[HEADER BANNER]
[AD]

ރާއްޖެ ޓީވީގައި ރޯކޮށްލާފައިވަނީ ސަރުކާރު އަޑީގައި އޮވެގެންކަމަށް ބެލެވޭ: އެމްޑީޕީ

8 އޮކްޓޫބަރު 2015 0

ރާއްޖެ ޓީވީގެ އިމާރާތުގައި 7 އޮކްޓޫބަރު 2013ވަނަ ދުވަހު ހުޅުޖަހައި އަނދައި އަޅިޔަށް ހަދައިލިތާ މިއަދަށް 2 އަހަރު ފުރިގެންދާއިރު  އެކަން ކޮށްފައިވަނީ ބަޔަކު ދުރާލާ ރާވައިގެން ކަމަށާއި އެ ޢަމަލުގައި ހިންގާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ހާދިސާއަށް ދެ އަހަރު ވެފައިވާއިރު އެ އަމަލު ހިންގި މުޖިރިމުން ހޯދައި އަދަބު ދީފައި ނުވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް ރައީސް ޔާމިންގެ ސަރުކާރު ކުށްވެރިކުރާ ކަމަށް ބުނެފިއެވެ. 
އަދި އެކަމާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެކަމަކީ ސަރުކާރު އަޑީގައި އޮވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި ނުވަތަ އެއީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ރާއްޖެ ޓީވީއަށްއެދިން ހަމަލާއަކީ އެ ސްޓޭޝަނަށް ކުރިން އިންޒާރުތައް ދިނުމަށްފަހު ދީފައިވާ ހަމަލާއެއް ކަމާއި، އަދި ރާއްޖެ ޓީވީ ހިމާޔަތް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ތަކުރާރުކޮށް އެދިފައިވަނިކޮށް ދިން ހަމަލާއެއްކަން ފާހަގަކުރާ ކަމަށެވެ. އަދި އޭގެކުރިން އެ ޓީވީ ސްޓޭޝަންގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑު)އަށް ވެސް މަރުގެ ހަމަލާއެއް ދީފައިވާވަނިކޮށްކަން ހިނގި ކަމެއް ކަމަށް ވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.


އެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވަނީ އެ މައްސަލަ ބަލައި އެކަންކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ