އިއްޒަތްތެރި މެމްބަރާމެދު ރައްޔިތެއްގެ ދުލުން!!

ކުޑަކޮށް ހާންތިވެގެން، ބަނޑަށް އެއްޗެއްލުމަށް ގެއާދިމާލަށް ހިނގައިގެންފީމެވެ. "ޓުން ޓުން" ޖީބުގައި އޮތް މޯބައިލް ފޯނު އޭގެ ވާޖިބް އަދާކުރިއެވެ. ފޯނަށް ނަޒަރު ހިންގާލިއިރު "ވައިބާރ" ގޮވާނަގަނީއެވެ. ވައިބާރ އަކީ ފަސޭއަކަށްވުރެ އުނދަގުލެކޭ ބައެއްފަހަރު ހިތަށްއަރައެވެ.

ފޯނު ހުޅުވައި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ދެތިން ޒުވާނެއް ސިޔާސީ ގޭސް އަނބުރަނީއެވެ. ކުޑަކޮށް ވާނުވާ ބަލާލިއިރު އެއްޒުވާނަކު ލިޔެފައި އޮތީ ވަރަށް ބައިވަރު "ބަހާ" ވާހަކައެވެ. އަދި އޭނާއަށް ލައްވާލާނެކަމަށް އުއްމީދު ކުރާ ވާހަކައެވެ. އޭނަ ކުރިންކޮށްފައިވާ ވައިބާ ތަކަށް ބަލައިލީމެވެ. ފެނުނުނީ މާޔޫސްކަމެވެ. ކޮށްފައިހުރީ އުއްމީދު ކޮށްގެން ހުރިކަމެއް ހާސިލް ނުވެގެން ކުރާފަދަ ޝަކުވާއެވެ.

އަހަރެން އޭނާ ގާތު ތިހުރީ ދެރަވެފަތޯ އަހާލީމެވެ. "ހިތާމައިގެ ކޮޅެއްނެތް" އޭނަގެ ޖަވާބު ކުރުވެފައި މާނަފުނެވެ. އޭނަގެ ޖަވާބާއި ގުޅިގެން އެހެންޒުވާނަކު ބުނީ އޭނާ ދެރަވެފައިހުރި ސަބަބު ތަހުގީގުކުރަން ފެންނަކަމުގައެވެ. 

ވެފައިހުރި ބަނޑުހައިކަން ހަނދާންނެތުނެވެ. އެޒުވާނާ ދެރަވެފައިހުރި ސަބަބެއް ތަހުޤީގުކުރުމަށް ޖެހުނު ޝައުގެއްގެ ބޮޑުކަމުންނެވެ. ސިއްރު އެކަހެރި ވިންޑޯއެއް ހުޅުވާލައި އެޒުވާނާއި ސުވާލުކުރަން ފެށީމެވެ. ހިތާމަ ކުރަނީ ކޮންކަމަކާ ތޯއެވެ؟

އޭނަގެ ވާހަކަފެށިއެވެ. އަޑު އައްސަވާށެވެ.

"އަހަރެންމީ އާދައިގެ ދިރިއުޅުމެއްއުޅޭ އާދައިގެ މީހަކީމެވެ. ކުރިޔަކުން ސިޔާސީ ވާހަކަދައްކާ ސިޔާސީ ކަންކަމާ ބެހިހަދާ މީހަކީމެއްނޫނީމެވެ. ނަމަވެސް 2013 ވަނައަހަރުގެ ރިއާސީ އިންތިހާބާއިއެކު ޤާސިމްގެ ކެމްޕޭނަށް ނުކުތީމެވެ. ހަރަކާތްތެރިވަމުން ދިއައީ މިހާރުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމާގެ ފަހަތުންނެވެ. ކޮންމެއަކަސް ގާސިމް ދެވަނަބުރަށް ނުގޮސްކެޓުމުން، ޕީޕީއެމްގެ ކެނޑިޑޭޓް ޔާމީންގެ ފަހަތަށް ދިޔައީމެވެ. ހަމަ މުހައްމާ ދެއްކެވި މަގުންނެވެ. ޔާމީންގެ ވައުދުތަށްވެސް މަށަށް ކަމުދާތީއެވެ. ކޮންމެ މަސްވެރިއަކަށް 10،000 ހެވެ. ދަނޑުވެރިއަކަށް 8،000 ހެވެ. ޒުވާނުންނަށް ރިސޯޓް ހިއްސާއެވެ. އަލަށް ކައިވެނިކުރާ ކޮންމެ ދެމަފިރިޔަކަށް ފްލެޓެވެ. މިހެންގޮސް އެތައް ކަމެކެވެ.

ކޮންމެއަކަސް މާތް ﷲ ގެ ވާގިފުޅާ އެކު ޔާމީން މިރާއްޖޭގެ ރައީސަށްވިއެވެ. ޖެހިގެންއައި ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ ރައްޔިތުން ޕީޕީއެމް ކޯލީޝަނަށް ވޯޓްދިނީ ސަރުކާރާއި ގުޅިގެން އިހަވަންދޫގެ ތަރައްޤީ އަވަސްކުރުމަށް ކަމަށް އަހަރެން ދުށީމެވެ. އެތަރައްގީ ބާރުސްޕީޑުގައި އަންނާނެކަމަށްވެސް ޤަބޫލްކުރީމެވެ. އެހެނީ ވެރިކަމުގައި އެއްބައެކެވެ. ރަށުކައުންސިލްގައި އެއްބައެކެވެ. ގުޅިގެން މަސައްކަތްކޮށް ކާމިޔާބު ނުހޯދެންވީ ސަބަބެއްނެތެވެ.

ދެން ކުރިމަތިވީ ބަރުލަމާނީ އިންތިހާބާއެވެ. އަހަރެން ނުކުތީ މުހައްމާ ހޮވާށެވެ. ރަށުދަރިއެއް ރަށު ގޮނޑިއަށް ކަމަށް ބުނެއެވެ. މިހާތަނަށް އައި އިރު އިހަވަންދޫ ދާއިރާއާއި ސަރުކާރާއި ގުޅުވައިލަދޭ މަގުތަކުގެ ތެރެއިން ސަރުކާރަށް ފަތަހަ ނުވަނީ މަޖިލިސް ގޮނޑިއެވެ. އެގޮނޑީގައި ބޭންދުމަށް އެންމެ ފައްކާ މީހަކީ މުހައްމާ ކަމަށް އަހަރެން ދުށީމެވެ. ރަށު ދަރިއެކެވެ. ރަށުގެ ޒުވާނުންނާއި ގުޅުން އޮވެއެވެ. ހަމައެކަނި މައްސަލައަކީ ފަސްބާގައި ކިލަނބުކަމެއް ހުރިކަމެވެ. މީހުން ބުނެއެވެ. އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިންވެސް ފުންމާލާނެއެވެ. އަހަރެން އެކަމެއް ޤަބޫލުއް ނުކުރަމެވެ. ހާއްސަކޮށް މުހައްމާ ދެން އެފަދަ ޅައެއްޗެއް ނާޅާނެކަމަށް އިތުބާރު ކުރީމެވެ.

އަހަރެން މުހައްމާ ގާތު އެދުނީ ދެ ކަމަކަށެވެ. ގޮނޑިއަށް ހޮވުނަސް އަދި ނުހޮވުނަސް އަހަރެމެންގެ މަތިން ހަނދާން ނައްތައި ނުލުމަށާއި އެންމެނަށްވެސް ހަމަހަމަކޮށް ކަންތައް ކޮށްދިނުމަށެވެ. ވަޒީފާއެއް ހޯދައި ދިނުމަކަށް ނޭދެމެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ސިޔާސީ ވެރިން އެފަދަ ކަންކަމުގެ ތެރެއަށް އަތްބޭނުމަކީ އަނިޔާއެކެވެ. އެއީ ކަމަށް އެންމެ އެކަށީގެންވާ އެންމެ ހައްޤު މީހާއަށް ލިބެންޖެހޭ އެއްޗެކެވެ.

ކޮންމެއަކަސް ރައްޔިތުންގެ ފުރިހަމަ އަޤުލަބިއްޔަތާ އެކު ރަށުދަރިއަށް ރަށު ގޮނޑީގައިވެސް އިށީނދެވިއްޖެއެވެ. ސަރުކާރާއި އިހަވަންދޫ ގުޅުވައިލަދޭ ހުރިހާ މަގުތަކެއް ސަރުކާރު ކޯލީޝަނަށް ފަތަހަވީއެވެ. ދެންއޮތީ އަމަލީ މަސައްކަތުގެ ބައެވެ. ވައުދުތައް ފުއްދުމެވެ. އިހަވަންދޫ ތަރައްޤީކުރުމެވެ.

ރަށުގައި ހުރެގެން ކުރާ މަސައްކަތުން ދެކޮޅު ނުޖެހޭތީ އެހައި ހިސާބުން އަހަރެން ރިސޯޓެއްގެ ވަޒީފާއާ ގުޅުނީމެވެ. ރިސޯޓުން ހިއްސާ ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ކަންކަންވެސް ދިއައީ ބަދަލުވަމުންނެވެ. ކުރިން ފަސޭހަކަމާއި އެކު ފޯނުން ބައްދަލުވާ މެމްބަރާއި ގުޅުމަކީ ދަތިކަމަކަށްވާން ފެށިއެވެ.

އެހެން އެވަނީ އިހަވަންދޫގެ ތަރައްޤީގެ މަޝްރޫއު ތަކަށް ވަގުތުދޭންވެގެން އެކަމުގައި މަޝްއޫލުވެގެން އުޅޭތީކަމުގައި ގަބޫލުކޮށް ހިތްހަމަ ޖައްސާލީމެވެ.

ނަމަވެސް މެމްބަރާމެދު ތަފާތު ނަޒަރަކުން ވިސްނަން މަޖުބޫރު ވެއްޖެއެވެ. ރިސޯޓްގައި އުޅޭކުއްޖަކު ދެއްކި ފޮޓޯގަނޑެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ އެޑިޓެއްކަމަށް ޤަބޫލްކޮށް ހިންހަމަޖައްސާލީމެވެ. "ބިޒީ" މެމްބަރަށް އެފަދަ ތަންތަނަށް ވެންނެވުމަށް ވަގުތު ނުވާނެކަމަށް ގަބޫލްކުރީމެވެ.

ދުވަސްކޮޅަކަށްފަހު ދެން އިވުނީ މާ ޝައުގުވެރި ވާހަކައެކެވެ. އިއްޒަތްތެރި މެމްބަރުގެ ގޮނޑީގައި ހުރި ރަތްކުލަ ކަހާ، ފިޔާތޮށި ކުލަ ލާވާހަކައެވެ. އުފާކުރީމެވެ. ސަރުކާރުގެ ރަސްމީކުލަ ލާނީ އިހަވަންދޫގެ ތަރައްޤީ ޔަގީން ކޮށްފައި ކަމަށް ޤަބޫލްކުރެވޭތީއެވެ. ނަމަވެސް ކުލަބަދަލުކުރިތާ ދެތިން މަސްވީއިރުވެސް ނަތީޖާއެއް ނުފެނުނެވެ.

އަނެއްކާވެސް މެމްބަރާއިމެދު ތަފާތު ނަޒަރަކުން ވިސްނަން މަޖުބޫރު ވެއްޖެއެވެ. މިފަހަރު ކުރިން މެމްބަރު ހުންނެވި ޕާޓީގެ ބޭފުޅުން ދައްކަވަމުން ދިޔަ ވާހަކައަކުންނެވެ. މެމްބަރު އެޕާޓީ ދޫކުރެއްވީ ﷲ ގަންދީ ކޮށްގެން ހުންނެވި ހުވައެއް އުވާލުމަށްފަހު ކަމަށް ބުނާތީއެވެ. އަހަރެންގެ ހިތައްއެރިއެވެ. ﷲ ގެ ނަންފުޅު ގަނެ ކޮށްފައިވާ ހުވައެއް އުވާލާމީހުން އެހެން އިންސާނުންނަށް ކޮށްފައިވާ ވައުދާއި އަހުދުތަކަށް ހުރުމަތްތެރިކޮށް ހިތާނެބާއެވެ.

ހިތަށް އެރިއެވެ. މީހުން އެބުނަނީ ރަނގަޅަށެވެ. އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިންވެސް ފުންމާލާނެކަން އެހިސާބުން ގަބޫލުކުރީމެވެ.

ކުރިންވެސް ބުނިފަދައިން މެމްބަރު ގާތު އަހަރެން ދެ ކަމަކަށް އެދުނީމެވެ. ގޮނޑިއަށް ހޮވުނަސް އަދި ނުހޮވުނަސް އަހަރެމެންގެ މަތިން ހަނދާން ނައްތައި ނުލުމަށާއި އެންމެނަށްވެސް ހަމަހަމަކޮށް ކަންތައް ކޮށްދިނުމަށެވެ. ނަމަވެސް މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މެމްބަރަށް ފެންނަނީ ބޮޑުންނެވެ. އޮޑިވެރިންނެވެ. ބަސް ވިކޭ މީހުންނެވެ.

އުއްމީދު ކުރީ މެމްބަރުގެ މަސައްކަތަކަށް ހަދާނީ އިހަވަންދޫ ތަރައްޤީ ކުރުން ކަމުގައެވެ. ނަމަވެސް ފެންނަ ފެނުމަށް މެމްބަރު ފޫގަޅައިގެން ހުރީ ޕާޓީ ތެރޭގައި މެމްބަރުގެ ބާރު ގަދަކުރުމަށެވެ. ބާރުވެރިކަން ހޯދުމަށެވެ. ބާރު ޖެހޭނެހެން ވަޒީފާތަކަށް މީހުން ނެގުމަށެވެ.

އަހަރެން މިހިރީ ދެރަވެފައެވެ. އުއްމީދު ގެއްލިފައެވެ. ރަށުންބޭރުގައި މަސައްކަތް ކުރިއެއްކަމަކު އަހަރެން އަބަދުވެސް އުއްމީދެއް ކުރީމެވެ. އަމިއްލަ ފައިމަށްޗަށް ތެދުވެ އާއިލާއަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ އުއްމީދެވެ. މީއީ އިހަވަންދޫގެ އެތައް ޒުވާނުންގެ އުއްމީދުކަން ޔަޤީނެވެ. ނަމަވެސް...

ނަމަވެސް އެއުއްމީދު ތައް ބައެއްގެ އަމިއްލަ ބޭނުމަށް ވިއްސި ވިހާލިކުރަން މަސައްކަތް ކުރަމުން ދާއިރުވެސް މެމްބަރުގެ ހިލަމެއް ނުވެއެވެ. ހުންނަ ބޭފުޅެއްކަންވެސް ނޭގެއެވެ. ފަހަރުގައި އެއީ މެމްބަރުގެ ޕްލޭނަށް ތަންފީޒް ވަމުން ދާކަމަކަށްވެސް ވެދާނެއެވެ. ވުންގާތެވެ. އިހަވަންދޫގައި ބާރުގަދަ ކޮށް ރައްޔިތުން ފައިބުޑަށް ގެނެސް ސަލާން ޖަހުވާށެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސް، ގޯތި ދިނުމުގެ ކަންތަކުގައި އަމަލުކޮށްފައިވަނީ ރަނގަޅަކަށްނޫނެވެ. ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ މެމްބަރުން ލީޕެޓީޝަނުގައި ކައުންސިލްގެ ނައިބްރައީސް ސޮއެކުރެއްވީ އެހެންވެކަމަށް އަހަރެން ޤަބޫލް ކުރީމެވެ. ދެންފެނުނީ މެމްބަރުގެ ހަރަކާތެވެ. ކައުންސިލްގެ ރައީސްގެ ދިފާއުގައެވެ. ރައްޔިތުންގެ ދިފާއުއަކު ނޫނެވެ. މަސައްކަތް ކުރެއްވީ އިތުބާރުނެތް ކަމުގެ ވޯޓުން ކައުންސިލްގެ ރައީސް ސަލަމާތް ކުރުމަށެވެ. ކައުންސިލް އިސްލާހުކުރަން މަސައްކަތް ކުރެއްވި ތަނެއް ނުފެނުނުނެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަނގަޅަށް ނުވެއްދި އުޅެނިކޮށް، ކުޑަކޮށް މޫނު ކުނިކޮށްގެން ތިބި ކައުންސިލަރުން، މެންބަރުގެ ހިކުމަތު އަމަލީ ބޭނުނުކޮށްގެން "ރުއްސާފިއެވެ". އަހަރެން ޤަބުލޫކުރާ ގޮތުގައި އެހިސާބުން ގެވަޅު ދޫކުރުމުގެ ކަންތައް އެވީ ހަރާބެވެ. ދެން ގެވަޅުދިނަސް އެކަމުގައި އިންސާފުވެރިކަމެއް ފެނުން ދުރެވެ.

ރަށުގެ އުތުރުކޮޅުގައި އުޅޭ ރައްޔިތުން ތިބީ ކުނިގޮނޑުގެ ވިހަދުމުގައި ޖެހި ބުރާންތި ވެފައެވެ. އަހަންނަށް ސިފަކުރެވެނީ އިހަވަންދޫ އަކީ ކުޑަ ޖަލެއްގެ ގޮތުގައެވެ. ވަށައިގެން ފައިބަރު ހަރުގެއެވެ. ގިނަހަރުގެ ތަކުގައި ފައިބަރު އަންދައެވެ. އެތަންތަނާއި ގާތްވުމަކީ މަރު ހެޔޮވާނެކަމެއް ނޫނެވެ. މެމްބަރު މިކަންކަމަށް އަޅެ ވިސްނާބާވައެވެ؟ ގައިމުވެސް މިކަންކަން ހައްލުކުރަން ކަމެއްކުރިތަނެއް އަހުރެން ނުދެކެމެވެ. ނަމަވެސް އެކަން ހައްލުކުރެވޭތޯ ނިކުމެގެން އުޅުނު ކުއްޖަކަށް ހުރަސްއެޅި ވާހަކަ އޭނަބުންޏެވެ.

ރަތްޔިތުން ހަނާވަނީއެވެ. ސަބްސިޑީ ކަނޑާލުމާއެކު ކަރަންޓްގެ އަގު އެތައްތަނެއް އުފުލައިފިއެވެ. ވިޔަފާރި މުދަލުގެ އަގު ބޮޑުކޮށްފިއެވެ. މެމްބަރަށް މިތަން ފެނޭބާއެވެ. ފެންނަމަ މަޖިލީހުގައި އެވާހަކަ ދައްކާނެ ތާއެވެ. އަހަރެންވެސް ޤަބޫލް ކުރަމެވެ. ވިޔަފާރިވެރިންނަށް ދޭސަބްސިޑީ ކަނޑައި ލުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެހެން ހިސާބުތަކުން ކަރަންޓް ޔުނިޓަކަށް ނަގާވަރު އިހަވަންދޫއާ ތަފާތު ބޮޑުކަމެވެ. އަގު ބޮޑުކަމެވެ.

ދާއިރާގެ ޒުވާނުން އުފާވެރި ބަޔަކަށް ހަދާނެކަމަށް މެމްބަރު ވައުދު ވީމެއް ނޫންހެއްޔެވެ؟ އަހަރެން މިހިރީ އުފަލަކުން ނޫނެވެ! އުފާކުރަންވީ ސަބަބެއް ނެތެވެ. ދުވަހަކަށްވުރެ ދުވަހެއް ހިތްވަނީ ނުތަނަހެވެ. ދާއިރާގެ ދަރިއެއް ދާއިރާގެ ގޮނޑީގައި އިނދެ ހާވާ ހަޑިއަކަށް ދާއިރާގެ ޒުވާނުން ގަންނާނެ ލަދު ވަރަށްބޮޑެވެ. ހަމަ ގައިމްވެސް އަހަރެން ލަދުގަނެއެވެ. މެމްބަރާއި މެދަކު މިހާރު އިތުބާރެއް ނެތެވެ. މާދަމާ ކުއްޖަކުގެނެސް ދައްކާލާނީ ކޮންކަހަލަ ފޮޓޮއެއްކަމެއް ނޭގެއެވެ.

މެމްބަރު މިހާރުވެސް އެހުރީ ރަށުގައެވެ. ކުރަންޖެހިފައިވާ މަސައްކަތަކީ ޕާޓީތެރެ ރަމަތަ ކުރުމެވެ. ބޮޑުންގެ މެދުގައި އުފެދިފައިވާ ބާރުހޯދުމުގެ ކޯޅުން ފިނިކުރުމެވެ. ފޭހުނު އިލޮށި ލޮލަށް ހެރުނީކަންނޭގެއެވެ.

ރައްޔިތުންގެ އިހްސާސް މެމްބަރަށް އެނގޭނަމަ މިހާރު އެކުރައްވާ ދަތުރުގައި ބަހާނީ ބޯޅަ ހެއްޔެވެ؟ އެއްބަޔަކު ތިބީ ދުމުގެ ތެރޭގައި ތާށިވެފައެވެ. އަނެއްބަޔަކު ތިބީ ފައިބަރުގެ ވިހަވެފައެވެ. އަނެއްބަޔަކަށް އަނގަޔާ އަތާ ދިމާވަނީ ކިރިއާއެވެ. އަހަންނަށް ހީވަނީ ތިޔަބައްސަވާ ބޯޅައަކީ ރަތްޔިތުންނަށްކުރާ މަލާމާތެއް ހެންނެވެ. މެމްބަރަށް ވަރަށް ސަލާމެވެ."

މިހިސާބަށް އޭނަގެ ވާހަކަ ދިޔައިރު ގެޔާއި ހަމައަށް އާދެވިއްޖެއެވެ. މިހިސާބުން ދެން މިފަހަރަށް ކުރުކޮށްލީމެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސިޔާސީ މީހުންނަށް ބަރޯސާ ނުވުން ވަރަށްވެސް މުހިންމު․ އަދި އެފަދަ މުހިންމު މަގާމަކަށް އޮއްޓަރު ހުރި ރޯފިލާފާވާ މީހަކު ހޮވުން މާ އައުލާކަން ބޮޑުވާނެ․ ސިޔާސީ ޕާރޓީއަކަށް ނިސްބަތްވާ މީހުން ނުހޮވަމާތޯ؟

– 20 މެއި 2015 0

މުހައްމަދު އަބްދުﷲ ކިތަންމެ ވައުދެއް ފުއްދިއަސް މަވާ ސަލާމް

– 20 މެއި 2015 0

ރިޔައީ ހަމަ ވައިބަރ އިން ދެއްކިހާ ވާހަކަ؟

– 21 މެއި 2015 1

މަށަކައް ހިޔެއް ނުވެ ތިޔައީ ވައިބާ އިން ދެއްކި ވާހަކަ އެއް ހެން․․․․ތިހާ ދުރު ގެ އެއް އިހަވަންދޫ އަކު ނުހުންނާނެ․․․ތިހާ ގިނަ ވާހަކަ ތި ދެއްކީ․․․ <br>ކޮންމެ މީހަކު ދެއްކިޔަސް ތެ ދު ވާނީ ތެދަށް․․ މަ ވެސް ތި ދެއްކި ވާހަކަ އަށް ތާއީދު․․․․ދެން އޮތް މަޖިލީހަކަށް މުހައްމާ އަށް ސަލާމް․․․ހާ ދަ ދުރަކުންނޭ މި މުހައްމާ މި އުޅެނީޫ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․ބޮޑު ފޭކެއް މުހައްމާ އެކީ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

– 21 މެއި 2015 0