[HEADER BANNER]
[AD]

އިހަވަންދޫން ގޯތި ދިނުން ސުވާލުމާކެއްގައި....

27 އޭޕުރީލު 2015 4

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ފޮޓޯ: އިހަވަންދޫ.ކޮމް ފައިލް

އިހަވަންދޫން ގޯތި ދޫނުކުރާތާ 6 އަހަރު ފާއިތުވެފައިވަނިކޮށް ގޯއްޗެއްގެ އިންތިޒާރުގައި ތިބި ގިނަބަޔަކަށް ހިނިތުންވުން ގެނުވީ 10 ފެބުރުއަރީ 2013 ވަނަ ދުވަހު ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާ ލުމުންނެވެ. ރައްޔިތުން ގޯއްޗަށް އެދި ފެން ބޮވައިގެންފައިވާވަރު ހާމަވެގެން ދިއައީ ފުރުސަތު ހުޅުވައިލި 100 ގޯއްޗަށް 335 ފަރާތަކުން އެދުމުންނެވެ.

ދެން އަނެއްކާވެސް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ. އަނެއްކާވެސް ގޯއްޗަށް އެދިއެދި ތިބި ރައްޔިތުންނަށް ހިނިތުންވުމެއް ލިބުނީ 29 ނޮވެމްބަރު 2013 އޭރުގެ ކައުންސިލުން ފާސްކުރި ޤަރާރަކުންނެވެ. ގޯތި ބޭނުންވެގެން ހުށަހަޅާފައިވާ 335 މީހުންގެ ތެރެއިން ޝަރުތުހަމަވާ 248 ތިބިކަމަށާއި ޝަރުތުހަމަވާ ކޮންމެ މީހަކަށް ގޯތިދިނުމަށް އިހަވަންދޫ ކައުންސިލުން އިޤުރާރު ވާކަމަށް އެޤަރާރުގައި ވެއެވެ.

ކައުންސިލުންވީ ވަރުގަދަ އިޤުރާރްވީތާ މާގިނަ ދުވަސްތަކެއްނުވެ ކައުންސިލްގެ ދައުރު ނިމި އާ ކައުންސިލެއް ހުވާކުރިއެވެ. އާކައުންސިލްގެ ރައީސް 2 އޭޕުރީލު 2014 ގައި ބުނުއްވީ އިހަވަންދޫން ގޯތި ދިނުމަށް ފަށާފައިވާ މަސައްކަތް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް އިހަވަންދޫ ކައުންސިލުން ފަށާފައިވާ ކަމަށާއި ނަމަވެސް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެވޭކަށް ނެތްކަމުގައެވެ. އަނެއްކާވެސް މާޔޫސްކަމެވެ. ދެން އަދި އިވުނީ މާއެހެންކަހަލަ ވާހަކައެވެ. ކައުންސިލަރު މުހައްމަދު ރަޝީދު ފޭސްބުކްގައި ލިޔުއްވި ކޮމެންޓަކުން އެއްބަޔަކަށް އުފާވެރިކަން ގެނުވިއިރު އަނެއްބަޔަކުވީ މާޔޫހެވެ. އެބޭފުޅާ ލިޔުއްވާފައިވާ އޮތީ ގެވަޅު ވަރަށް އަވަހަށް ދޫކުރާނެ ކަމަށާއި ދެ ކުދިން ތިބި މީހުންނަށް ގެވަޅު ކަށަވަރުކަމުގައެވެ.

އަނެއެކާވެސް ގެވަޅުގެ ވާހަކަ ހިނދުމަށްފަހު މިދިޔަ ހަފުތާގައި އެވާހަކަ ފާޅުވީ ބޮޑު ޓުވިސްޓަކާއި އެކުއެވެ. ކައުންސިލްގެ ރައީސް އާސިފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއިރު އިދިކޮޅުމެންބަރުން ފާހަގަކުރި 32 ނުގުތާގެ ތެރޭގައި ގޯތި ދޫކުރުމުގެ ކަންތައް އޮތްތަން ފެނުނެވެ. ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 100 ގޯތި ކައުންސިލްގެ އެއްވެސް މެންބަރަކަށް ނޭގި ލޭންޑް ސާރވޭ އޮތޯރިޓީއަށް ފޮނުވާއިގެން ކެންސަލް ކުރިކަމަށް އިދިކޮޅުމެންބަރުން، ތުހުމަތު ކުރެއެވެ.

ކަމަކަމީ އެތައްބައެއްގެ ވިންދާއި ގުޅިފައިވާ ކަމަކަށްވާތީ، ގޯތި ދިނުމުގެ މަސައްކަށް ހަޤީގަތުގައި ކުރިމަތިވެފައިވާ ފުލުސްޓޮޕަކީ ކޮބައިކަން ތިލަކޮށްލެވޭތޯ މަސައްކަތް ކުރީމެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މިކޮޅަށް (ކައުންސިލަށް) މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ފުނުވާފައޮތް ޖަވާބެއް. އޭގައޮތީ ލަފައެއް ދީފަ. ކައުންސިލުން ގޯތިދިނުމަށް ކޮށްފައޮތް އިއުލާން ގައި ޤަވާއިދާއި ހިލާފު ކަންތައްތަކެއް އެބަހުރި ކަމަށާއި އަލުން އިއުލާނުކޮށްގެން ގޯތި ދިނުމަށް ލަފާދޭކަމަށް. ދެން އަޅުގަނޑުމެން ބެލީ އެއީ މިކޮޅުން ފޮނުވި ކޮންސިޓީއެއްގެ ޖަވާބެއްތޯ. ބެލިއިރު އެނގުނީ ގޯތީދޫކުރަން ކުރިން ކޮށްފަ އޮތް އިއުލާންގަ މިވެނި މައްސަލަތަކެއް އެބަހުއްޓޭކިޔާފަ މިކޮޅުން އެކޮޅަށް (މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަށް) ލަފައަކަށްއެދި ލިޔުމެއް ފޮނުވާފައޮތް ކަން" ކައުންސިލަރު މޫސަ އަބުދުއްލަތީފް އޭނައަށް އެކަން އެނގުނުގޮތް ތަފްސީލް ކޮށްދިނެވެ.

މޫސަ ބުނުއްވި ގޮތުގައި އެކަމުގައި ލަފައަކަށްއެދި މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ފޮނުވާފައިވަނީ ކައުންސިލުގައި މަޝްވަރާކުރުމެއް ނެތިއެވެ. އެބޭފުޅާ ގަބޫލުކުރާ ގޮތުގައި، ކައުންސިލްގެ ނިންމުމެއްނެތި އެފަދަ ލިޔުމެއް ކައުންސިލުން ބޭރެއް ނުކުރެވޭނެއެވެ.

ކައުންސިލްގައި ހިމެނޭ ޕީޕީއެމް ކައުންސިލަރަކު ނަންނުޖެހުމަށް އެދި ބުނުއްވީ ގޯތީދިނުމުގެ ކަންކަން އަނެއްހެން ހިނގާފައޮތްގޮތް ގޯސް ނޫންކަމަށާއި ރާއީސް ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ގޯތި ދޫކުރުމަށް ކަމަށެވެ. "އެގޮތުން މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން މިހާރު ދީފައޮތް ލަފާ (އަލުން އިއުލާންކޮށްގެން ގޯތި ދިނުމަށް) ބަދަލު ކޮށްދިނުމަށްއެދި މިހާރު ވާނީ ފޮނުވާފަ، މަސައްކަތް ކުރަމުންމިދަނީ ވީހާވެސް އަވަހަކަށް ގޯތި ދިނުމަށް" އޭނާ ބުނުއްވިއެވެ. އެބޭފުޅާވެސް ބުނުއްވީ ކައުންސިލުން އެފަދަ ލަފައަކަށް އެދި މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގައި އެދުމުން ވަރަށް ހިތްހަމަ ނުޖެހުނު ކަމުގައެވެ. "ނިމިފަ އޮތް ކަމެއްގަ، ލޭންޑް އޮތޯރިޓީގަ އެގޮތަށް ލަފަޔަށް އެހީމަ ހިތްހަމަ ނުޖެހުނު" އެބޭފުޅާ ބުނުއްވިއެވެ. އަދި ހަމަ އެއާއެކު މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް އެހުމުގެ ކުރިން ކައުންސިލް ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރިކަން ނުވަތަ ނޫން ކަމެއް ނޭގޭކަމަށް ވެސް އެބޭފުޅާ ބުންޏެވެ. ނަމަވެސް އެކަމުގައި މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް އެހީ މޯނިންގް ބްރީފިންގައި މަޝްވަރާ ކޮށް ކައުންސިލަރެއްގެ ލަފާގެ މަތިންކަމަށް ރައީސް އާއި ޒިންމާދާރު ވެރިޔާ ދަންނަވާ ކަމުގައި އޭނާ ބުނުއްވިއެވެ.

ކައުންސިލަރު އަލީ ރަމީޒް ބުނުއްވީ އެކަން އުޅެނީ އެބޭފުޅާގެ "ބޮލަށް ކަނޑާލަން" ކަމުގައެވެ. "ރައީސް އާއި ޒިންމާދާރުވެރިޔާ އުބުނާ މޯނިންގް ބުރީފިންގް އެއްގައި އޮގޮތަށް (ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް އަހަން) މަޝްވަރާ ދިނީ އަހަންނޭ އެމީހުން ބުނަނީ. އެކަމަކު ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށްއަހާ އެލިޔުން ބޭރުކޮށްފައިވަނީ މިއަހަރުގެ މާޗް 4 ވަނަދުވަހު. އަހަރެންމީ މިއަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަދުވަހުން ފެށިގެން މާޗް 29 އަށް ޗުއްޓީގައި ހުރިމީހެއް. އަނެއްކާ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން މޯނިން ބުރީފިންއެއް ނުބާއްވާ. އެހެންނޫނަސް މޯނިން ބުރީފިންއެއްގައި މަޝްވަރާކޮށްގެ ނިންމޭނެ ކަމެއްނޫން އެއީ. ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅާ، އަގުލަބިއްޔަތުން ފާސްކޮށްގެން އެކަން ކުރެވޭނީ" އަލީ ރަމީޒް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ކުރިން ގޯތިދޫކުރުމަށް ކޮށްފައިވާ އިއުލާނުގައި މައްސަލަހުރިކަމަށް ބުނެ ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް އެހީ އޮޅުވާލުން ތަކެއްގެ ތެރޭން ކުރިންކޮށްފައިވާ އިއުލާން ބާތިލް ކުރުމަށްކަމަށް އަލީރަމީޒް ތުހުމަތު ކުރައްވައެވެ. " ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް ފޮނުވާފަ އޮތް ސިޓީގަ ފާހަގަ ކޮށްފަހުރި، ގޯއްޗަށް ކުރިމަތިލުމަށް ކުރިން ކޮށްފައޮތް އިއުލާނުގައި ކުރިމަތި ލާމީހުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތު ފަދަކަންކަން ހިމަނާފަ ނެތްވާހަކަ. ކުރިން ކޮށްފަ އޮތް އިއުލާނާއި އެހެންލިޔެ ކިއުންތައްވެސް ބަލާފިން. އެއެއްޗެހި އެބަހުރި ޝަރުތު ތަކާ އެއްޗެހި ހިމަނާފަ. މީ އެހެންވީމަ އޮޅުވާލުމެއްގެ ތެރޭން ހިންގަމުންދާ ކަމެއް ނޫންތޯ؟" އަލީ ރަމީޒް ސުވާލު އުފެއްދިއެވެ.

ގޯތި ދިނުމުގެ ކަންތަކަށް މިފަދަ "ޓުވިސްޓެއް" ގުނުވީ އިހަވަންދޫއަށް ނިސްބަތްވާ ޕީޕީއެމް އެކްޓިވެސްޓެއްގެ ނުފޫޒާއި ރޭވުމުގެ ދަށުންކަމަށް އަލީރަމީޒް ތުހުމަތު ކުރައްވައެވެ. އޭނާ ތުހުމަތު ކުރާގޮތުގައި ކުރިން ގޯތި ދިނުމަށް ކޮށްފައިވާ އިއުލާނުގެ ދަށުން ކުރިމަތި ލާފައިވާ ފަރާތްތަކަށް ގޯތިނުދީ އެކަން ހުއްޓުވަން މަސައްކަތްކުރާތާ އެތައްދުވަހެއް ވެއްޖެއެވެ. " އެމީހުންނަށް އެކަން ނުވެއޮތީ ޕީޕީއެމްގެ ކައުންސިލަރުންވެސް އެކަމަށް ތާއީދު ނުކުރާތީ. އެމީހުންނަށްވެސް އެނގޭ ކައުންސިލަށް ހުށަހަޅާގެން އެމީހުން ބޭނުންވާގޮތަށް އެކަން ނުނިންމޭނެކަން. އެހެންވެ އޮޅުވާލުމުގެ ތެރޭން އެމީހުންނަށް އެކަން ކުރަން ޖެހުނީ" އަލީ ރަމީޒް ބުނުއްވިއެވެ.

ކައުންސިލްގެ ރައީސް ޢާޞިފްގެ ބަސް މިކަމުގައި މުޅިން ތަފާތެވެ. "ބިމާ ބެހޭ ޤާނޫނުގައި ވާގޮތުން ގޯތި ދޫކުރެވޭނީ ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތަކާއި އެމީހުންނަށް ޕޮއިންޓް ދޭނެ އުސޫލެއް ކައުންސިލުން ފާސްކޮށް، މިނިސްޓްރީއަށް ފޮނުވައިގެން ހުއްދަލިބުމުން. ކުރިން އިއުލާން ކުރިއިރު އެއުސޫލުން ކަންކޮށްފަކާ ނެތް. ވީމާ މިހާރު ގޯތި ދޫކުރާއިރު ތިބިބައެއް މިކަމުގައި ޒިންމާނަގަން ޖެހޭނީ އެހެންވެ ހުރިހާ ކައުންސިލަރުންގެ ރައްކަލަކަށް މިނިސްޓްރީގެ ލަފަޔަކަށް އެދުނީ." ޢާޞިފް ބުނުއްވިއެވެ. ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަޝްވަރާއަށް އެހީ ކައުންސިލްގައި މަޝްވަރާ ކޮށްފައިތޯ އެހުމުން ޢާޞިފްބުބުނުއްވީ، ކައުންސިލްގައި މަޝްވަރާ ނުކުރިޔަސް ސަރުކާރުގެ ކަމާބެހޭ ތަންތަނުގައި ދަންނަވައިގެން އެކި ކަންކަމުގައި މަޝްވަރާތަކާއި ލަފާހޯދުމަކީ އެބޭފުޅާގެ ފަރުދީ ޒިންމާއެއް ކަމުގައި އެބޭފުޅާ ދެކޭކަމުގައެވެ.

ޢާޞިފް އިތުރަށް ބުނުއްވީ މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ދީފައިވާ ލަފައިން ކުރިން ކޮށްފައިވާ އިއުލާނުގެ ދަށުން ގޯތިދިނުމަށް ހުރަހެއް ނެތްކަމުގައެވެ. "ކުރިން ކޮށްފައިވާ އިއުލާނުގެ ދަށުން ގޯތި ދެވިދާނެ. ނަމަވެސް އޭރުން ޖެހޭނީ ކުރިމަތިލާފަތިބި ޝަރުތުހަމަވާ ހުރިހާ އެންމެންގެ މެދުގައި ގުރަކަށް ދާން. ޕޮއިންޓް ދީގެން އެކަމެއް ނުކުރެވޭނެ. ސަބަބަކީ ޕޮއިންޓް ދޭނެ އުސޫލެއް އޭރު އާމުކޮށްފައި ނެތުން" ގޯތި ދެވެން އޮތްގޮތް އާސިފް ތަފްސީލު ކޮށްދިނެވެ.

ނަމަވެސް ވަރަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކައުންސިލުން އެހި ލަފަޔާއި ގުޅިގެން މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކައުންސިލަށް ފޮނުވާފައިވާ ލަފާގައިވަނީ ކުރިން އިހަވަންދޫން ގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާން ބާތިލްކޮށް، 29 އޮކްޓޯބަރ 2013 ގައި އެ އޮތޯރިޓީން ހުއްދަ ދީފައިވާ 100 ގޯތި ދޫކުރުމަށް ބިމާ ބެހޭ ޤާނޫނާއި، ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ގޯތި ދިނުމަށް އަލުން އިއުލާން ކުރުމަށް ފެންނަ ކަމުގައެވެ.

ކޮންމެއަކަސް އެތައްބައެއް އުންމީދާގައި ގުޅުފައިވާ މިކަންތައް މިހާރުމިވަނީ ވާނުވާގައެވެ. އިހަވަންދޫ މަދަރުސާގައި މުދައްރިސެއްގެ ވަޒީފާ އަދާކުރާ އިބްރާހިމް ނަޝީދު ބުނީ ކަންކަން ދާގޮތުން އަވަސް މުސްތަގް ބަލެއްގައި ގޯތި ލިބޭނެކަމަށް އުއްމީދު ނުކުރާ ކަމުގައެވެ. ނަޝީދު އުންމީދު ނުކުރިޔަސް، ކައުންސިލަރަކަށް އިތުބާރުކޮށް ޖޫންމަހުގެ ކުރިން ގޯތިލިބޭނެ ކަމަށް ޤަބޫލްކޮށްގެން ހުރި ޒުވާނަކާ ދިމާވިއެވެ. އޭނާ ބުނީ ކައުންސިލް މެމްބަރ މުޙައްމަދު ރަޟީދަށް އިތުބާރު ކުރާ ކަމުގައެވެ. "މޯޑް ބުނި، ހަމަ ނޭވާ ލާނީ އެކަން ކޮށްފައޭ! ޖޫން މަހުގެ ކުރިން ގެވަޅު ދީ ނިންމާނަމޭ" އެޒުވާނާ ބުންޏެވެ.

[BOTTOM CONTENT BANNER]
ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް, ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ވެދުން

– 27 އޭޕުރީލު 2015 0

ތިޔާޔަކީ ސުވާލެއް އޮތްކަމެއްނޫން․ މިހާރުގެ ރައީސް ބޭނުމެއްނުވޭ މާލެއާ މާލެކައިރި ނޫން ތަނެއް ތަރައްޤީވާކަށް އެހެންވީމަ، އިހަވަންދޫން ގޯތި ދިނުން އެއީ ސަރުކާރުން އެންމެ ކުރަން ބޭނުންނުވާ ކަންތައް․ އަނެއްކާ ރައީސް އެވަނީ ޒުވާނުންނަށް މާލެއާ ހުޅުމާލެއަށް ވަޒަންވެރިވާން އަންނަންވެސް ގޮވާލާފަ އެއްނު․

– 27 އޭޕުރީލު 2015 0

ގޯތި ދޫކުރުމުގައި އިސްކޮށްއުޅޭ ބޭފުޅާއަށް އިހަވަންދޫގެ ބަންޑާރަ ގޯތީގެ ރެކޯރޑު އަދަދެއްގެ ބޮޑު އަކަފޫޓުން ގޯތި ލިބިފަވާއިރު އެހެން ބަޔަކަށް ގޯތިދިނުމާމެދު އޭނާ ވިސްނާނެހެނެއް ހިއެއް ނުވޭ․

– 27 އޭޕުރީލު 2015 0

ކައުންސިލްގެ ވެރިއެއްގެ ގޯތީ ކުއްލިއަކަށް ބޮޑުވިތަން ފެނުނު․ އެހެން މީހުންނަށްވެސް އެތިކޮޅެއް ދީގެން ކުރާކަމެއް ކޮށްބަ․ ދަރިފުޅު މީހަކާ އިނީމަ އޭނާއަށްވެސް ކުރިމަތިލެވޭ ގޮތް ހަދަނީ ދޯ؟

– 27 އޭޕުރީލު 2015 0