ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމަތްކޮށް ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފި

21 އޭޕުރީލު 2015 0

ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ -- ޕޮލިސް ފައިލް ފޮޓޯ

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމާތް ކޮށް އެ މީހުން ރަހީނުކުރި ކަމަށް ތުޙުމަތު ކުރެވޭ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސި 18:00 ހާއިރު ދެ ބިދޭސީއަކު ރަހީނުކޮށްފައިވާ މައްސަލަ ރޭ ދަންވަރު 01:40 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ސްޕެޝިއަލް އޮޕަރޭޝަންސްގެ އިތުރުން ފޮރެންސިކް ސާރވިސް ޑައިރެކްޓަރޭޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިތިބި ދެ ބިދޭސީން ސަލާމަތް ކޮށްފައިވަނީ ރޭ ދަންވަރު 02:45 ހާއިރު ކަމަށެވެ.

ރަހީނު ކޮށްފައިތިއްބާ ފުލުހުން ކުރި މަސައްކަތުން ސަލާމަތް ކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ބަނގުލަދޭޝްގެ ދެ ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ ގަލޮޅު އަވަށުގައި ހުރި ގެއެއްގައި ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމަތް ކުރުމަށް ފުލުހުން ހިންގި މި އޮޕަރޭޝަންގައި އެ ގެއަށް ބާރުގެ ބޭނުންކޮށް ފުލުހުން ވަތް އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ