އަނިޔާވެރިކަމާއި ދެކޮޅު ހަރަކާތްތަކަކީ އަދާލަތު ޕާޓީން އިސްނަގައިގެން ހިންގާ ހަރަކާތްތަކެއް – އަދާލަތު

24 އޭޕުރީލު 2015 0

އަދާލަތު ޕާޓީ އާއެކު ފުލުހުން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕޮލިސް

"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި މާލެ އާއި އަތޮޅުތަކުގައި މިހާރު ކުރިޔަށް ގެންދާ ޙަރަކާތްތަކަކީ އަދާލަތު ޕާޓީން އިސްނަގައިގެން ހިންގާ ޙަރަކާތްތަކެއްކަމަށް އެޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ މާލޭގައި ސިލްސިލާ ގޮތެއްގައި ކުރިޔަށްދާ އެއްވުންތަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފުލުހުން ކުރިޔަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުމުގައިއެވެ.

ފުލުހުން ބުނެފައިވަނީ އިސްކަންދަރު ކޮށީގައި އިއްޔެ އޮތް އެބައްދަލުވުމުގައި އަދާލަތު ޕާޓީން ވަނީ "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މިނަމުގައި މާލެއާ އަތޮޅުތަކުގައި މިހާރު ކުރިޔަށް ގެންދާ ޙަރަކާތްތަކަކީ އަދާލަތު ޕާޓީން އިސްނަގައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިގެން މަދަނީ އިއްތިހާދާއި ސިޔާސީ އެހެން ބައެއް ޕާޓީތަކުގެ ވަކިވަކި މެމްބަރުންގެ ފަރުދީ އެހީތެރިކަމާއެކު ހިންގާ ޙަރަކާތްތެއްކަމަށް ފުލުހުންނަށް ޔަޤީންކަން ދީފައި ވާކަމަށެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ މިހާރު ކުރިޔަށްދާ ސިޔާސީ ޙަރަކާތްތަކަކީ ފުލުހުންނާ ސިފައިންނާ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޙަރަކާތްތަކެއް ނޫންކަމަށާ ފުލުހުންނާ ސިފައިންނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން ފުލުހުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ފެށޭ ހަފްތާގައި، އެފަދަ އެއްވުންތަކުގައި އިސްކޮށް ޙަރަކާތްތެރިވާކަމަށް ފާހަގަކުރެވޭ ފަރާތްތަކާއެކު ބައްދަލު ކުރައްވާނެކަމަށް އިއްޔެގެ ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް އެސްޕީ އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ