ބޭރުގެ ތިން ކޮލެޖަކާއި ޔުނިވާސިޓީއަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު މަންދު ކޮލެޖުން ފަހިކޮށްދީފި

12 ޖުލައި 2015 1

ރޭ މޫކައި ސުއީޓްސްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަންދު ކޮލެޖް

ބޭރުގެ ތިން ކޮލެޖަކާއި ޔުނިވާސިޓީއަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު މަންދު ކޮލެޖުން ފަހިކޮށްދީފި އެވެ. ރާއްޖެއިން ބޭރުގެ ތިން ކޮލެޖަކާއި އަދި ޔުނިވާސިޓީއަކުން ދިވެހީންނަށް ކިޔެވުމުގެ ފުރުސަތު ފަހިކުރުމަށްމަށް ހަތަރު ތަނަކާއެކު މަންދު ކޮލެޖުން  ރޭ އެއްބަސްވުމުގައި ސޮއި ކޮށްފައި ވާއިރު، އުނގެނުމާއި އުނގަންނައި ދިނުމާއި ދިރާސާ ކުރުމުގެ އެންމެ އުހުގައި ހަރަކާތްތެރި ވުމުގެ ތަޞައްވަރު ހަގީގަތަކަށް ވެގެންދާނެ ކަމަށް މަންދު ކޮލެޖުން ބުނެއެވެ.

ރޭ މަންދުކޮލެޖުން ބޭއްވި ރަސްމިއްޔާތުގައި ވަނީ ލަންޑަން ސްކޫލް އޮފް ކޮމރސް ގްރޫޕް އޮފް ކޮލެޖަސް ގެ ވެސްޓް މިންސްޓަރ އިންޓަރނޭޝަނަލް ކޮލެޖްއާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިކޮލެޖުގެ ޕުރޮގުރާމުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީގެ އޮނަރސް ޑިގްރީ ހާސިލް ކުރެވެއެވެ.

ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން މަންދު ކޮލެޖްގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒު ފުރިހަމަ ކުރާ ދަރިވަރުންނަށް ޔޫ.ކޭ ޑިގްރީ ޓްރާންސްފަރ ޕްރޮގްރާމްގެ ދަށުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން މާސް ކޮމިޔުނިކޭޝަން، ބިޒްނަސް ސްޓަޑީސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައެންޓިންގެ، ފައިނޭންސް އަދީ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލުކުރުމުގެ ފުރުސަތު ލިބެއެވެ.

މަންދު ކޮލެޖުން ރޭ ވަނީ ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާއިން ދަރިވަރުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި މެލޭޝިއާގެ އެސް.ޖީ އެކަޑަމީއާއެކުވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ސިޓީ އެންޑް ގިލްޑްސްގެ ސަނަދުތައް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށް މަންދުކޮލެޖުން ބުނެއެވެ. އަދި މެލޭޝިޔާގެ މަހްސާ ޔުނިވަރސިޓީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަންދު ކޮލެޖްގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒު ފުރިހަމަ ކުރާ ދަރިވަރުންނަށް މަހްސާ ޔުނިވަރސިޓީގެ ހެލްތް ސައިންސުން ނަރސިންގް، ބަޔޮމެޑިކަލް ސައިންސަސް، އެންވަޔަރަމަންޓަލް ހެލްތް އެންޑް ސޭފްޓީ، މެޑިކަލް އިމޭޖިންގް، ފިޒިއޮތެރަޕީ، މެޑިސިން އަދި ފަރމަސީ ފަދަ ދާއިރާ ތަކުން ބެޗްލަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށްވެސް މަންދުން ބުނެއެވެ.

ރޭ މަންދުކޮލެޖުން ވެނުނު އެއްބަސްވުންތަކާއިއެކު، ރާއްޖޭގައި ފަރުމާކޮށްގެން ހިންގާ ކޯހެއް، ބޭރުގެ ޔުނިވަރސިޓީތަކުން ޤަބޫލުކުރާ ރާއްޖޭގެ ފުރަތަމަ މަތީތަޢުލީމުގެ މަރުކަޒަށް މަންދު ކޮލެޖު ވަނީ ވެފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ މަންދު ކޮލެޖް․․․․

– 12 ޖުލައި 2015 0