[HEADER BANNER]
[AD]

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފި

4 ނޮވެމްބަރު 2015 1

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނެފައިވަނީ މިޙާލަތު، ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރެއްވީ، މިއަދުގެ މެންދުރު 12.00 އިން ފެށިގެން ތިރީސް ދުވަހުގެ މުއްދަތަށް ކަމަށެވެ.

ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ކުއްލި ނުރައްކަލުގެ ޙާލަތު، ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރައްވަމުން ނެރުއްވި ޤަރާރުގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނު ކުރައްވަން މިޖެހިވަޑައިގަތީ، 28 ސެޕްޓެމްބަރު 2015 ގައި ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ދެ ސަރަޙައްދަކުން ނުރައްކާތެރި ހަތިޔާރާއި ގޮވާ ތަކެތި ފެނިފައިވާތީއާއި، މީގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް މަދުވާ ކަމަށާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ބަޔަކު މަސައްކަތްކުރާކަމުގެ ކަށަވަރު މަޢުލޫމާތު ލިބިފައިވާތީ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމަށް އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފައާއި މަޝްވަރާ ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ކާފިޔު ހިންގުން ނުވަތަ ވަކި ވަގުތުތަކެއްގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެއްނުވެއެވެ. އަދި، މިހާލަތުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤުތައް ހިފަހައްޓައި ނުވަތަ ހަނިކޮށްފައިނުވާނެކަމަށާއި، އެފަދަ ފަރާތްތައް ހިފައި ހައްޔަރުކުރާނީ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެ މަތިންކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރެއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ އަދި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަދި އެންމެ އިސް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އެޅެވޭނެ ކަން ކަށަވަރުކޮށް ދިނުންކަމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި އުޅޭ މީހުންނާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތިން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމުގައިވެސް ސަރުކާރުން ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިއަދު ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން ވަގުތީ ގޮތުން އަމަލު ކުރަން ހުއްޓާލާފައިވާ ގާނޫނު އަސާސީގެ މާއްދާތަކަކީ:

1. ގާނޫނު އަސާސީގެ 19 ވަނަ މާއްދާ (މަނާ ކުރެވިފައި ނުވާ ކަންކަމުގެ މިނިވަންކަން)

2. ގާނޫނު އަސާސީގެ 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުން)

3. ގާނޫނު އަސާސީގެ 31 ވަނަ މާއްދާ (ހަޅުތާޅު ކުރުމުގެ ހައްގު)

4. ގާނޫނު އަސާސީގެ 32 ވަނަ މާއްދާ (އެއްވެ އުޅުމުގެ މިނިވަންކަން)

5. ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ހ. (ދަތުރު ފަތުރު ކުރުމުގެ މިނިވަންކަން)

6. ގާނޫނު އަސާސީގެ 45 ވަނަ މާއްދާ (ގާނޫނާއި ހިލާފަށް ބަންދުކުރުމާއި ހައްޔަރުކުރުން) މިމާއްދާގެ ތެރެއިން ބަންދުކުރުމާއި ހައްޔަރުކުރުން ފިޔަވާ ދެން ހުރި ކަންކަން

7. ގާނޫނު އަސާސީގެ 47 ވަނަ މާއްދާ (ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން)

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަލޯގަޔާ․

– 4 ނޮވެމްބަރު 2015 0