ކުރިންކުރި އިއުލާން ބާތިލްކޮށް އަލުން ގެވަޅުދިނުމަށް އިއުލާން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ކައުންސިލަރު މުހައްމަދު ރަޝީދު (މުންޒިރު މޯޑް) މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި ކުރިން ގެވަޅުދިނުމަށްކުރި އިއުލާން ބާތިކޮށް އަލުން އިއުލާން ކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. "އެމަސައްކަތް ވަރަށްބާރަށްކޮށް، މިދައުރުނިމުމުގެކުރިން ގެވަޅު ބޭނުންވާފަރާތްތަކަށް ގެވަޅުދީ ނިންމޭތޯ މިބަލަނީ" އެބޭފުޅާ ވިދާޅުވިއެވެ. މުހައްމަދު ރަޝީދު ވިދާޅުވިގޮތުގައި، މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ގެވަޅުދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ގެވަޅު ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ. އެ ކޮމިޓިގައި ތިއްބަވަނީ ކައުންސިލްގެ ނައިބްރައީސް މުއީދު އަދި ސްކޫލުން ޕްރިންސިޕަލް އަހުމަދު ރަޝީދު އަދި އިމަގު ޖަމިއްޔާއިން މޫސާ އަލީ އަދި ކައުންސިލުން އަބުދުﷲ ސަމީރާއި އަހުމަދު އަބުދުއް ސަމަދުއެވެ.
ކައުންސިލަރު މޫސާ އަބުދުއް ލަތީފް ވިދާޅުވީ އަނެއްކާވެސް ގެވަޅު ދިނުމުގެ މަސައްކަތް ސުމަކުން ފަށަން ޖެހިފައިވާ ކަމަށެވެ. އެބޭފުޅަވިދާޅުވީ ކައުންސިލަރުންނާއި މަޝްވަރާނުކޮށް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަށް ފޮނުވި ސިޓީއަށް، އެއޮތޯރިޓީން ދިންޖަވާބުގައި ލަފާދީފައި އޮތީ ކުރިން ގެވަޅުދިނުމަށް ކޮށްފައިވާ އިއުލާނު ގޯސްކަމަށެވެ. " ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ލަފާދީފައިވަނީ އަލުން ގެވަޅުދިނުމަށް އިއުލާންކުރުމަށް، އެލަފަޔާ އެއްގޮތަށް ގެވަޅުދިނުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް އިހައްދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ވަނީ ނިންމާފަ. ދެން އެނޫން ގޮތެއް އެއަކު ނޯންނާނެވިޔަ." އެބޭފުޅާ ވިދާޅުވިއެވެ. މޫސަ ތުހުމަތުކުރާގޮތުގައި ކުރިން ކުރި އިއުލާނާއި އެއްގޮތަށް ގޯތި ނުދެވުނީ ބަޔަކު އެކަން ކުރަން ބޭނުން ނުވުމުންނެވެ. " ގޯތިދޭން އުޅުނުނަމަ ގޯތި ދެވޭނެ! ހުރިހާކަމެއް ނިންމާފަ އޮތްކަމެއްވީމަ. މިމީހުން ހަމަ ހުއްޓުވާލަންވެގެން އެކޮޅަށް މެސެޖްކުރީ" މޫސަ ވިދާޅުވިއެވެ.
އިހަވަންދޫއިން ގެވަޅުނުދޭތާ މިހާރު 9 އަހަރުވެއްޖެއެވެ. މީގެ ތިންއަހަރުކުރިން، 10 ފެބުރުއަރީ 2013 ގައި އިހަވަންދޫއިން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވައިލިއެވެ. އެފަހަރު ހުޅުވައިލި ފުރުސަތުގައި 335 ފަރާތަކުން ގޯއްޗަށް އެދި ހުށަހެޅިއެވެ.
އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވަނީ މީގެ 9 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.
ޚިޔާލު ފައުޅުކުރުން