މިނިވަން 50: މިނިވަން 50 ގެ ހަރަކާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމުދީފި

ބަހުސް މުބާރާތުން 1 ވަނަ ލިބިފައިވަނީ އިހަވަންދޫ މަދަރުސާގެ ޓީމަށް. ފޮޓޯ: ލަޔާން އަޙުމަދު / އިހަވަންދޫޑޮޓްކޮމް
މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ކުރިއަށް ގެންދިޔަ ގިނަ ޚަރަކާތްތަކެއްގެ ތެރެއިން ބައެއް ޚަރަކާތްތަކުގެ ހާއްސަ ވަނަތަށް އިއުލާނުކޮށް އެފަރާތްތަކަށާއި މުޥައްސަސާތަކަށް އިނާމުދީފިއެވެ. މިރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ، އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ޖާފަތަށްފަހު ކުރިއަށް ގެންދެވުނު ހާއްސަ ހަފުލާއެއްގައެވެ.
އެގޮތުން، މިނިވަން 50 ފާހަގަކުރުމުގެ ގޮތުން، އިހަވަންދޫ ރަށުކައުންސިލާއި، އިހަވަންދޫ މަދަރުސާގެ އިތުރުން އިމަގު ޖަމިއްޔާ ގުޅިގެން ގެންދެވުނު ހަތަރު އަނގޮޅި ބަހުޘް މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދީފައި ވެއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއީ، މުޅި ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ފުރަތަމަ ބޭވުނު، ހަތަރު އަނގޮޅި ބަހުޘް މުބާރާތެވެ. އަދި މިބަހުޘް މުބާރާތަށް ދިވެހިރާއްޖޭގެ ދިވެހިބަހުގެ އެކަޑަމީއިންވަނީ ހާއްސަ ވަނަތަކަށް ފައިސާގެ އިނާމުވެސް ދީފައެވެ. އެގޮތުން، 3 ވަނަ ބަހުޘް ކުރުން ތެރިޔާއަށް 500 ރުފިޔާ، 2 ވަނަ ބަހުޘް ކުރުން ތެރިޔާއަށް 750 ރުފިޔާ އަދި 1 ވަނަ ބަހުޘް ކުރުން ތެރިޔާއަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިވެހިބަހުގެ އެކަޑަމީއިން ހުށައަޅާފައިވެއެވެ.
މިބަހުޘް މުބާރާތުގެ 3 ވަނަ ބަހުޘް ކުރުންތެރިޔަކަށް ހޮވިފައިވަނީ، އިހަވަންދޫ ކައުންސިލް އިދާރާގެ ޓީމުގެ މޫސާ މާހިރެވެ. 2 ވަނަ ބަހުޘް ކުރުން ތެރިޔާއަށް ހޮވިފައިވަނީ، އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމުގެ ސަޢުދުﷲ އަހުމަދުވެ. އަދި 1 ވަނަ ބަހުޘް ކުރުން ތެރިޔާއަށް ހޮވިފައިވަނީ، އިހަވަންދޫ މަދަރުސާގެ ޓީމުގެ ފަތުޙުﷲ އަހުމަދެވެ. މި ބަހުޘް މުބާރާތުގެ ފަހުރުވެރި 1 ވަނަ ޓީމުގެ މަޤާމު ހާސިލްކޮށް އިހަވަންދޫ ކައުންސިލުން ހުށައަޅާފައިވާ 1500 ރުފިޔާގެ ފައިސާގެ އިނާމު ހާސިލް ކޮށްފައިވަނީ، އިހަވަންދޫ މަދަރުސާގެ ޓީމުންނެވެ. މި ހަތަރު އަނގޮޅި ބަހުޘް މުބާރާތުގެ 2 ވަނަ ޓީމުގެ މަޤާމު، އިހަވަންދޫ ރަށުކައުންސިލްގެ ޓީމުން ހޯދާފައިވާއިރު، 3 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމެވެ. މި ހަތަރު އަނގޮޅި ބަހުސްގައި 4 ވަނަ ޓީމެއްގެ ގޮތުގައި ވާދަކޮށްފައިވަނީ، އިހަވަންދޫ ކުލަބު ޕޯލްސްޓާރގެ ޓީމެވެ.
ބަހުޘް މުބާރާތުގެ އިތުރުން، އިހަވަންދޫ ރަށުކައުންސިލާއި އިހަވަންދޫ ޕޮލިސްޓޭޝަނުން އިންތިޒާމުކުރި ހައްސަ މަސްރޭހުގެ ހާއްސަ ވަނަތައް ހޯދި ފަރާތްތަކަށްވެސް މިރޭ އިނާމު ދީފައިވެއެވެ. އެގޮތުން، އެންމެ ގިނަ މަސް ބާނައިގެން ހާއްސަ ވަނަ ހާސިލްކޮށްފައިވަނީ، އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ ޓީމުގެ މުޙައްމަދު ޢަބްދުއްޞަމަދެވެ. އަދި އެންމެ ބަރު މަސްބާނައިގެން ވަނަ ހާއްސިލް ކޮށްފައިވަނީ، އިހަވަންދޫ މަދަރުސާގެ ޓީމުގެ އަހުމަދު ރަޝީދެވެ. މި މުބާރާތުގައި ބަރުދަނުގެ ގޮތުން އެންމެ ގިނަ މަސް ބާނައިގެން އެއްވަނަ ޓީމުގެ މަޤާމު ހޯދާފައިވަނީ، އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ ޓީމެވެ.
މީގެ އިތުރުން، މިރޭގެ މި ރަސްމިއްޔާތުގައި 29 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދެވުނު، ޘަޤާފީ އާއިލީ ހަވީރުގައި ފާހަގަކޮށްލެވޭ ހާއްސަ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދީފައިވެއެވެ. އެގޮތުން، ފަންގެ ވިނުމުގެ މުބާރާތުން 1 ވަނަ، އިހަވަންދޫ މަދަރުސާގެ ޓީމުން ކާމިޔާބުކުރިއިރު، ރޯނުވެށުމުގެ މުބާރާތުން 1 ވަނަ ކާމިޔާބުކޮށްފައިވަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމެވެ. އަދި ކާށި އެހުމުގެ މުބާރާތުން، 1 ވަނަ ހާސިލްކޮށްފައިވަނީ، އިހަވަންދޫ ރަށު ކައުންސިލް އިދާރާގެ ޓީމެވެ. މިރޭގެ މިހާއްސަ ރަސްމިއްޔާތުގައި ޒުވާން ބޮޑުބެރު ގުރޫޕެއްގެ ބޮޑުބެރުގެ އިތުރުން، ބަނދިކިޔުމުގެ ހާއްސަ އައިޓަމެއް ހުށަ އަޅާފައިވެއެވެ.
ޚިޔާލު ފައުޅުކުރުން